އިންޑިއާގައި ޔުޕޭ ކާޑާއި އެގަަމުގައި ބޭނުން ކުރާ ޕޭމަންޓް އެޕް ބޭނުން ކުރުމަށް އާންމުނަށް ހިއްވަރު ދިނުމަށްޓަކައި، ރުޕޭ ޑެބިޓް ކާޑާއި އެޕުން ހަދާ ޓްރާންސެކްޝަންތަކަށް ޖީއެސްޓީ ނުނަގާގޮތަށް ހަދައިފިއެވެ.
ޖީއެސްޓީއަކީ މުދަލާއި ހިދުމަތުގެ އަގަށް އިތުރު ކުރާ ޕަސެންޓަކަށް ވާ އިރު ރާއްޖޭގައި ކިތަންމެ ކުޑައެއްޗެއް ގަތަސް، އަދި ފައިސާގެ މުއާމަލާތް ހިމެނޭ ހިދުމަތެއް ހޯދިޔަސް ޖީއެސްޓީ ނަގައެވެ. މި ހިނގާ 2023 ވަނަ އަހަރުން ފެށިގެން ޖީއެސްޓީ 8 ޕަސެންޓަށް ބޮޑުކޮށްފައި ވާ އިރު އެއީ ކޮންމެ 100 ރުފިޔާއަކަށް 2 ރުފިޔާގެ އިތުރު ވުމެކެވެ.
އިންޑިއާގައި ރުޕޭ ކާޑާއި އެޕް ބޭނުން ކުރަން އާންމުންނަށް ހިއްވަރު ދިނުމުގެ ގޮތުން މި ގެނައި ބަދަލުގައި ހިދުމަތުގެ ޗާގުޖެ ގޮތުގައި ބޭންކުތަކުން ނަގާ ބައި ސަބްސިޑައިޒް ކޮށްދެނީ ސަރުކާރުންނެވެ. އެގޮތުން އެގައުމުން މިހާރު ވަނީ 2600 ކްރޯޑް ރުޕީސް (31 މިލިއަން އެމެރިކާ ޑޮލަރު) ގެ ސްކީމެއް ތައާރަފު ކޮށްފައެވެ. މި ސްކީމުގެ ދަށުން ކާޑު މެދުވެރިކޮށް ކުރާ މުއާމަލާތްތުގެ ޕަސެންޓެއް ބޭންކުތަކަށް ލިބޭނެއެވެ. އަދި އެޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުގެ ތެރެއިން 2000 ރުޕީސް އާ ހަމައަށް މި ސްކީމުން ސަބްސިޑީ ލިބޭނެއެވެ.
މި ބަދަލާ އެކު، ރުޕޭ ޑެބިޑް ކާޑާއި އެޕް ބޭނުން ކުރާ އާންމުންގެ އަތުން ޓްރާންސެކްޝަން ޗާޖުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުނެގޭނެއެވެ. އޭގެ މާނަ އަކީ އެ ހިދުމަތް ބޭނުން ކުރާ މީހާގެ ކާޑުން ނުވަތަ އެޕުން ކެނޑޭނީ އޭނާ ހޯދާ ހިދުމަތުގެ ސީދާ މިންވަރު އެކަންޏެވެ.
ހިސާބުތައް ދައްކާ ގޮތުން ހުސްވި ޑިސެންބަރު މަހު އެކަނިވެސް އެޕް މެދުވެރިކޮށް 12 ލައްކަ ކްރޯޑުގެ ރުޕީސް (159 މިލިއަން ޑޮލަރު) ގެ ފައިސާގެ މުއާމަލާތް ކޮށްފައި ވާ އިރު ޖުމްލަ ޓްރާންސެކްޝަންގެ އަދަދު 782 ކްރޯޑަށް އަރައެވެ.
މި ގެނައި އާ ބަދަލާއެކު އެގައުމުގެ އަސްކަރިއްޔާއަށް ކާންދޭ މެސް (އަސްކަރީ މަރުކަޒުތަކުގައި ހުންނަ ކާތަން) ތަކުގައި ވެސް ޖީއެސްޓީއެއް ނުނެގެއެވެ. އެއީ އެތަންތަންވެސް ލިސްޓް ކޮށްފައި ވަނީ ސަރުކާރުން ދޭ ހިދުމަތެއްގެ ގޮތުގައި ކަމަށް ވާތީއެވެ.
އިންޑިއާގައި ޖީއެސްޓީ ނަގަނީ އެކި ބާވަތުގެ ތަކެއްޗަށް އެކި މިންވަރަށެވެ. އިންޑޯ ބަންގްލަދޭޝް ބޯދަރުގައި ވިއްކާ ތަކެއްޗަށް ޖީއެސްޓީއެއް ނުނަގާ އިރު އެގައުމުގައި ތަކެތި ކެޓަގައިޒްކޮށް ނަގާ ޖީއެސްޓީގެ އެންމެ ކުޑަ މިންވަރަކީ 5 ޕަސެންޓެވެ. އެންމެ ބޮޑު އަދަދަކަށް ނަގަނީ 18 ޕަސެންޓެވެ.
ރާއްޖެއާ ހިލާފަށް އިންޑިއާގައި ޖީއެސްޓީ ނުނަގާ ތަކެތީގެ ތެރޭގައި ސްކޫލު ކުދިންގެ ކިޔެވުމަށް ބޭނުންވާ ސާމާނާއި ސިއްހީ ހިދުމަތް ހިމެނެއެވެ. މީގެ އިތުރުން ކާބޯތަކެތީގެ ގިނަ ބާވަތްތަކުންވެސް ޖީއެސްޓީއެއް ނުނަގައެވެ.