އިންޑިއާ އާ އެކު ސުލްހައިގެ ވާހަކަ ދައްކަން ބޭނުންވާ ކަމަށް ޕާކިސްތާނުން ބުނިތާ ދުވަސްކޮޅެއްގެ ފަހުން އިންޑިއާއިން ޖަވާބު ދީފިއެވެ.
އިންޑިއާހެ ހާރިޖީ ވުޒާރާގެ ތަރުޖަމާން އަރިންދަމް ބާޗީ ވިދާޅުވީ، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ހިޔާލުތަފާތުވާ މައްސަލަތައް ހައްލު ކުރަން މަޝްވަރާ ކުރަން ޕާކިސްތާނުން ހުށަހެޅި ނަމަވެސް، އެފަދަ މަޝްވަރާއަކަުން ނަތީޖާއެއް ނުކުމެދާނެ ފަދަ މާހައުލެއް އަދި ނެތް ކަމަށެވެ.
ޕާކިސްތާނާއެކު އަވައްޓެރިކަމުގެ ގުޅުމެއް ބާއްވަން ބޭނުންވާ ކަމަށް އިންޑިއާ އިން ބުނާ ބުނުން ތަކުރާރު ކުރައްވައި ބާޗީ ވިދާޅުވީ، އެކަން ކުރެވޭނީ ޓެރަރިޒަމްގެ ބިރުވެރިކަމާއި ހަމަނުޖެހުމާއި ދެކޮޅުވެރިކަން [އިންޑިއާ އާ ދެކޮޅުވެރިކަން] ނެތް މާހައުލެއް ގާއިމު ކޮށްގެން ކަމަށެވެ. އަދި ޕާކިސްތާނުން ހުށަހެޅި މަގަށް ސުލްހައިގެ ވާހަކަ ދަންކަންވެސް އެކަންކަން ޔަގީން ކުރަން ޖެހޭ ކަމަށް އިންޑިއާއިން ބުނެއެވެ.
އިންޑިއާ އާއެކު ސުލްހައިގެ ވާހަކަތައް ދަންކަން ބޭނުންވާ ކަމަށް ޕާކިސްތާނުން ބުނީ މިދިޔަ އަންގާރަ ދުވަހުއެވެ.
އިންޑިއާ އާއެކު މަޝްވަރާ ކުރަން ހުށަހަޅުއްވަމުން ޕާކިސްތާންގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވިދާޅުވީ، މަޝްވަރާގެ މޭޒަށް އިންޑިއާ ގެންދިޔުމަށްޓަކައި ޔޫއޭއީން ބައިވެރިއެއްގެ ދައުރު އަދާކޮށްދޭން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި މަޝްވަރާ ތަކުގައި ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތު ވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައި ވާ ކަޝްމީރުގެ މައްސަލަ އާއި ދެގައުމު ހިއްސާ ކުރާ ބޯޑަރުގެ މައްސަލައާއި، އިންޑިއާއަށް ކުރިމަތިވާ ޓެރަރިސްޓުންގެ ނުރައްކާތަކުގެ މައްޗަށް މަޝްވަރާ ކުރަން އޭނާ ހުށަހަޅުއްވައެވެ.
އޭނާ ކަޝްމީރުގެ ވާހަކަ ފާހަގަ ކުރައްވާފައި ވާ އިރު ކަޝްމީރަކީ، އިނގިރޭސި އިސްތިއުމާރު ނިންމާ 1947 ގައި ފޭބީއްސުރެ އަދާ ޖެހެންދެންވެސް ދެފަރާތުން އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިލާ ދެފަރާތުން އަމިއްލަ ކުރަން ބޭނުންވާ ތަނެކެވެ.
ދިވެހިރާއްޖެ ހިމެނޭހެން އިނގިރޭސީން މި ސަރަހައްދު އިސްތިއުމާރު ކޮށްގެން އޮތް ދުވަސް ވަރު އިންޑިއާގައި ވެސް ރަސްކަން ކުރަމުން ދިޔައީ އިނގިރޭސީންނެވެ. އެމީހުން ފައިބައިގެން ދަމުން ޕާކިސްތާނާއި އިންޑިއާގެ އިން ވަކި ކޮށްލި އިރު އެ އިން ދަނީ ކަޝްމީރުގެ ތެރެއިންނެވެ. ބައެއް ދިމަ ދިމާއިން ދެފަރާތަށް ވާ ގޮތަށް ކޯރުވެސް އެބަހުއްޓެވެ. ފަރުބަދަތަކާއި ގުދުރަތީ ވަސީލަތްތައް ވެސް އެބަހުއްޓެވެ.
ކުޑަކުދިން ކުޅޭ އިރު ބޮޑުބައި ހޯދަން ތަޅާ ފޮޅާ ގޮތަށް، ޕާކިސްތާނާއި އިންޑިއާވެސް ތަޅާފޮޅަނީ ކަޝްމީރު ހޯދާށެވެ.