ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ އިންތިހާބު ސައްހަކަމާއި އިތުރުބާރު ދެމެހެއްޓުމަށް ޓަކައި އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމުން 20 ކަމެއް ހިމަނާ އެމްޑީޕީ ޗެއާޕާސަން ފައްޔާޒު އިސްމާއިލަށް ސިޓީއެއް ހުށަހަޅައިފިއެވެ.

ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުން ހުށަހެޅި ސިޓީގައި ބުނެފައިވަނީ އެކަންކަމަކީ އިންތިހާބުގެ ސައްހަކަން ދެމެހެއްޓުމަށް ކޮންމެހެން ފުރިހަމަ ވާން ޖެހޭ ކަންކަން ކަމަށް ދެކޭ ކަމަށެވެ.

އެ ޓީމުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި:

  1. ވޯޓުލާ މަރުކަޒުގައި އެ ފޮއްޓަކަށް ވޯޓު ހައްގުވާ މީހުންގެ، ދެ ކެންޑިޑޭޓް ސޮއިކޮށްފައިވާ ލިސްޓު އާންމުކޮށް، ހާމަކޮށް ފެންނާން ހުންނާނެހެން ބެހެއްޓުން.
  2. ވޯޓުލާ މަރުކަޒުގައި ވޯޓު ލާން ފެށުމުގެ ކުރިން، އެ މަރުކަޒަކަށް ލިބުނު ވޯޓު ކަރުދާސްތައް ކެންޑިޑޭޓުންގެ މަންދޫބުންގެ ކުރިމަތީގައި ކަނޑައި، ގުނައި، އަދަދުކޮށް، އެމަރުކަޒަކަށް ލިބުނު ވޯޓު ކަރުދާހުގެ އަދަދު ޖުމުލަ އިއުލާންކުރުން
  3. ވޯޓުލާން ދާމީހާގެ ވަނަވަރު ކަށަވަރުކުރުމަށްފަހު އެ މީހާގެ ސުމާރު ނަންބަރާއި ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި ދާއިމީ އެޑްރެސް ބާރަށް އިއުލާންކުރުން
  4. ވޯޓުލާ މަރުކަޒުގެ ތެރެއަށް ފޯނު ވެއްދިޔަ ނުދިނުން
  5. ވޯޓުލާ މީހާގެ އިނގިލީގައި ޖަހާ ފާހަގައަކީ ފޮހެނުލެވޭފަދަ އިތުބާރުހުރި ދެއްޔަކުން ޖަހާ އެއްޗަކަށްވުން
  6. ވޯޓު ކަރުދާހުގެ ފޮޓޯ ވޯޓުލުމުގެ ކުރިން ވެސް އަދި ފަހުގައި ވެސް ނެގުން މަނާކުރުން
  7. ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށްފަހު އެ ވޯޓު ކަރުދާސްކޮޅެއް ދެއްކުން މަނާކުރުން
  8. ވޯޓު ކަރުދާހުގައި ފާހަގައިގެ އިތުރު ކުރެހުމާއި ނިޝާނެއް ޖަހައި ލިޔެފިނަމަ ވޯޓު ބާތިލުވުން
  9. ކެންޑިޑޭޓުގެ ހަ މަންދޫބަކަށް ކޮންމެ ވޯޓު ފޮއްޓަކަށް ފާސް ދޫކުރުމާއި މަދުވެގެން ދެ މަންދޫބަކަށް ވޯޓު ފޮށި ދޮށުގައި އަބަދުވެސް ތިބެވުން
  10. ކެންޑިޑޭޓުންގެ މަންދޫބުންނަށް ވޯޓު ފޮށިދޮށުގައި ފޯނުގެ ބޭނުން ހިފުމުގެ ހުއްދަ އޮތުން
  11. ވޯޓު ގުނާ ވަގުތު އޮބްޒާވަރުންނާއި މޮނީޓަރުންގެ އިތުރުން ވޯޓު ހައްގުވާ ޕާޓީގެ އިތުރު މެންބަރުންނަށް ވޯޓު ގުނާ ތަން ބަލާން ތިބުމުގެ ފުރުސަތު އޮތުން
  12. ވޯޓުގެ ނަތީޖާ ޝީޓް ތައްޔާރުކޮށް ކެންޑިޑޭޓުންގެ މަންދޫބުން އޭގައި ސޮއިކުރުމަށްފަހު އާންމުކޮށް ފެންނާން ހުންނާނެހެން މަރުކަޒުގައި ހަރުކޮށްފައި ބެހެއްޓުން
  13. ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ކަރުދާހާއި ބާކީހުރި ވޯޓު ކަރުދާސް ސިޓީއުރައެއްގައި ބަންދުކޮށް ސީލުޖަހައި އެ ސީލުގައި ސޮއިކޮށްފައި އޮތުން
  14. ވޯޓުގެ ނަތީޖާ ޝީޓް ވަކި ސިޓީއުރައެއްގައި ބަންދުކޮށް ސީލުޖަހައި އެސީލުގައި ސޮއިކޮށްފައި އޮތުން
  15. ވޯޓުލީ މީހުންގެ ލިސްޓާއި ވޯޓު ކަރުދާހާއި ބާކީ ހުރި ވޯޓު ކަރުދާސް ލާފައިވާ ސިޓީއުރަ ކެންޑިޑޭޓޫންގެ މަންދޫބުންގެ ހާޒިރުގައި މެނުވީ ނުކެނޑުން
  16. ލިޔުމުންނާއި އީމެއިލުންނާއި ފޯނުންނާއި ގޫގުލް ފޯމު މެދުވެރިކޮށް އިންތިހާބާ ބެހޭ ޝަކުވާ އިންތިހާބުގެ ދުވަހު ހުށަހެޅުމުގެ ފުރުސަތު ފަހިވެފައި އޮތުން
  17. ޕާޓީގެ ފަރާތުން ފޮށިތަކުގެ އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަތަކުގެ ލިސްޓު މިއަދުގެ ނިޔަލަށް ކެންޑިޑޭޓުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެއްސުން
  18. ވޯޓު ލާން ދާ މީހާގެ އައިޑީ ކާޑާމެދު ޝައްކުވެއްޖެ ހާލަތެއްގައި އޮބްޒާވަރުންނަށް އައިޑީކާޑު ދެއްކުން
  19. ވޯޓު ލަމުންދާއިރު ކޮންމެ 50 ވޯޓަކުން އެވަގުތެއްގައި ވޯޓުލީ މީހުންގެ ޢަދަދު ވޯޓުލާ މަރުކަޒުގައި އިއުލާނުކުރުން
  20. ކޮންމެ ވޯޓު ފޮއްޓަކަށް ފޮނުވާ ވޯޓު ކަރުދާހުގެ އަދަދު އިއުލާނުކުރުން

އެ ސިޓީގައި ވަނީ އެ އެދުނު ކަންކަމުގެ ތެރޭގައި ހިމެނޭ ފުރަތަމަ 8 ކަމަކީ އިލެކްޝަންސް ކޮމިޝަނުން ވެސް އަމަލު ކުރަމުންދާ ބައިނަލްއަގްވާމީ ގޮތުން ބަލައިގެންފައިވާ ސްޓޭންޑާޑް އުސޫލެއް ކަމަށް ބުނެފައެވެ.

އެ ޓީމުން އެކަންކަން ހުށަހެޅިއިރު ނަޝީދުގެ ކެމްޕެއިން ޓީމުން އަންނަނީ އިންތިހާބާ ގުޅުވާ ތުހުމަތުތައްވެސް ކުރަމުންނެވެ. އެގޮތުން އެ އިންތިހާބު އިންސާފުވެރި ނުވާނެ ކަމަށް އެ ޓީމުން ކެނޑިނޭޅި އަންނަނީ ބުނަމުންނެވެ.