މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންފި ނަމަ، 10-15 ޕަސެންޓުން ބަލިވާނެ މަށާއި، އެފަދަ ތަފާތަކުން ބަލިވުމުގެ ސަބަބުން އެމްޑީޕީ އަލުން އަރައިގަންނަށް ދަތިވާނެ ކަމަށް، އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
ރޭ "ދިވެހި ޗެނަލް" އަށް ދެއްވި ހާއްސަ ބަސްދީގަތުމެއްގައި ނަޝީދު ވަނީ ރައީސް އެމްޑީޕީގެ ފަރާތުން ނުކުމެވަޑައިގެންފި ނަމަ، ރައީސަށް އިންތިހާބު ކާމިޔާބުކުރެވެން ދަތިވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވައިފައެވެ.
ކުރިން ރައީސްކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި، މިއަދު އެމްޑީޕީ ވަނީ އެ ޕާޓީގެ މެންބަރުން އަތުން ވަރަށް ބޮޑަށް ވީއްލިފައެވެ. އެމަނިކުފާނު ވިދާޅުވީ، މިހާރު ފެނިވަޑައިގަންނަވަނީ ސަރުކާރު ކުންފުނިތަކުގެ ބޭފުޅުންނާއި ބައެއް ވަޒީރުންނާއި ރައީސް އެމްޑީޕީގެ ފިކުރާ މުޅިން ތަފާތު ފިކުރެއްގައި މަސައްކަތްކުރައްވާ މަންޒަރު ކަމަށެވެ.
އެކަމާ އެމްޑީޕީގެ ގިނަ މެންބަރުން ހިތްހަމަނުޖެހޭ ކަމަށާއި، މެންބަރުން ބޭނުންވަނީ ޕާޓީގެ ފަލްސަފާ އަށް ރުޖޫއަވެ، މެންބަރުން ބޭނުންވާ ގޮތަށް ޕާޓީގެ ކަންކަން ހިނގުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އެހެންވީމަ އެ މީހުން މި ޕާޓީ އުފެދުމުގަ މަސައްކަތްކުރަމުން އައި މީހުންތައް އަބަދު ވެސް އައީ ބުނަމުން. މިއީ އެ މީހުން ހިތްހަމަޖެހޭ ގޮތެއް ނޫނޭ، ދެން އެ މީހުން އެދެނީ ޕާޓީގެ ފަލްސަފާ އަށް ރުޖޫއަވުމަށް. އަދި ޕާޓީގެ މެންބަރުންނަށް ޕާޓީ ލިބުމަށް، އެ މީހުން ބޭނުންވާ ގޮތަށް ޕާޓީގެ ކަންކަން ހިނގުމަށް،" ނަޝީދު ވިދާޅުވިއެވެ.
10-15 ޕަސެންޓުން ރައީސް ބަލިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ހިސާބު ޖެއްސެވީ ކީއްވެ؟
ފުރަތަމަ ކަމަކަށް ނަޝީދު ތަކުރާރުކުރެއްވީ އެމްޑީޕީގެ ދަފްތަރުން 39 ހާސް މެންބަރުން ވަކިކޮށްފައިވާ ކަމަށް ވިދާޅުވާ ވިދާޅުވުމެވެ. އެ 39 ހާސް މެންބަރުން ތިބީ އެއް ގޮތަކަށް ވެސް ރައީސަށް ވޯޓު ދޭން ބޭނުންނުވާ ކަމަށް ވިދާޅުވިއެވެ.
"އެހެންވީމާ އަޅުގަނޑަށް ލަފާކުރެވޭ ގޮތުގައި 70 ހާހަށްވުރެ ގިނަ ވޯޓު އެ ދިމާލުން ރައީސަށް އެބަ ގެއްލޭ. ދެން ބާކީ މި ތިބީ 56 ހާސް. އޭގެ ތެރެއިން ވެސް އަޅުގަނޑަށް ފެންނަ ތަނުގައި އަޣުލަބިއްޔަތު ވޯޓު ރައީސަކަށް ލިބިވަޑައެއް ނުގަންނަވާ،" އެމްޑީޕީން ރައީސަށް ވޯޓު ހޯއްދަވަން ދަތިވާނެ ކަމަށް ވިދާޅުވަމުން ނަޝީދު ލަފާކުރެއްވިއެވެ.
ރައީސް 10-15 ޕަސެންޓުން ބަލިވެވަޑައިގަންނަވާނެ ކަމަށް ނަޝީދު ހިސާބު ޖެއްސެވި ދެވަނަ ސަބަބަކީ ކުރީގެ ރައީސް އަދި ނަޝީދާ އެކު ނައިބު ރައީސްކަން ކުރެއްވި ޑރ. މުހައްމަދު ވަހީދުގެ ކެމްޕެއިންގައި ހަރަކާތްތެރިވެވަޑައިގަތް އިސް ބައެއް ބޭފުޅުން ރައީސްގެ ކެމްޕެއިންގައި ވެސް ހިމެނުމެވެ. އޭގެ ތެރޭގައި އައްޑޫ މަރަދޫ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހީމް ޝަރީފް (މަވޯޓާ ޝަރީފް) ހިމެނެއެވެ.
ނަޝީދު ވިދާޅުވީ، ވަހީދުގެ ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ބައެއް ބޭފުޅުން ރައީސްގެ އަރިހުގައި ތިއްބެވުމަކީ ނަޝީދުގެ ކަންބޮޑުވުން އިތުރުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.
"މިފަހަރު އެހެން ބޭފުޅުންގެ މޫނުތަކެއް ވެސް ފެންނަކަމާ އެކުގައި އަޅުގަނޑު މި ދަންނަވަނީ 10-15 ޕަސެންޓުގައޭ އެކަން ހުންނާނީ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މީގެ ކުރިން ވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ގިނަ ސިޔާސަތުތަކަށާއި، ސަރުކާރު މިހާރު ހިނގަމުންދާ ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ވާހަކަފުޅު ދައްކަވައިފައެވެ. އެމަނިކުފާނުގެ ކެމްޕެއިން ދަތުރުފުޅުތަކުގައި ނަޝީދު ގެންދަވަނީ ސަރުކާރަށް އަދި ރައީސަށް ބަހުގެ ހޫނު ހަމަލާތައް އަމާޒުކުރައްވަމުންނެވެ.
ޕާޓީގެ ދަފްތަރުން ވަކިކުރި މީހުންގެ ތެރޭ އަޅުގަނޑުގެ ނަންވެސް ހިމެނޭ އެކަމަކު ދެނެއް މަށެއް ނަޝީދަކަށް ވޯޓެއް ނުދޭނަން
ހުސް މޮޔަވާޙަކަ. ތިކަންވެސް އޮތީ އިދިކޮޅަށް. އެއްވެސް ކަމެއްގަ ހަރުދަނާގޮތަކަށް ނުން ވާހަކަ ދައްކަނީ.