އަންނަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ފަހުން، އެތެރޭގެ އުދުހުންތަކުގައި މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ނުކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ބުނެފިއެވެ.

މޯލްޑިވިއަން އިން ބުނީ އަންނަ މަހުގެ 22 ވަނަ ދުވަހުން ފެށިގެން އެތެރޭގެ އުދުހުންތަކަށް ޕާސްޕޯޓާއި، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި، ވާކް ވިސާ ކާޑާއި، ލައިސަންސް ކާޑާއި، އެއާޕޯޓް ސެކިއުރިޓީ ފާހާއި، ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ފޮޓޯ އަދި އައިޑީ ކާޑު ނަންބަރު ޖެހި ރަސްމީ ލިޔުންތަކުގެ ތެރެއިން ބަލައިގަންނާނީ މުއްދަތު ހަމަ ނުވާ ލިޔުންތައް އެކަނި ކަމަށެވެ.

ކޮވިޑްގެ ހާލަތާ ގުޅިގެން ބައެއް ލިޔެކިޔުން ހޯދުމުގައި ދިމާވި ދަތިތަކާއެކު ލިޔެފައިވާ އެއްޗެއް ސާފުކޮށް ކިޔަން އެނގޭ ނަމަ މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ކޮށްގެން ދަތުރުފަތުރު ކުރެވޭ ގޮތަށް އޭރު ހަމަޖެއްސިއެވެ. އެގޮތުން އޭރު ވަނީ މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް ބޭނުން ކޮށްގެން އެއާލައިން ޓިކެޓް ގަނެ، ޗެކް-އިން ކުރެވޭ ގޮތާއި ސަލާމަތީ ޗެކް ޕޮއިންޓްތަކުގައި ކާކުކަން ދެނެގަތުމަށް އެ ލިޔެކިޔުން ބޭނުންކުރެވޭ ގޮތަށް ހަދާފައެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރުގައި ޑިފެންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާގައި ބުނެފައި ވަނީ ކޮވިޑާ ގުޅިގެން މުއްދަތު ހަމަވެފައިވާ އައިޑީކާޑާއި އެނޫންވެސް ލިޔެކިޔުން ބަލައިގަންނަ ގޮތަށް ގެނައި ބަދަލު ފެބްރުއަރީމަހު ފަހުކޮޅު ބާތިލު ވާނެކަމަށެވެ.

ޑިފެންސް މިނިސްޓްރީން އެގޮތަށް ނިންމާފައި ވާއިރު މޯލްޑިވިއަން އިން އާންމުކޮށް އިއުލާން ކުރުމާއެކު ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.