ޖީއެސްޓީގެ ބުރަ ޕީޕީއެމްއިން ފިލުވަދޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ޖީއެސްޓިއާއެކު ތަކެތީގެ އަގުތަކަށް އައި ބަދަލުތަކަށް އިޝާރާތް ކުރައްވާ ފާޑުވިދާޅުވުމަށް ފަހުއެވެ.

މިއަހަރުގެ ތެރޭގައި ތަކެތީގެ އަގު އެވްރެޖްކޮށް 10 ޕަސެންޓް ބޮޑުވެއްޖެ ކަމަށާއި ކުރިން 100 ރުފިޔާއަށް ލިބޭ ޕިއްޒާ މިހާރު ލިބެނީ 113 ރުފިޔާއަށް ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އަދި އެއީ ޖީއެސްޓީ ބޮޑުކުރުމުގެ ނަތީޖާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

މިހެން ވާނެކަން ކުރިން އެނގި ޖީއެސްޓީ ބޮޑުކުރުމުގެ ކުރިން ސަރުކާރާއި މަޖިލީހުގެ ސަމާލުކަމަށް އެކަން ގެނެސްފައި ވާނެ ކަން ފާހަގަ ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އެ ބުރަ ޕީޕީއެމްއިން ފިލުވައިދޭނެ ކަމަށެވެ.

ޕީޕީއެމްގެ ވެރިކަމަށް އާދަމް ޝަރީފް އިޝާރާތް ކުރެއްވި އިރު އެ ކޯލިޝަންގެ ރިޔާސީ ޓިކެޓު ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެރުވުމަށް ފަހު ކެމްޕެއިން ހަރަކާތްތައް ދަނީ ކުރަމުންނެވެ. އެހެންނަމަވެސް މިދިޔަ މަހުގެ 25 ވަަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް ރައީސް ޔާމީންގެ މައްޗަށް ވަނީ އިއްވާފައެވެ.

ސަރުކާރުން ކުރިން ނެގި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓިޖީއެސްޓީ 14 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކޮށް މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނަަގަން ފަށާފައި ވާއިރު ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެފައިވާ ކަން ފާހަގަ ކުރެވެއެވެ. އަދި އެއާއެކު ބާޒާރު ކޮތަޅުން 2 ރުފިޔާ ނަގަން ވެސް ވަނީ ފަށާފައެވެ.