ކުރީގެ ރައީސް އަބްދުﷲ ޔާމީން "އޯކޭ ނޫން" ކަމަށް ވިދާޅުވެ، ވާދަވެރިޔާ އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްދު ދެއްވައިފިއެވެ.

އެމްޑީޕީގެ ޕްރައިމަރީ ފެށެން ބާކީ އެއް ހަފްތާ އޮތް އިރު، މިފަހުން ނޫސްވެރިންނާ ބައްދަލުކުރައްވައި ޔާމީނަށް ތައުރީފް ކުރައްވާ ނަޝީދު ވިދާޅުވީ، ޔާމީނަކީ ގާބިލް އަދި ވިސްނުންފުޅު ތޫނު ބޭފުޅެއް ކަމަށާއި، ހަމައެކަނި މައްސަލައަކީ "އިންޑިއާ އައުޓް" ކަމަށެވެ.

ޔާމީނަކީ ތައުލީމީ ބޭފުޅެއް ކަމަށާއި، ނަމަވެސް ރައީސް ސޯލިހާ މެދު އެގޮތަށް ދެންނެވެން ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ. އެފަދައިން ނަޝީދު ވިދާޅުވުމުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ.

ގިނަ އަދަދެއްގެ ސަޕޯޓަރުންނާ އެކު މިރޭ އާޓިފިޝަލް ބީޗްގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ވަނީ ނަޝީދު ވިދާޅުވި ވިދާޅުވުމަށް ރައްދު ދެއްވާފައެވެ.

"[ޔާމީނާ އެކު ސިޔާސީ މަސައްކަތް] ނުކުރެވޭނެ އަދި ކުރަން ހެޔޮނުވާ ކަންކަން ހުންނާނެ، ރައީސް ޔާމީން އަޅުގަނޑަށް އޯކޭ އެއް ނޫން. ޔާމީނާ އެކު ކުރާނެ އެއްވެސް މަސައްކަތެއް ނޯންނާނެ،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

އެހެނިހެން ޖަލްސާތަކެކޭ އެއްފަދައިން މިރޭގެ ޖަލްސާގައި ވެސް ރައީސް ވަނީ އެމްޑީޕީ އަށް ވެރިކަމުގެ ދެވަނަ ދައުރެއް ހޯދުމުގެ މުހިންމުކަން ފާހަގަ ކުރައްވައި، ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ އަދި މިހާރު ވެސް ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ތަފްސީލްތައް ހާމަކުރައްވާފައެވެ. މިހާތަނަށް އެންމެ ގިނަ މަޝްރޫއު ހިންގީ މި ސަރުކާރުން ކަމަށް ވިދާޅުވާ ވިދާޅުވުން ރައީސް ވަނީ ތަކުރާރު ކުރައްވައިފައެވެ.

އެގޮތުން މި ދައުރުގެ ތެރޭގައި މާލޭގައި އިމާރާތްކުރަން ފެށި ފްލެޓްތައް ނިންމައި، އެ ފްލެޓްތައް ހަވާލުކުރާނީ މި ސަރުކާރުން ކަމަށާއި، އެތަކެއް އެއާޕޯޓެއްގެ މަސައްކަތް ނިމިފައި ވާއިރު، ބައެއް އެއާޕޯޓުތައް ތަރައްގީ ކުރުމުގެ މަސައްކަތް ވެސް މި ސަރުކާރުން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މޭގައި އަތްޕުޅު ޖައްސަވާ ރައީސް ވިދާލުވީ، ފްލެޓް ވެސް ގޯތިވެސް ދޭނީ "މަށޭ" އެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އަށް ގެނައި ބަދަލުތަކަކީ އެމްޑީޕީގެ މެންބަރުން ކުރި ބުރަ މަސައްކަތުން ގެނައި ބަދަލުތައް ކަމަށާއި، އެހެންކަމުން މި ޕްރައިމަރީ އަކީ އެ ބަދަލުތައް ދަމަހައްޓަން ދެވަނަ ދައުރެއް ހޯދުމަށް އެ ޕާޓީ އަށް ލިބޭ ފުރަތަމަ ފުރުސަތު ކަމަށެވެ.

"ރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ފުރުސަތު ގެއްލިއްޖެނަމަ ކަން ދިމާވާ ގޮތް އަޅުގަނޑުމެން ދެކެފިން. ދައުލަތުގެ ބަޖެޓުން ހަރަދުކުރާނީ ތަރައްގީގެ މަޝްރޫއުތަކަށްތޯ ނުވަތަ ޕެޕާ ސްޕްރޭ އާއި ކަރަންޓު މުގުރުތޯ ނިންމާނީ ތި ބޭފުޅުން،"
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު

"ތި ބޭފުޅުން އަޅުގަނޑާ އެކު މި ފުރުސަތުގެ ބޭނުން ހިއްޕަވާ. އަޅުގަނޑު މިހިރީ ތައްޔާރަށް. ތަފާތު ބޮޑު ތާއީދާ އެކު އަޅުގަނޑު އިރާދަކުރެއްވިއްޔާ މި ޕްރައިމަރީ ކާމިޔާބު ކުރާނަން. އޭގައި އެއްވެސް ޝައްކެއް ނެތް،" ރައީސް ވިދާޅުވިއެވެ.