1983 އިން 2009 އާ ދެމެދު ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފު ކަންކަމާ މަތިކޮށް ލަންކާގެ ކުރީގެ ރައީސް ގޯޓާބަޔަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ހިމެނޭ ގޮތަށް 4 މީހަކަށް ދަތިކުރުމުގެ ފިވަޅު އަޅައިފިއެވެ.

ކެނެޑާއިން އިޝާރާތް ކުރާ ހާދިސާއަކީ ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ލަންކާ ސަރުކާރުން ހިންގި ދާހިލީ ހަނގުރާމައަށެވެ. 26 އަހަރަށް ދެމިގެން ދިޔަ ދާހިލީ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ ދިޔަ އިރު، ލަންކާގެ އޭރުގެ ރައީސަކަށް ހުންނެވީ މަހިންދަ ރާޖަޕަކްސައެވެ. ޑިފެންސް މިނިސްޓަރަކީ އޭރު ގޯޓާބަޔަ ރާޖަޕަކްސްއެވެ.

ކެނެޑާއިން ދަތިކުރުމުގެ ފިޔަވަޅު އެޅި އަނެއް ދެބޭފުޅުންނަކީ އޭރުގެ ސްޓާފް ސާޖެންޓް ސްނިލް ރަތްނަޔަކެ އާއި ލެފްޓިނެންޓް ކޮމާންޑާ ޕްރަސާދް ހެއްޓިއަރާއްޗީ އެވެ. މި ދެބޭފުޅުންނަކީ މީގެ ކުރިން އެމެރިކާއިން ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި ތިއްބެވި ދެބޭފުޅުންނެވެ.

ރަތްނަޔަކަ އަކީ 2015 ވަނަ އަހަރު އާންމުންގެ 8 މީހަކު މަރާލި މައްސަލައިގައި މަރަން ހުކުމް ކުރި ބޭފުޅެކެވެ. ނަމަވެސް ރާޖަޕަކްސަގެ ވެރިކަމުގައި 2020 ވަނަ އަހަރު ވަނީ އޭނާ އަށް މައާފުދީ މިނިވަން ކޮށްފައެވެ.

ކެނެޑާގެ މި ނިންމުން ރާޖަޕަކްސަ ނިސްބަތްވާ ޕާޓީން ކުށްވެރިކޮށްފައި ވާ އިރު ދާދި ފަހުން ރާޖަޕަކްސަގެ ސަރުކާރާ ދެކޮޅަށް ލަންކާގެ ރައްޔިތުން ނުކުމެ ހިންގި ބޮޑެތި މުޒާހަރާތަކުގައިވެސް އިންސާނިއްޔަތާ ހިލާފު ކަންކަން ހިންގާފައި ވާކަމުގެ ތުހުމަތު މިހާރުވެސް އެބައޮތެވެ. އަދި އެ މުޒާހަރާ ތަކާ ގުޅިގެން ރާޖަޕަކްސަ އާއި ރައީސް އަކަށް ހުންނެވި ގޯޓާބަޔަ އިސްތިއުފާ ދެއްވާފައި ވާ އިރު، ގޯޓާބަޔަ ވަނީ ފިއްލަވައިގެން ރާއްޖެ މަގުން ސިންގަޕޫރަށް ވަޑައިގެން މިހާރު އެނބުރި ގައުމަށް ވަޑައިގެންފައެވެ. އަދި މިހާރު ގޯޓާބަޔަ މަސައްކަތް ކުރައްވަނީ އޭނާގެ އަތްޕުޅުގައި ކުރިން އޮތް އެމެރިކާގެ ރައްޔިތުކަން އަނބުރާ ހޯއްދެވުމަށެވެ. ނަމަވެސް އެކަމުގައި އަދި ކުރިއެރުމެއް ލިބިވަޑައިގެންފައި ނުވާ އިރު އޭނާ އެމެރިކާގެ ރައްޔިތުކަން ދޫކޮށްލެއްވީ، ލަންކާގެ ރައީސަކަށް ވެވަޑައިގަތުމަށެވެ.

ތަމަޅަ ޓައިގަރުންނާ ދެކޮޅަށް ރާޖަޕަކްސަގެ ސަރުކާރުން އޭރު ދިން ވަރުގަދަ ހަމަލާތަކުގައި ޓައިގަރުންގެ ހުރިހާ ސެލްތައް ހަލާކު ކޮށްލާ، ޓައިގަރުންގެ ލީޑާޝިޕްގެ އެންމެން މަރާލިއެވެ.