ބެސްޓް އޮރިޖިނަލް ސޯންގް ކެޓެގަރީން ގޯލްޑަން ގްލޯބް އެވޯޑް ލިބުނު އިންޑިއާގެ ފުރަތަމަ ލަވަ ކުޅުނީ ޔޫކްރައިންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީގެ ގަނޑުވަރުގެ ކުރިމަތީގައި ކަމަށް އެ ލަވައިގެ ޑައިރެކްޓަރު ބުނެފިއެވެ.

އިނގިރޭސީން އިންޑިއާ އިސްތިއުމާރު ކޮށްގެން އުޅުނު ދުވަސްވަރުގެ ހާދިސާއެއްގެ މައްޗަށް ތައްޔާރު ކޮށްފައި ވާ އާރުއާރުއާރު ފިލްމުގެ "ނާޓު ނާޓު" ލަވައިގައި ދައްކަނީ، އިންޑިއާ އިސްތިއުމާރު ކޮށްގެން ތިބި އިނގިރޭސި ކޮމާންޑަރުންގެ ގަނޑުވަރުގެ ގޮތުގައެވެ. އެގަނޑުވަރުގައި އިންޑިއާގެ ކުއްޖަކު އެމީހުން ގައިދު ކުރެއެވެ.

އެ ކުއްޖާ މިނިވަން ކުރުމަށް ބަތޮލުން ކުރާ މަސައްކަތުގެ ތެރެއިން އެމީހުންނާއި ގަނޑުވަރުތެރޭގައި އުޅޭ ކޮމާންޑަރުންގެ އާއިލާތަކުގެ ބައެއް އަންހެން މެންބަރުންނާ ގުޅުން އުފެދި ގަނޑުވަރުގައި އޮންނަ ހަފްލާއަކަށް އެމީހުންނަށް ދައުވަތު ދެއެވެ. އެ ލަވަ ކިޔަނީ އެހަފްލާގައެވެ.

ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖާމައުލީ ބުނީ، އެ ގަނޑުވަރުގައި 2 ލަވައެއް ހެދި ކަމަށާއި، އެވޯޑު ލިބުނު ލަވައިގައި ފެންނަ މަންޒަރުތަކަކީ 2021 ގައި ޒެލެންސްކީގެ ގަނޑުވަރުގެ ކުރިމަތީގައި ނަގާފައިވާ މަންޒަރުތައް ކަމަށެވެ.

ޑައިރެކްޓަރު ބުނީ، އެ ގަނޑުވަރުގެ ފަހަތުގައި ހުންނަނީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ގެ ކަމަށާއި އެ ލަވަ އެތާނގައި ކުޅެން ހުއްދަ ލިބުނީ، ޒެލެންސްކީއަކީ ވެސް ކުރިން ޓީވީ އެކްޓަރަކަށް ވުމުން އޭނާގެ ޝައުގުވެރިކަން ހުރި ދާއިރާއެއް ކަމަށް ވުމުން ކަމަށެވެ. ޒެލެންސްކީ އަކީ، ޔޫކްރައިންގެ ރައީސަކަށް ވުމުގެ ކުރިން، ޓީވީ ސީރީޒެއްގައި ރައީސްގެ ބައި ކުޅުއްވި ޓީވީ އެކްޓަރެކެވެ.

އާރުއާރުއާރު ފިލްމަކީ، ޓެލެގޫ އެކްޓަރުން ހިމެނޭ ޓެލަގޫ ފިލްމެކެވެ. ބޮކްސް އޮފީހުގައި މި ފިލްމު ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ.