އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރެއްވުމަށް ފުވައްމުލަކު ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފު ނިންމަވައިފިއެވެ.
އެކަން އިއުލާނު ކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ވަޒީރެއްގެ ނައިބުގެ މަގާމުގައި ހުންނެވި ފަލާހު އެމަނިކުފާނުގެ ކެމްޕެއިން އާ ގުޅިވަޑައިގަތުމުން ވަރަށް ބޮޑަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.
މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފަލާހު އެ މަގާމަށް އައްޔަން ކުރި އިރު އެ މަގާމުން ފަލާހު އިސްތިއުފާ ދެއްވީ ރައީސް ނަޝީދުގެ ކެމްޕެއިން ހަރަކާތްތަކަށް ވަގުތު ދެއްވުމަށް ކަމަށް ވިދާޅުވެއެވެ. އެކަން މީގެ ކުރިން ރައީސް ނަޝީދު ވަނީ ކެމްޕެއިން ޖަލްސާއެއްގައި ވެސް ފާހަގަކުރައްވާފައެވެ.
ފަލާހު ރައީސް ނަޝީދަށް ތާއީދު ކުރައްވަން ނިންމެވިއިރު، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު މުޙައްމަދު އާތިފް އަދި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްވެސް ވަނީ ރައީސް ނަޝީދަށް ތާއީދު ކުރައްވާކަން ހާމަކުރައްވައިފައެވެ.
މި މަހުގެ 28 ވަނަ ދުވަހު އެމްޑީޕީ ރިޔާސީ ޕްރައިމަރީ ބާއްވަން ނިންމާފައިވާއިރު ރައީސް ނަޝީދުގެ އިތުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ހަރަކާތްތައް ފޯރީގައި އަންނަނީ ކުރިއަށްގެންދަމުންނެވެ. އެގޮތުން ދެ ކެނޑިޑޭޓުންވެސް އަތޮޅުތެރޭގެ ރަށްތަކަށް ވަޑައިގަންނަވާއިރު ފާޑު ވިދާޅުވެ، ތުހުމަތުތައްވެސް އަންނަނީ ކުރައްވަމުންނެވެ. އަދި ދެ ރައީސްއިންވެސް ގެންދަވަނީ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވަމުންނެވެ.