2018 ގެ މެނިފެސްޓޯގައި ހިމެނި ރިސޯޓު ފަސް އަހަރުގެ ދައުރު ހަމަވާއިރުވެސް ނުހެދޭ ކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެން ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގެ މެނިފެސްޓޯގައި ހިމެނި ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަސް އަހަރު ނިމިގެން މިދަނީ ރިސޯޓެ އެޅުމުގެ މަސައްކަތް ނުކުރެވި އޮއްވާ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފުވައްމުލަކު އެއާޕޯޓު ހުޅުވުމަށް ފަހު އެ އެއާޕޯޓުގެ މޫދާ ވީ ފަޅީގައި އޮންނަ ކަޅުއަކިރިގަނޑުު ސަރަހައްދުގައި ރިސޯޓެއް ތަރައްގީކުރުމުގެ ތަސައްވުރެއް އެމްޑީޕީން އޭރު ގެންގުޅުނު ކަމަށާއި އެގޮތަށް އެކަން ކުރަން ހުށަހަޅަން ވެސް ހުށަހެޅުއްވި ކަމަށެވެ.
އެ ތަނުގައި ނޮވެންބަރު މަހު ރިސޯޓެއް އެޅުމުގެ މަސައްކަތް ފެށިގެންދާނެ ކަމުގެ ޔަގީންކަން ރައީސް ނަޝީދު ވަނީ އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފައެވެ.
ނަޝީދު ވިދާޅުވީ ރަށްރަށަށް ގެންނަންޖެހޭ އުމްރާނީ ތަރައްގީ ރަށްރަށަށް ގެންނަަން ޖެހޭނެ ކަމަށާއި ނަމަވެސް މައްސަލަ އަކީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރު ނުވުން ކަމަށެވެ. އަދި އެމަނިކުފާނަށް ދެން ވެރިކަން ލިބިވަޑައިގެންފިނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންނަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
މި އަންނަ ހޮނިހިރު ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ރައީސް ސޯލިހާއި ނަޝީދުވެސް ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ގިނަ ތުހުމަތުތައް ކުރައްވަމުންނެވެ. އެގޮތުން މަޝްރޫއުތަކާއި ގޯތި ދޫކުރަނީ އިންތިހާބާ ދިމާކޮށް ކަމަށް ނަޝީދުގެ ފެކްޝަނުން ތުހުމަތު ކުރާ އިރު ރައީސް ނަޝީދު ރަށްރަށަށް ވަޑައިގަތުމުން އިދިކޮޅު ޕީޕީއެމްގެ ސަޕޯޓަރުން ވެސް ނިކުންނަ ކަމަށް ސޯލިހުގެ ފެކްޝަނުން ތުހުމަތު ކުރެއެވެ.