އައްޑޫ ސިޓީ ތަރައްގީ ކުރުމުގެ ބަދަލުގައި ކުދި އާބާދީތައް ހިމެނޭ ރަށްތައް ތަރައްގީ ކުރާތީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު އައްޑުއަށް ވަޑައިގެން ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވިދާޅުވީ 32 ހާސް މީހުންގެ އާބާދީއެއް ދޫކޮށްލާފައި ކުޑަ ރަށެއް, ބޮޑު ރަށެއް, ފަޅު ރަށެއް ނުބަލާ ކޮންކްރީޓް އަޅަމުން އަޅަމުން ގެންދާއިރު އެކަކަށްވެސް ނުވިސްނޭ ކަމަށެވެ. އަދި ހިތަދޫ ބައިނަލްއަގްވާމީ ބަނދަރު ހެދުމުގެ ބަދަލުގައި ސަރުކާރުން ގެންދަނީ 27 މީހުން އުޅޭ ކުދި ރަށްތަކުގެ އުމްރާނީ މަސައްކަތްތައް ކުރަމުން ކަމަށް ވިދާޅުވިއެވެ.
ޖީއެސްޓީއިންނާއި ވިޔަފާރީގެ ފައިދާއިން އަދި އާމްދަނީގެ ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭއިރު އެ ފައިސާއިން ފްޓްސެލް ދަނޑާއި މަލްޓި ޕާޕަސް ހޯލާއި އެއްގަމާއި ކަނޑު ތޮށި ލާން ބޭނުންކުރާ ކަމަށާއި އެ ބާވަތުގެ އުމްރާނީ މަސައްކަތަށް ވުރެ ބޭނުން ވަނީ ތަނަވަސް ދިރިއުޅުމެއް އުޅެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ 15 މިލިއަން ޑޮލަރެއްގެ ވާހަކަ ސަރުކާރަށް ތަރުކާރުކޮށް ދަންނަވާ ކަމަށާއި 85 ގެސްޓް ހައުސް އަޅާފައި އެ މީހުންނަށް ލޯނެއް ދީގެން މީހުންނަށް އެތަނުން މަންފާއާއި ފައިދާ ހޯދެން އެބަ އޮތް ކަމަށެވެ. އެ ވިދާޅުވާ 15 މިލިއަން ޑޮލަރަކީ ކޮން އިރަކު ކޮން ކަމަކަށް އެދިވަޑައިގެން ހުށަހެޅުއްވި 15 މިލިއަން ޑޮލަރެއްކަން ސާފެއް ނުވެއެވެ.
ނަމަވެސް ނަޝީދު މިއަދު މިދާޅުވީ، މި އަހަރުގެ ނޮވެންބަރު މަހު 85 ގެސްޓު ހައުސް ހެދުމަށް ކޮންމެ ގެސްޓް ހައުސް އަކަށް ލުއި ލޯނު ލިބޭނެ ކަމަށާއި ވަޒީފާއާއި އާމްދަނީ އިތުރުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު އެ އިޝާރާތް ކުރެއްވީ، މިއަހަރު އޮންނަ ރިޔާސީ އިންތިހާބަށް ފަހު ނޮވެމްބަރު ގަި ވެރިކަމުގެ ހުވާ ކުރައްވާފައި ކޮށްދެއްވާނެ ކަމެއްގެ ވާހަކައެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ކުރިން މިހާރު ނަޝީދު ވާދަ ކުރައްވައި ހޮވިވަޑައިގަންނަވަން ޖެހިވަޑައިގަންނަވަނީ އެމްޑީޕީގެ ޕްރައިމަރީންނެވެ. އެ ޕްރައިމަރީގެ ވޯޓުލުން އަންނަ ހޮނިހިރު ދުވަހު އޮންނާނެއެވެ.
ނަޝީދު އިތުރަށ ވިދާޅުވީ، ހުރިހާ ރިސޯޓެއް ހައްދަވާ ނިންމަވާނެ ކަމަށާއި ހަދާފައި ހުރި ހުރިހާ ރިސޯޓުތަކަށް މީހުން ގެނެވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ދެއްވާނެ ކަމަށެވެ. އަދި ހަގީގީ އެމްޑީޕީ ސަރުކާރެއްގައި ހިތަދޫ ބަނދަރު، ޕާޓްނާޝިޕްގެ އުސޫލުން ތަޖުރިބާ ހުރި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ބައިނަލްއަގްވާމީ ފެންވަރުގައި ތަރައްގީކުރައްވާނެ ކަމަށާއި އެ ގުޅުމުގެ ތެރެއިން އޭގެ މަންފާއާއި ފައިދާ ހޯއްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވެއެވެ.