ވާދަވެރިޔާ އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ނިޒާމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ހެއްދެވީ އިތުރުފުޅެއް ކަމަށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިދިޔަ އޮގަސްޓް މަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު "ރާއްޖެ ޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އެމަނިކުފާނު ބަރުލަމާނީ ނިޒާމަކަށް ތާއީދު ނުކުރައްވާ ކަމަށެވެ. އެމަނިކުފާނު އޭރު ވަނީ، ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށްޓަކައި އެމްޑީޕީން މިދިޔަ އަހަރު ބޭއްވި ކޮންގްރެސް އަށް ނަޝީދު ހުށަހަޅުއްވަން މަސައްކަތް ކުރެއްވި ގަރާރު އަނބުރާ ގެންދެވުމަށް ވެސް ގޮވާލައްވާފައެވެ.

"ދިވެހި ޗެނަލް" އަށް ނަޝީދު ދެއްވި ހާއްސަ ބަސްދީގަތުމުގައި ރައީސް ސޯލިހާ ބެހޭ ގޮތުން ވިދާޅުވީ، ރާއްޖެ ޓީވީ އަށް އެމަނިކުފާނު ބަސްދީގަތުމެއް ދެއްވަމުން، ރިޔާސީ ނިޒާމަކަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވި ކަމަށާއި ނަމަވެސް އެީ ރައީސް ހައްދަވާ އިތުރުފުޅެއް ކަމަށެވެ.

"އެމަނިކުފާނުގެ ބަސްފުޅުތައް ބައްލަވާ، ސިޔާސީ މައިދާނަށް އެމަނިކުފާނު ނުކުތީއްސުރެ ފަށައިގެން ވިދާޅުވެފައި ހުރި އެއްޗެހި، ކަނޑައެޅިގެން އިތުރުފުޅެއް އެ ހައްދަވަނީ."
ނަޝީދު

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި އެމްޑީޕީން ތާއީދު ކުރީ ބަރުލަމާނީ ނިޒާމަށެވެ. ނަމަވެސް ރައީސް ސޯލިހާއި އެމްޑީޕީގެ މިހާރުގެ ލީޑާޝިޕުން ތާއީދު ކުރަނީ ރިޔާސީ ނިޒާމަކަށެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ނެގި ވޯޓު ވަނީ އޮޅުވާލާފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުން ނަޝީދު ރޭ ވެސް ތަކުރާރު ކުރެއްވިއެވެ.

"ދެން އަޅުގަނޑު ހަނދާންވާ ގޮތުގައި ރާއްޖޭގެ ވޯޓު ހައްގުވާ މީހުނަށް ވުރެ އިތުރަށް އެ އިންތިހާބުގައި ވޯޓު ދީފައި އެބައޮތް. އެއީ ކަނޑައެޅިގެން ރިގްކޮށްފަ އޮތް [އޮޅުވާލާފަ] އޮތް އިންތިހާބެއް،" ނަޝީދު ވިދާޅުވިއެވެ.

"އެހެންވީމާ ރައީސް ސޯލިހު ވެސް ގަބޫލުފުޅު ކުރައްވާނެ މިހެންކަން، މިހެން ކުރައްވަނީ ވެސް އަދި އަމަލުފުޅުތަކުން ފެންނާނެ ބަރުލަމާނީ ނިޒާމަކަށް މަސައްކަތް ކުރައްވަމުން ގެންދަވާ ތަން،"
ނަޝީދު

ނަޝީދު ވަނީ، ކޯލިޝަނެއް ހަދައި ވެރިކަން ކުރުމަކީ ރިޔާސީ ނިޒާމާ ބީރައްޓެހި ސިފައެއް ކަމަށާއި ބަރުލަމާނީ އާ ރައްޓެހި ސިފައަކީ އިއްތިހާދަކުން ވެރިކަން ކުރުން ކަމަށާއި މިހާރު އެ ކުރަނީ އެގޮތަށް ކަމަށް ދޭހަވާ މޭރުމަކުން ވާހަކަ ދައްކަވާފައެވެ.