އިންގްލިޝް ޕްރިމިއާ ލީގުގެ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ސައުދީ އަރަބިއްޔާގެ އަލް ނަސްރަށް މިދިޔަ އަހަރު ބަދަލުވި ކްރިސްޓިއާނޯ ރޮނާލްޑޯ ސައުދީ ލީގުގައި ފުރަތަމަ ފަހަރަށް ކުޅެފިއެވެ.

އުމުރުން 37 އަހަރު ރޮނާލްޑޯގެ ފުރަތަމަ މެޗުގައި އަލް ނަސްރުން ވަނީ އިއްތިފާގްއާ ވާދަކޮށް 1-0 އިން މެޗު ކާމިޔާބުކޮށްފައެވެ. ރޮނާލްޑޯގެ ފުރަތަމަ ވާދަވެރި ކުރިމަތިލުމުގައި މުޅި މެޗު އޭނާ ކުޅުނު އިރު މިމެޗުގައި ފެނުނު ހަމައެކަނި ލަނޑު ޖަހާފައިވަނީ ބްރެޒިލްގެ މިޑްފީލްޑަރު ޓެލީސާއެވެ.

އަލް ނަސްރަށް ލަނޑު ޖަހާ ދިން ޓެލީސާއެކު ރޮނާލްޑޯ/ ފޮޓޯ: ރޮނާލްޑޯ ޓުވިޓާ

މި މޮޅާއެކު އަލް ނަސްރު އޮތީ އެއް ޕޮއިންޓްގެ ފަރަގާއެކު ސައުދީ ލީގުގެ އެއް ވަނައިގައެވެ. ދެވަނައިގައި އޮތީ އަލް ހިލާލްއެވެ.

މިމެޗަށް ފަހު ރޮނާލްޑޯ ކުރި ޓުވީޓެއްގައި ވަނީ ރޭގެ މެޗުން މޮޅުވުމުން ޓީމުގެ އެހެން ކުޅުންތެރިންނަށް މަރުހަބާ ކިޔާފައެވެ. އަދި އޭނާގެ ސަޕޯޓަރުން ދެމުން އަންނަ ލޮތްބަށް ވެސް ރޮނާލްޑޯ ވަނީ ޝުކުރު އަދާކޮށްފައެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ރޮނާލްޑޯ ވަނީ އަލް ނަސްރާއި އަލް ހިލާލްގެ ކުޅުންތެރިން ހިމަނައިގެން އެކުލަވާލީ ސައުދީ އޯލް ސްޓާ ޓީމުގެ ކެޕްޓަންގެ ގޮތުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާ ދެކޮޅަށް ރަހްމަތްތެރިކަމުގެ މެޗެއް ކުޅެފައެވެ.

ރޮނާލްޑޯ ފުރަތަމަ ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ/ފޮޓޯ: ޓުވިޓާ

މިމެޗު 5-4 އިން ޕީއެސްޖީ ކާމިޔާބު ކުރި ނަމަވެސް ރޮނާލްޑޯ ވަނީ މިމެޗުގައި 2 ލަނޑު ޖަހާފައެވެ. ޕީއެސްޖީއަށް ލަނޑު ޖެހި ކުޅުންތެރިންގެ ތެރޭގައި އާޖެންޓީނާއާއެކު ވޯލްޑްކަޕް އުފުލާލި ލައިނަލް މެސީގެ އިތުރުން ފްރާންސްގެ ޒުވާން ފޯވަޑް ކިލިއަން މަމްބާޕޭ އަދި ސްޕެއިންގެ ތަޖުރިބާކާރު ޑިފެންޑަރު ސާޖިއޯ ރާމޯސް ހިމެނެއެވެ.