އިންޑިއާގެ ހަރްޔާނާގައި އަމިއްލައަށް ކަލާނގެ ހެދިގެން އުޅުނު އަމަރުޕޫރީ ނުވަތަ ޖަލޭބީ ބާބާ (ޒިލޭބި ބާބާ) 100 އެތައް އަންހެނަކު މަސްތުކޮށް ރޭޕްކޮށް އެމީހުންގެ ވީޑިއޯ ކްލިޕް ހެދި މައްސަލައެއްގައި 14 އަހަރަށް ޖަލަށް ލައިފިއެވެ.

އަމިއްލަ އަށް ކަލާނގެ ހެދިގެން އުޅޭ އެތައް ބައިވަރު ބަޔަކު އިންޑިއާގައި އުޅޭ އިރު އެ ގައުމަކީ އެތައްހާސް ދީނެއްވެސް އޮންނަ ގައުމެކެވެ. އަޅުކަން ކޮށްފައި ނުކުރާނެ އެއްޗެއް ނޯންނަ ގިނަ ބަޔަކު އުޅޭ އިންޑިއާގައި މި ބާބާ ބަސްޓް ވީ، އޭނާގެ ގާތަށް އެހީއަށް އެދި ދާ އަންހެނުން މަސްތުކޮށް ރޭޕްކުރުމާއެކު އެމީހުންގެ ވީޑިއޯ ކްލިޕް ނަގާ ބްލެކްމެއިލް ކުރުމުގެ ކަންތައްގަނޑެއް ފަޅާއެރުމުންނެވެ. އެހެން ބްލެކްމެއިލް ކުރަން އުޅުނު އަންހެނަކު ފުލުހަށް މައްސަލަ ރިޕޮޓު ކުރި ހިސާބުން، ފުލުހުން އެކަން ބަލަން ފެށިއެވެ.

މީނާ ރޭޕް ކުރި މީހުންގެ ތެރޭގައި އުމުރު ހަމަނުވާ ކުޑަކުދިން ވެސް ހިމެނޭކަމަށް ރިޕޯޓުތައް ބުނެއެވެ.

ފުލުހުން މީނާ ހައްޔަރު ކޮށް ބަލައިފާސްކުރުމުގެ ތެރޭގައި ރޭޕްކޮށް ނަގާފައި ވާ 120 ވީޑިއޯ ފެނިފައި ވާ ކަމަށް ބުނެއެވެ. މީނާ އެ ވީޑިއޯތައް ބޭނުން ކޮށްގެން މީހުން ބްލެކްމެއިލްކޮށް ފައިސާ ހޯދާކަމަށާއި ފައިސާ ނުދޭ ނަމަ ވީޑިއޯތައް އާންމުކުރާނެ ކަމުގެ ބިރު ދައްކާ ކަމަށްވެސް ބުނެއެވެ.