އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް މިއަދު ހަވީރު ބާއްވާ ހިނގާލުމުގައި ހީކުރި ވަރަށް ވުރެ މީހުން މަދެވެ.

މި ހިނގާލުން ފަށާފައި ވަނީ އާޓިފިޝަލް ބީޗް ސަރަހައްދުން ހަވީރު 4:30 ގައެވެ. މަޖީދީ މަގުން މިހާރު މި ހިނގާލުން ކުރިއަށް ދާ އިރު ހިނގާލުމުގެ އެންމެ ކުރީ ސަފުގައި ރައީސް ނަޝީދު ހުންނަވައިގެން ކުރިއަށް ދާ މަންޒަރު ފެނެއެވެ. ރީނދޫ ކުލައިގެ ޓީޝާޓާއި ނަޝީދުގެ ކެންޑިޑޭޓް ނަންބަރު ޖަހާފައިވާ ކަރުދާސްކޮޅުތައް ހިފައިގެން މީހުން ތިބި އިރު، އެ ހިނގާލުމުގައި ޖަހާފައިވާ ނަޝީދުގެ ކެމްޕެއިން ލަވައާ އެއްވަރަށް ހުރިހާ ސަޕޯޓަރުން ދަނީ އަތްތިލަބަޑި ޖަހަމުންނެވެ.

މި ހިނގާލުމުގައި ގާތްގަނަޑަކަށް 500 - 700 އެއްހާ މީހުން ބައިވެރިވެފައިވާ ކަމަށް ބެލެވޭ އިރު، މިއީ ނަޝީދުގެ ހިނގާލުމުގައި ބައިވެރިވާނެ ކަމަށް ލަފާ ކުރި ސަޕޯޓަރުންގެ އަދަދާ ބަލާއިރު ދަށް އަަދަދެކެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީއަށް ވާދަކުރާ ދެ ކެންޑިޑޭޓުން ވެސް އަންނަނީ ފޯރިއާ އެކު ކެމްޕެއިން ކުރައްވަމުންނެވެ. އެގޮތުން ރޭ ރައީސް ނަޝީދުގެ ކެމްޕެއިން ނިންމަވާލެއްވުމަށް ވަނީ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވާފައެވެ.

ރޭގެ އެ ޖަލްސާ ކުރުކޮށްލާފައި ރައީސް ނަޝީދު ޖަލްސާ ދޫކުރައްވާ ވަޑައިގަތީ ސަލާމާތީ ނުރައްކަލެއް އުޅޭތީ ކަމަށް ގިނަ ބަޔަކު ބުނެ އެ އަޑުތައް ފެތުރި ނަމަވެސް ފުލުހުންނާއި އެމްއެންޑީއެފުން ވަނީ އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް ބުނެފައެވެ. އަދި ނަޝީދުގެ ކެމްޕެއިން ޓީމުން ބުނެފައި ވަނީ ރައީސް ނަޝީދު ޖަލްސާ ނިންމަވާލައްވާފައި ވަޑައިގަންފައި ވަނީ އެރޭގެ ޕްލޭނާ އެއްގޮތަށް ކަމަށެވެ.

މިހާރު ރައީސް ނަޝީދުގެ ހިނގާލުން ކުރިއަށް ދާ އިރު ވާދަވެރި ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޓީމުން ވަނީ ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައާއި ހުރިހާ ރަށެއް / ސިޓީ ޖަގަހަތަކުގައި މިއަދު ހަވީރު ސައެއް ބާއްވަން ނިންމާފައެވެ.