އެމްޑީޕީގެ ރިޔާސި ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ކެންސަލްކަމަށް ބުނެ، ފޭކު މެސެޖުތަކެއް ދައުރުވާން ފަށައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ނަމުގައި ދައުރުވާ އެ މެސެޖުގައި ބުނީ، ނަޝީދު އާލާސްކަންފުޅާ އުޅުއްވާތީ، އާޓިފިޝަލް ބީޗުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ ޖަލްސާ ކެންސަލްވެއްޖެ ކަމަށެވެ. އީވާގެ ނަމުގައި ފޮނުވާފައިވާ މެސެޖުގެ ސްކްރީންޝޮޓްތަކެއް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށައިފައެވެ.

މިކަމާ ގުޅިގެން އީވާ ވިދާޅުވީ، ނަޝީދުގެ ޖަލްސާ ކެންސަލްވެއްޖެ ކަމަށް ބުނެ، އޭނާގެ ނަމުގައި ދައުރުވަމުން ދަނީ ފޭކު މެސެޖުތަކެއް ކަމަށެވެ.

ނަޝީދު ވެސް ވަނީ އީވާގެ ނަމުގައި ފޮނުވާފައިވާ މެސެޖަކީ ފޭކް މެސެޖެއްކަން ކަށަވަރުކޮށްދެއްވައިފައެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅެވެ. އަދި މިރޭގެ ޖަލްސާގައި ބައިވެރިވުމަށް ވަނީ އެދިވަޑައިގެންފައެވެ.

މި މެސެޖުތަކުގެ ފަހަތުގައި ވަނީ ނަޝީދުގެ ވާދަވެރިޔާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ޓީމް ކަމަށް އީވާ ތުހުމަތުކުރައްވައެވެ.

ފޯރިގަދަވާނެ ކަމަށް ބެލެވޭ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ކުޑަތަންވަމުން އަންނަ އިރު، މިރޭ އޮތީ ނަޝީދުގެ އިތުރުން ރައީސްގެ ވެސް ކެމްޕެއިން ނިންމާ ޖަލްސާއެވެ. ނަޝީދުގެ ޖަލްސާ އާޓިފިޝަލް ބީޗުގައި އޮންނަ އިރު، ރައީސްގެ ކެމްޕެއިން ނިންމާ ޖަލްސާ އޮތީ އައްޑޫ ހިތަދޫގައެވެ.