އައްޑޫ ސިޓީ ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމް ކުރަމުން އަންނަ، ކުނި އަންދައިގެން ހަކަތަ އުފައްދާ ވޭސްޓް ޓު އެނާޖީ ޕްލާންޓް އިންސްޓޯލް ކުރުމުގެ 95 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެންވަރަމެންޓް މިނިސްޓްރީއިން ބުނެފިއެވެ.

ރާއްޖޭން ބޭރުގައި ފަރުމާކޮށް އުފައްދާއިވާ މި ޕްލާންޓަކީ ރާއްޖޭގެ އެންމެ ދެކުނަށް އަމާޒުކޮށްގެން އެންވަރަމެންޓް މިނިސްޓްރީ އިން އައްޑޫ ސިޓީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގައި ގާއިމް ކުރާ ޕްލާންޓެކެވެ.

އެންވަރަމެންޓް މިނިސްޓްރީ އިން ބުނީ މިހާރު ކުރިއަށް ދަނީ މި ޕްލާންޓްގެ ކޮންޓްރޯލް ބިލްޑިންގެ އިތުރުން ވޭސްޓް އިންޓޭކް ބިލްޑިންގެ މަސައްކަތެވެ.

މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދޭ ގޮތަށް ފަރުމާ ކޮށްފައިވާ ޕްލާންޓްއެކެވެ. އެގޮތުން 50 ޓަނުގެ ކުނި އަންދައިގެން މި ޕްލާންޓުން 1.5 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެއެވެ.

ދުވާލެއްގެ މައްޗަށް 1.5 މެގަވޮޓްގެ ކަރަންޓް މި ޕްލާންޓުން އުފެއްދޭއިރު އޭގެތެރެއިން 1 މެގަވޮޓްގެ ކަރަންޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑަށް ފީޑް ކުރާނެއެވެ. އަދި 500 ކިލޯވޮޓް ގެ ކަރަންޓް ބޭނުން ކުރާނީ މި ފެސިލިޓީގެ ބޭނުންތަކަށެވެ.

އެންވަރަމެންޓް މިނިސްޓްރީ އިން ޖުލައި މަހަށް މި ފެސިލިޓީގެ މަސައްކަތް ނިންމުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ޕްލާންޓަކީ ރާއްޖޭގައި ކުނި މެނޭޖު ކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން މުޅި ރާއްޖެ ޒޯންތަކަކަށް ބަހާލައިގެން މައިގަނޑު ތިން ސަރަހައްދަކަށް ބެހުމަށް ފަހު ޒޯން 6 (ގއ އަދި ގދ) އާއި ޒޯން 7 (ޏ އަދި ސ) ހިމެނޭގޮތަށް އައްޑޫ ސިޓީގައި ގާއިމް ކުރާ ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެވެ.