ޓީވީ ޑްރާމާ ސިލްސިލާތަކުގެ ތެރެއިން އެންމެ ގިނަ މީހުން ބަލާ ޑްރާމާ އަކަށް ސްޓާޕްލަސް އިން ދައްކަމުން އަންނަ "އަނުޕަމާ" ވެެއްޖެއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ޓެލެވިޝަން ރޭޓިން ޕޮއިންޓް (ޓީއާރްޕީ)ގެ އެއްވަނަ މަގާމުގައި ހިފަހައްޓަމުން ދިޔަ ޑްރާމާ ސިލްސިލާ "އަނުޕަމާ" އެ މަގާމު ގެއްލުނުތާ ދުވަސްކޮޅެއްގެ ފަހުން އަނެއްކާވެސް ލިސްޓުގެ އެއްވަނަ އަށް ޖެހިލީ ޓީއާރްޕީ ގެ 3.0 ރޭޓިން އަކާ އެކުގައެވެ. ލިސްޓުގެ ދެވަނައިން "އަނުޕަމާ" އާ އެންމެ ގާތުން ވާދަ ކުރަނީ 2.8 ގެ ރޭޓިން އާއެކު "ގުމް ހޭ ކިސީކޭ ޕިޔާރު މެއިން" އެވެ. ތިން ވަނަ މަގާމު ލިބިފައި ވަނީ 2.5 ގެ ރޭޓިން އާއެކު "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ" އަށެވެ. އެ ޑްރާމާ އަކީ ސްޓާޕްލަސް އިން ދައްކަމުން އަންނަ އެންމެ ދުވަސްވީ ޑްރާމާ އެވެ. 2009 ވަނަ އަހަރުން ފެށިގެން ދައްކަމުން އަންނަ އެ ޑްރާމާ އަކީ މިއަދުވެސް އާންމުންގެ މެދުގައި މަގްބޫލު ޑްރާމާއެކެވެ.
ލިސްޓުގެ ހަތަރު ވަނަ "އިމްލީ" އަށް ލިބުނު އިރު ފަސްވަނަ ލިބިފައިވަނީ "ފާލްތޫ" އަށެވެ. ގިނަ ބަޔަކަށް ކަމުދާ ޑްރާމާ "އަނުޕަމާ" އާންމުންނަށް އެންމެ ކަމުދާ ބޮޑު ސަބަބަކީ ހަގީގީ ދިރިއުޅުމުގައި ވެސް ދިމާވާ ކަންތައްތަކާއި މައްސަލަތައް މި ޑްރާމާއިން ވަރަށް ތަފްސީލީ ގޮތެއްގައި އަލިއަޅުވާތީއެވެ. ޑްރާމާގެ އާ ޕްރޮމޯ އެއް މިހާރު ދައްކާލާފައިވާއިރު އެ ޕްރޮމޯއިން ފެނިގެންދަނީ ޑްރާމާގެ މެއިން ކެރެކްޓާ އަނުޕަމާގެ ހަގު ދަރިފުޅު އަނޫ އެޑޮޕްޓް ކުރަން އެހެން މީހަކު މަސައްކަތް ކުރާ ތަނެވެ.
އަނުޕަމާ އާއި އޭނާގެ ފިރިމީހާ އަނުޖް ކަޕާޑިއާ މީގެ ދުވަސްކޮޅެއް ކުރިން ފޮސްޓާ ކުރި އަނޫ އެޑޮޕްޓްކުރަން އަންނަނީ ކާކުތޯ ބެލުމަށް ގިނަ ބަޔަކު ކެތްމަދުވެފައި ވާއިރު ގިނަ ބަޔަކު ގަބޫލުކުރަނީ އަނޫ އެޑޮޕްޓްކުރަން އަންނަނީ އޭނާގެ އަސްލު މަންމަ ކަމަށެވެ. އެކަމުގެ ސަބަބުން އަނުޕަމާ އާއި އަނުޖް ގެ ދިރިއުޅުން އެފުށް މިފުށަށް ޖަހާލާނެ ކަމަށެވެ.