އެމްޑީޕީގެ ރިޔާސީ ޕްރިމަރީއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުތުރައް ކުރައްވާ ދަތުރުފުޅުތަކަށް އިޝާރާތް ކުރައްވައި، އުތުރުގެ ރަށްރަށުން ވެސް ރައީސް ސޯލިހަށް ތާއީދު ނެތް ކަން މިހާރު ސާފުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު އެފަދައިން ވިދާޅުވެފައި ވާއިރު ރައީސް ސޯލިހު މިހާރު އުތުރުގެ އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިއްޔެ ހދ. ކުޅުދުއްފުއްޓާއި ހއ. އިހަވަންދުއާއި ދިއްދޫއަށް ވަޑައިގަތުމުން ލިބުނީ ފިނި ތަރުހީބެކެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގދ. ހޯނޑެއްދޫއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހަކީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓަށް ވުމާ އެކު ރައީސްގެ މަގާމުން ދުރުވެވަޑައިގަންވަން ޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި މޮޅުވަނީ އެމަނިކުފާނުކަން މިހާރު ރައީސް ސޯލިހުއަށް ސާފުވެ ވަޑައިގަންނަވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ ސަރުކާރުގެ ވަޒީރުންނާއި މިނިސްޓްރީތަކުގެ ނައިބުންނާއި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނާއި ސިޔާސީ މަގާމުތަކުގައި ތިބި އެމްޑީޕީގެ މެންބަރުން އެމަނިކުފާނާ ގުޅިވަޑައިގަތުމަށް ވެސް ގޮވާލައްވާފައެވެ.
ނަޝީދު ވިދާޅުވީ ސަރުކާރުގެ ކުންފުންޏެއްގެ ވެރިއެއް ނުވަތަ ވަޒީރަކަށް ވެސް ރައީސް ސޯލިިހާއި އެމަނިކުފާނާ ތަފާތެއް އޮވެގެން ނުވާނެ ކަމަށާއި ސަބަބަކީ ދެ ބޭފުޅުން ވެސް ކެންޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވާތީ ކަމަށެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު ހުވަދު އަތޮޅުގެ ރަށްރަށް ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި ނަޝީދުގެ އަރިހުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ބައިވެރިވެވަޑައިގަތެވެ. މިއީ ކުންފުންޏެއްގެ އެމްޑީ ކަމުގައި ހުންނެވި ބޭފުޅަކު ރައީސް ސޯލިހާ ވާދަވެރި ކެންޑިޑޭޓުގެ ކެމްޕެއިންގައި ބައިވެރިވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.
މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައި ވާއިރު ރައީސް ނަޝީދު ވަނީ ކެމްޕެއިން ދަތުރުފުޅުގައި ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ވަޑައިގެންފައެވެ.