2 ކެންޑިޑޭޓުން އިންތިހާބު ކާމިޔާބުކުރައްވައިފި ކަމަށް އެ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ޓީމުން ބުނެފިއެވެ.

64.7 ޕަސެންޓުން ރައީސް ނަޝީދު އިންތިހާބު ކާމިޔާބުކުރައްވައިފި ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަދި ނަޝީދުގެ އިންތިހާބީ އޭޖެންޓް ހަސަން ލަތީފް ވިދާޅުވެފައިވާއިރު ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ވެސް ވަނީ ހަމަ އެފަދައިން ވިދާޅުވެފައެވެ.

ހަސަން ލަތީފް ވިދާޅުވީ ނަޝީދު ކާމިޔާބުވެއްޖެކަން އެގްޒިޓް ޕޯލް ތަކުން ދައްކާ ކަމަށެވެ. އަދި އެކަން ވަނީ ނަޝީދުގެ ކެމްޕެއިން ޓީމުންވެސް އިއުލާންކޮށްފައެވެ. އެއާއެކު ރައީސް ސޯލިހުގެ ޓީމުން ބުނީ އެގްޒިޓް ޕޯލް އިން ދައްކާ ގޮތުން، ރައީސް އިބޫ 67 ޕަސެންޓުން މި އިންތިހާބު ކާމިޔާބުކުރައްވައިފިއެވެ.

މިއަދުގެ ކުރިއަށް ގެންދާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި 57،255 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މާލެއާއި އަތޮޅު ތެރޭގައި ގިނަ އަދަދެއްގެ ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ގިނަ މަރުކަޒުތަކެއްގައި މިއަދު ހެނދުނު 9 ޖެހިއިރު ޕްރައިމަރީގެ ވޯޓުލުން ފެށިގެން ކުރިއަށް ގެންގޮސްފައިވާއިރު، ވޯޓު ފޮށިތައް ބަންދު ކުރުމަށް ހަމަޖެހިފައި ވަނީ ހަވީރު 5 ގައެވެ. މިހާރު ބައެއް ފޮށިތައް ވަނީ ބަންދުކޮށްފައެވެ.

ގދ. ތިނަދޫ އާއި އެ އަތޮޅު ރަތަފަންދޫ ވޯޓު ފޮށި ފަޅާލި މައްސަލާގައި ރައީސް ނަޝީދުގެ 3 މަންދޫބަކު ހައްޔަރު ކޮށްފައިވާއިރު ގދ. ގައްދޫއާއި ތ. މަޑިފުށީގެ ވޯޓު ފޮށި ވެސް ވަނީ ފަޅާލައިފައެވެ. އެހެންނަމަވެސް މަޑިފުށީގައި ވޯޓުލާން ފަށާފައިވާއިރު މިހާރު ވޯޓުލާން ފަށާފައިވަނީ ދަގަނޑު ފޮއްޓަކަށެވެ.

ވޯޓު ފޮއްޓަށް ގެއްލުން ދިން މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރެއް އެމްޑީޕީއިން ދީފައިވާއިރު ރައީސް ނަޝީދު ވަނީ ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލުމަށް އަދި ވޯޓު ގަޑުބަޑު ކުރާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ. އަދި ސާފު ވޯޓަކުން މޮޅުވާނެ ކަމަށާއި ވާދަވެރިން ވޯޓް ފޮށިތައް ގަޑުބަޑުކޮށް މަސްލަހަތު ނަގާލަން ހިންގާ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.