އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބޮޑު ތަނުން ކާމިޔާބުކޮށް ރިޔާސީ އިންތިހާބު އެއަށްވުރެ ފަސޭހައިން ކާމިޔާބު ކުރެވޭތަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކެމްޕެއިނަށް އއ. ތޮއްޑޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ ރަށްރަށަަށް ވަޑައިގަތުމުން ފެންނަނީ އެމްޑީޕީއާއެކީގައި ފެށި ދަތުރުގައި ބައިވެރިވެ ކުރިއަށްދާތަން ކަމަށާއި ތޮއްޑޫ ދާއިރާވެސް މި ކެމްޕެއިންގައި އެމަނިކުފާނާއެކު ތިބި ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ.

ސަރުކާރު އެކުލަވާލުމަށްފަހު ކުރަމުން އަންނަ މަސައްކަތަކީ ރައްޔިތުންނަށް ބޭނުންވެފައި ހުރި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށާއި ތަފާތުކުރުމެއް ނެތި އަމާޒެއް އޮވެ އެކަން ކުރައްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ހުރިހާ ރަށެއްގައި ދިރިއުޅޭ މީހުންނާ ފެނާ ނަރުދަމާގެ ހިދުމަތް ދިނުމަށް އެ މަސައްކަތް ފެއްޓެވި ކަމަށާއި ވެރިކަމަށް އައި އިރު އެ ހިދުމަތް ލިބެނީ މަދު ރަށަކަށް ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ މި ދައުރު ނިމޭއިރު ފެނާއި ނަރުދަމާގެ ހިދުމަތް ނުލިބޭ އެއްވެސް ރަށެއް ރައްޔިތެއް ނުހުންނާނެ ކަމަށާއި ވަރަށް ގިނަ މަޝްރޫއުތައް މި ދައުރުގައި ހިންގަވާފައިވާނެ ކަމަށެވެ. އަދި މިހާރު ކުރިއަށްދާ މަސައްކަތްތައްވެސް މި އަހަރުގެ ޖުލައި، އޮގަސްޓު ހިސާބުގައި ނިމޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ސަރުކާރުގައި ކޮން ނިންމާފައި ހުރި ކަންތައްތައް ހުޅުވަން ޖެހޭ ކަމަށްވަންޏާ، ރިބަން ކަނޑަށް ޖެހޭ ކަމަށްވަންޏާ އަޅުގަނޑުގެ މި ދައުރުގެ ބާކީ އޮތް ކޮންމެ ދުވަހެއް ހޭދަކުރަން ޖެހޭނީ އެކަމަށް އެ ވަރަށް މަސައްކަތްތައް ނިމިފައެބަހުރި. ކުރެވެމުން އެބަދޭ، ޖުލައި އޮގަސްޓަށް ދާއިރު ހުރިހާ މަސައްކަތެއް ހުންނާނީ ނިމިފައި . އަޅުގަނޑު ގެ ވަގުތު އެކަމަށް ހޭދަކުރަންޏާ އެހެން ކަމެއް ކުރާކަށް ވަގުތެއް ނޯންނާނެ.
ރައީސް ސޯލިހު

ޕްރައިމަރީއަށް ގައުމީ ވިސްނުމެއް ގެންގުޅެއް އެބަ ޖެހޭ ކަމަށާއި ޕާޓީގެ އެތެރޭގެ އަމިއްލަ ފިކުރު ވިސްނުން ހުރި ގޮތް މަޑު ޖައްސާލުމަށްފަހު ގައުމަށް ވަނީ ކިހިނެތްތޯ ވިސްނާ ގޮތެއް ނިންމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.

ތޮއްޑޫ ދާއިރާގެ މެންބަރު ހުސައިން ޝިޔާން ރައީސް ނަޝީދުގެ ކެމްޕެއިން ޓީމުގައި ހިމެނިވަޑައިގަންނަވާތީ އެކަމަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ މެންބަރު ހުންނެވީ މާ ކައިރީގައި ނޫން ކަމަށް ވިޔަސް އެ ދާއިރާ ބާކީވެގެންދާނެ ކަމެއް ނޫން ކަމަށެވެ.

ރައީސް ސޯލިހު މިފަދައިން ވިދާޅުވިއިރު މެންބަރު ޝިޔާން ގެންދަވަނީ ރައީސް ނަޝީދުގެ ކެމްޕެއިންގެ އިސް ސަފުގައި ހަރަކާތްތެރިވަމުންނެވެ. އަދި ރައީސް ސޯލިހާއި ސަރުކާރަށް ޝިޔާން ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.