އިންޑިއާގެ އެގްޒިމް ބޭންކުން ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ ދެ ބިލިއަން ރުފިޔާގެ ހދ. ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ފެއްޓުމަށް ބާއްވާ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ މިނިސްޓާ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް. ޖައިޝަންކަރު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
ޑރ. ޖައިޝަންކަރަށް މާފަރު އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުންނާއި، ނ. އަތޮޅު ކައުންސިލް ރައީސް އާއި ނ. މާފަރު ކައުންސިލްގެ މެންބަރުންނެވެ.
ޑރ. ޖައިޝަންކަރުގެ މި ދަތުރުގައި އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓްގެ އެހީގައި ހިންގާ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާ އިރު، އިންޑިއާ ސަރުކާރުގެ އެހީގައި ށ.ފޯކައިދޫގައި ގާއިމް ކޮށްފައިވާ ށ.ފޯކައިދޫ ކޮމިޔުނިޓީ ސެންޓަރު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތުގައި ވެސް ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމާއި މިނިސްޓަރު ޝާހިދާ ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން، ހއ. އުތީމު ގަނޑުވަރަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މިއީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ ރާއްޖެއަށް ކުރައްވާ ހަތަރުވަނަ ދަތުރެވެ. އެންމެފަހުން ޑރ. ޖައިޝަންކަރު ރާއްޖެއަށް ވަޑައިގެންފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހު އައްޑޫ ސިޓީއަށެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމުމުން، ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުން ކުރާ ބޯއިން 737 އާއި އެއާބަސް އޭ-320 މަރުކާގެ ބޯޓު ފަހަރަށް ހަނިމާދޫން ހިދުމަތް ދެވޭނެއެވެ. ހަމައެއާއެކު މެދުއިރުމަތީގެ އިތުރުން، އިރުމަތީ އެފްރިކާގެ ގައުމުތަކާއި ހަނިމާދުއާ ދެމެދު ސީދާ ދަތުރުތައް ކުރެވޭނެ ގާބިލްކަން ލިބިގެން ދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިމިގެން ދާއިރު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ބޭނުންވާނެ ހުރިހާ ވަސީލަތްތަކެއް އެތަނުގައި ހުންނާނީ ގާއިމްކޮށްފައެވެ. އަދި އަމާޒަކީ 2024 ނިމެންވާއިރަށް ހަނިމާދޫ އެއާޕޯޓުގެ މަޝްރޫއު ނިންމާލުން ކަމަށް، ސަރުކާރުން ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރަން ވަނީ ނިންމާފައެވެ.