ލައިނަލް މެސީ ކުޅޭ ފްރާންސްގެ ޕީއެސްޖީއާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގުޅުނު ސައުދީގެ އަލް ނަސްރު އަދި އެގައުމުގެ އަލް ހިލާލްގެ ކުޅުންތެރިން ހިމެނޭ ހެން އެކުލަވާލާ ޓީމާ ދެމެދު ކުޅޭ ރަހްމަތްތެރިކަމުގެ މެޗު ބަލާލުމަށް 2.6 މިލިއަން ޑޮލަރު ދީގެން މީހަކު ޓިކެޓެއް ގަނެފިއެވެ.
މިއީ ރޮނާލްޑޯ، އަލް ނަސްރަށް ކުޅޭ ފުރަތަމަ މެޗަށް ވާ އިރު، މިމެޗު އޮންނާނީ މިހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
މެސީއާއި ރޮނާލްޑޯގެ މި ކުރިމަތިލުން ބަލާލުމަށް 2.6 މިލިއަން ޑޮލަރު ދީގެން ޓިކެޓެއް ގަނެފައި ވަނީ ސައުދީގެ ވިޔަފާރިވެރިއެކެވެ. އިމާރާތް ގަނެ ވިއްކުމުގެ ވިޔަފާރި ކުރާ މި މީހާ މި ޓިކެޓް ގަތީ ނީލަމެއްގައެވެ. ސައުދީގެ ޖެނެރަލް އެންޓަޓެއިންމަންޓް އޮތޯރިޓީން އިސްނަގައިގެން ބޭއްވި މި ނީލަމުގައި ވަނީ މިމެޗުގެ ވަރަށް ހާއްސަ ޓިކެޓެއް ވިއްކާފައެވެ. މި ޓިކެޓާ އެކު މެޗު ބަލާލުމުގެ އިތުރުން ކުޅުންތެރިންނާ އެކު ފޮޓޯ ނަގާ ހެދުމުގެ ފުރުސަތު ލިބޭނެ ކަމަށް ވެސް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.
މި ޓިކެޓްގެ ނީލަން ފަށާފައި ވަނީ ވެސް 1 މިލިއަން ޑޮލަރުންނެވެ. އަދި އަންގާރަ ދުވަހު މި ނީލަން ނިންމާލި އިރު 2.6 މިލިއަން ޑޮލަރު ދީގެން ޓިކެޓް ގަތީ މުޝްރަފް އަލް ޣަމްދީ ކިޔާ މީހެކެވެ.
މި ނީލަން ޓިކެޓްތައް ވިއްކައިގެން ލިބޭ ފައިސާ ހަދިޔާ ކުރާނީ ސައުދީގައި ފަގީރުންނަށް ހާއްސަކޮށް ހިންގާ ގައުމީ ފަންޑަކަށް ކަމަށް ވެސް ސައުދީގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.
މެސީއާއި ރޮނާލްޑޯގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު އެހެން ކުޅުންތެރިން ވެސް މިމެޗުން ފެންނާނެއެވެ. އޭގެ ތެރޭގައި ފްރާންސްގެ ފޯވަޑް އަދި ނިމިދިޔަ ވޯލްޑްކަޕްގައި އެންމެ ގިނަ ލަނޑު ޖެހި ކިލިއަން އެމްބާޕޭގެ އިތުރުން ފުރަތަމަ ފަހަރަށް ސެމީއަށް ދިޔަ އެފްރިކާ ޓީމު ކަމަށްވާ މޮރޮކޯގެ ޑިފެންޑަރު އަޝްރަފް ހަކީމީ ވެސް ހިމެނެއެވެ.
ފްރާންސްގެ ޕީއެސްޖީއާއި ސައުދީގެ އޯލްސްޓާ ޓީމާ ދެމެދު ކުޅޭ މެޗު އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 10 ޖަހާ އިރުއެވެ.