އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ބާއްވަން ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުންކުރަން ފުރުސަތު ނުދޭ ކަމަށް ބުނެ އެ ޕާޓީން ދެއްކި ވާހަކަތައް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ދޮގުކުރެއްވައިފިއެވެ.

މިއަދު ކުރިއަށް ދިޔަ އެމްޑީޕީގެ ޕްރައިމަރީގައި ވޯޓުލާ މަރުކަޒުތަކުގެ ގޮތުގައި ސްކޫލްތައް ބޭނުންކޮށްފައި ވާއިރު، މިކަމާ ގުޅިގެން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ، ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ބާއްވަން ސްކޫލްތައް ހޯދަށް އެދުމުން އެޑިއުކޭޝަން މިނިސްޓްރީން އެ ފުރުސަތު ދީފައިނުވާ ކަމަށެވެ.

ޕީޕީއެމްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އައިޝަތު އަލީ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ އެ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ، ސެނެޓް، ޖެނެރަލް މީޓީންތައް އަދި ކޮންގްރެސް ބާއްވަން ސްކޫލުތައް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ދޫކުރާ ކަމަށެވެ. އެހެންނަމަވެސް ކެމްޕެއިން ހަރަކާތްތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ބާއްވަން އެމްޑީޕީއަކަށް ވެސް އަދި އެހެން ސިޔާސީ ޕާޓިއަކަށް ވެސް ސްކޫލުތައް ދޫނުކުރާކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ސަރުކާރު ސްކޫލެއްގައި ވެސް އެ ފަދަ ހަރަކާތްތަކަށް ބޭނުން ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ހޯދަން ޖެހެއެވެ.