ޖަރުމަނުގެ މިހާރުގެ ޗާންސެލާ އޯލާފް ސްކޯލްޒް ގެ ސޯޝަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ ޑިފެންސް މިނިސްޓަރު ކްރިސްޓީން ލޭންބްރެޗް އަށް ގޯހުގެ މައްޗަށް ގޯސް ހެއްދެވޭތީ އިސްތިއުވާ ދެއްވައިފިއެވެ.
އެންމެ ފަހުން އޭނާއަށް ހެއްދުވުނު ގޯހަކީ، ރަޝިއާއިން ޔޫކްރައިނަށް އަރާ ކުރަމުންދާ ހަނގުރާމައިގައި ޖަރުމަނުން ޔޫކްރައިނަށް އެހީވާން އަސްކަރި ޓޭންކު ފޮނުވަން އެދިފައި ވަނިކޮށް ޖަރުމަނުން ޔޫކްރައިނަށް އެހީވުމަށް 500 ހެލްމެޓް ފޮނުވައިފި ކަމަށް ވިދާޅުވެވުމެވެ. ގިނަ ބަޔަކަށް އެކަން ކަމު ނުދިޔައީ ޖެރުމަނުކަހަަ ގައުމަކުން ދައްކަން ޖެހޭ ކަހަލަ ވާހަކަ އަކަށް ވުރެ ޖޯކަކަށް އެކަން ވީމައެވެ.
މީގެ އިތުރުން އެ ހަނގުރާމަ އާ ގުޅިގެން ޖަރުމަނުގެ ފޯސަސް ނުވަތަ އަސްކަރިއްޔާ ވަރުގަދަކޮށް ތަރައްގީ ކުރުމަށް 100 ބިލިއަން ޔޫރޯގެ ބަޖެޓެއް އޮވެމެ އެކަން ކުރައްވަން އެނގިވަޑައި ނުގަތުމުން އޭނާ އަށް އަމާޒުވާ ފާޑުކިޔުންތައް ވެސް ބޮޑެއެވެ.
މީގެ އިތުރުން، އޭނާގެ ދަރިފުޅު ގޮވައިގެން އަސްކަރީ ހެލިކޮޕްޓަރެއްގައި ބުރެއް ޖަހާލަން ވަޑައިގަން މައްސަލައެއް ވެސް ފެންމަތިވެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މިފަދަ މައްސަލަތައް ފެންމަތިވެ އޭނާ ތަމްސީލު ކުރާ ޕާޓީގެ ތެރޭގައާއި ސިޔާސީ މައިދާނުގައި އޭނާގެ މަގުބޫލުކަން ކުޑަވެ، މީޑިއާގެ ޕްެލެޓްފޯމްތަކުގައި ފާޑުކިޔުންތައް ބޮޑުވެފައި ވަނިކޮށް އޭނާ އިސްތިއުފާ ދެއްވަމުން ވިދާޅުވީ، މުޅި މީޑިއާގެ ސަމާލުކަން ހުއްޓާލައިގެން ތިބީ އޭނާއަށް ކަމަށެވެ.
އޭނާ އިސްތިއުފާ މި ދެއްވީ ޔޫކްރައިން ހަނގުރާމައާ ގުޅިގެން އެމެރިކާ އަދި ޔޫރަޕުގެ އެހެން ގައުމުތައް ގުޅިގެން ކުރެވިދާނެ އިތުރު ކަންކަމަކާ ގުޅޭ ގޮތުން މަޝްވަރާ ކުރުން އަންނަ ހުކުރަށް ތާވަލް ކޮށްފައި އޮއްވައެވެ.
ޑިފެންސް މިނިސްޓަރު އިސްތިއުފާ ދެއްވި މި ވަގުތުގައި ޔޫކްރައިން އިން އޮތީ ޖަރުމަނުގެ ލެޕާޑް ބްރޭންޑުގެ ވަރުގަދަ ޓޭންކް ބޭނުން ވެގެން އެދިފައެވެ. މީގެ ކުރިން މާލީ އެހީއާއި އަސްކަރީ އެހީވެސް ފޮނުވާފައި ވާ އިރު ކުރިއަށް އޮތް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބްރޭޑްލީ މަރުކާގެ އަސްކަރީ ވެހިކަލް، އެމެރިކާއާ ގުޅިގެން ޔޫކްރައިނަށް ފޮނުވާނެއެވެ.
ނަމަވެސް ޔޫކްރައިނުން ބޭނުންވެގެން އުޅޭ ލެޕާޑް މަރުކާރުގެ ޓޭންކް ފޮނުވާނީ އެކަމަށް އެމެރިކާއިން އެއްބަސްވާ ނަމަ ކަމަށާއި، އެއްބަސްވި ނަމަވެސް އެންމެ އަވަހަށްވެސް ފޮނުވޭނީ 2024 ގައި ކަމަށް ޖަރުމަނުގެ އޮފިޝަލަކު ބީބީސީއަށް ވަނީ ވިދާޅުވެފައެވެ.
ލޭމްބްރެޗް އިސްތިއުފާ ދެއްވުމުން ދެން އެ މަގާމާ ހަވާލުވާ ނުވަތަ އައްޔަން ކުރާ ބޭފުޅެއްގެ މައުލޫމާތެއް އަދި ނެތެވެ.