އައްޑޫ ސިޓީއަށް ކޮށްދެއްވާނެ ކަމަށް ވިދާޅުވެ ގިނަ ވައުދުފުޅުތަކަކާއެކު އައްޑޫގެ ރައްޔިތުންގެ އާމްދަނީ 5 އަހަރު ތެރޭގައި ދެގުނަ ވެގެންދާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި މިއަދު ރައީސް ނަޝީދު އައްޑޫ ސިޓީއަށް ވަޑައިގަތުން އެ ސިޓީއިން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވިދާޅުވިއިރު މިއީ މި ކެމްޕެއިންގެ ތެރޭގައި ދެ ކެންޑިޑޭޓުންވެސް ރަށްރަށަށް ވަޑައިގަތުމުން ނުފެންނަ ފަދަ ހޫނު މަރުހަބާއެކެވެ. އެގޮތުން ރައީސް ނަޝީދަށް ގަން އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި ބައެއް ކައުންސިލަރުންނެވެ.

އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ނަޝީދު ވަނީ ހޫނު މަރުހަބާއަށް ހިތުގެ ފުންމިނުން ޝުކުރު ދަންނަވާފައެވެ. އަދި އެމްޑީޕީގެ އަމާޒަކަށް ވީ އައްޑޫގައި 8000 ޓުއަރިސްޓު އެނދު ހުޅުވާ އެ އެނދުތަކަށް ޓޫރިސްޓުން އައިސް އާމްދަނީ އިތުރުކުރެވޭނެ ސިޔާސަތެއް އެކުލަވާލުން ކަމަށާއި އެހެންނަމަވެސް 2018 ވަނަ އަހަރަށް ނިކުތްއިރު ވެފައި އޮތް ވައުދުފުޅު ދައުރު ނިމެންދާއިރުވެސް ނުފުއްދަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީގެ ވާހަކަތައް އަޑުއިވިވަޑައިގެންނެވީ "މާދަމާ، އަންނަ އަހަރު، ދެން އަންނަ" ފަދަ ގޮތަކަށް ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އެއާޕޯޓު ތަރައްގީކުރުމުގައިވެސް ފަސް އަހަރު ގެއްލިގެން ދިޔައީ ކަމަށާއި ސާކް ސަމިޓަށް އެޅުނު ވީއައިޕީ ލައުންޖް ފިޔަވާ އެތަނުގައި އިތުރު ކަމެއް ވާތަނެއް ނުފެންނަ ކަމީ ހިތާމަ ކުރާ ކަމެއް ކަމަށެވެ.

ޖީއެސްޓީއިންނާއި ވިޔަފާރީގެ ފައިދާއިން އަދި އާމްދަނީގެ ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީ ލިބޭއިރު އެ ފައިސާއިން ފްޓްސެލް ދަނޑާއި މަލްޓި ޕާޕަސް ހޯލާއި އެއްގަމާއި ކަނޑު ތޮށި ލާން ބޭނުންކުރާ ކަމަށާއި އެ ބާވަތުގެ އުމްރާނީ މަސައްކަތަށްވުރެ ބޭނުން ވަނީ ތަނަވަސް ދިރިއުޅުމެއް އުޅެން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނީ މި އަހަރުގެ ނޮވެންބަރު މަހު 85 ގެސްޓު ހައުސް ހެދުމަށް ކޮންމެ ގެސްޓް ހައުސްއަކަށް ލުއި ލޯނު ލިބޭނެ ކަމަށާއި ވަޒީފާއާއި އާމްދަނީ އިތުރުވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ސަންގްރިއްލާ ރިސޯޓު ނުހުޅުވިދާތީ ސަރުކާރަށް ފާޑުވިދާޅުވެ، ނަޝީދު ވަނީ ނުހުޅުވި ދާ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރުގެ ހިއްސާ ހަދާނެ ގޮތެއް ނޭނގުން ކަމަށާއި ހިތް ނިޔަތް ރަނގަޅުކޮށް އެ ހިއްސާ ދޫކޮށްލުމަށްފަހު އެތަން ހުޅުވަން މަސައްކަތް ކުރި ނަމަ ހަފްތާއެއް ނުވަނީސް އެކަން ވިސް ކަމަށް ވިދާޅުވިއެވެ.

ހުރިހާ ރިސޯޓެއް ހަދާ ނިންމާނެ ކަމަށާއި ހަދާފައި ހުރި ހުރިހާ ރިސޯޓުތަކަށް މީހުން ގެނެވޭނެ އިންތިޒާމު ހަމަޖައްސައިދެއްވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި ހިތަދޫ ބައިނަލްއަގްވާމީ ބަނދަރު ހެދުމުގެ ބަދަލުގައި ސަރުކާރުން ގެންދަވަނީ 27 މީހުން އުޅޭ ކުދި ރަށްތަކުގެ އުމްރާނީ މަސައްކަތްތައް ކުރަމުން ކަމަށްވެސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު އިތުރަށް ވަނީ ހަގީގީ އެމްޑީޕީ ސަރުކާރެއްގައި ހިތަދޫ ބަނދަރު ބައިނަލްއަގްވާމީ ފެންވަރުގައި ތަރައްގީކުރަން ޕާޓްނާޝިޕްގެ އުސޫލުން ތަޖުރިބާ ހުރި ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން ކުރާނެ ކަމަށާއި އެ ގުޅުމުގެ ތެރެއިން އޭގެ މަންފާއާ ފައިދާ ހޯދައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.