އައްޑޫ ސިޓީގައި ހަތިޔާރު ބޭނުންކޮށްގެން ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ހާއްސަ އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމާ އެ ތަމްރީންތައް ކުރިއަށް ދާ ދުވަސްތަކުގައި ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އިލްތިމާސް ކޮށްފިއެވެ.

މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފެބްރުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫ ސިޓީ ގަމުގައި ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމް ކުރިއަށް ދަނީ ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ދަންވަރު 12:00 އަށެވެ. އެމްއެންޑީއެފް އިން ބުނީ މި ތަމްރީން ޕްރޮގްރާމްގައި ވައިގެ ސަރަހައްދަށް ބަޑި ޖަހާނެ ކަމަށެވެ.

މި ގޮތުން މި ތަމްރީންގައި އޭކޭ ސީރީޒް ރައިފަލް ބޭނުން ކުރުމަށް ހަމަޖެހިފައި ވާއިރު ވައިގެ ސަރަހައްދު ބޭނުން ކުރޭނެ އެންމެ ދުރުމިނަކީ 4600 މީޓަރު ކަމަށް ވެސް ބުނެއެވެ. ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ އުސްމިނަކީ 200 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުން ކުރާނެ އެންމެ ތިރި މިނަކީ ކަނޑުގެ ލެވެލްއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުމަހުން ފެށިގެން މި ތަމްރީންތައް ހެދުމަށް އެމްއެންޑީއެފް މެރިންކޯގެ ސިފައިން ހަތިޔާރާ އެކު އައްޑޫ ސިޓީގައި ހަރަކާތްތެރި ވާން ފަށާފައި ވާއިރު އެމްއެންޑީއެފް އިން ބުނީ މި ތަމްރީނުތަކަކީ ވަކިކަމަކާ ގުޅިގެން ކުރިއަށް ގެންދާ ތަމްރީނުތަކެއް ނޫން ކަމަށެވެ.