ޔޫކްރައިން ހަނގުރާމަ އަހަރަކަށް ދެމިގެން ދާ އިރު އާ އުކުޅުތަކާއި އާ ހަތިޔާރުން ހަމަލާ ބަދަލުކުރަމުން ދާ މިދަނޑިވަޅުގައި ދިން ކުއްލި ހަމަލާއެއްގައި ޔޫކްރައިންގެ 600 ސިފައިން މަރާލައިފި ކަމަށް ރަޝިއާއިން ބުނެފިއެވެ.

ރަޝިއާ އިން ބުނީ އެ ހަމަލާ ދިނީ، ޑޮންބާސްގައި ބަނޑަހަ ޖަހައިގެން ތިބި ޔޫކްރައިންގެ ސިފައިންގެ މަގާމުތަކަށް ކަމަށެވެ. މިސައިލުން ދިން މި ހަމަލާގައި 2 މިސައިލެއް އަމާޒު ވީ ޑޮންބާސްގެ އިތުމަތީ ޝަހަރެއް ކަމަށް ވާ ކްރަމަޓޯސްކްގައި ތިބި 1300 ޔޫކްރައިން ސިފައިންގެ ބެރެކްސްތަކަށް ކަމަށާއި އެތަނުން 600 ސިފައިން މަރުވި ކަމަށް ބުނެފައި ވެއެވެ.

ރަޝިއާއިން ބުނީ މިއީ މާކީވްކާގައި ގާއިމުވެ ތިބި ރަޝިއާ ސިފައިންނަށް އަމާޒުކޮށް ޔޫކްރައިން އިން ދިން މިސައިލް ހަމަލާގައި އެތައް ބަޔަކު މަރުވި ހާދިސާގެ ބަދަލު ހިފުމަށް ދިން ހަމަލާއެއް ކަމަށެވެ.

މިހާދިސާގެ ހަބަރު ދޮގުކުރަމުން ޔޫކްރައިން އިން ބުނީ، އެ ހަމަލާ އަމާޒުވި ނަމަވެސް ޔޫކްރައިން ސިފައިންގެ އެކަކުވެސް މަރު ނުވާ ކަމަށެވެ. އަދި އެ ހަމަލާގައި ހަލާކުވީ އާންމުން ދިރިއުޅޭ ސަރަހައްދެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ޑޮނެސްކް ސަރަހައްދަށް ޔޫކްރައިން އިން ކަނޑައަޅާފައި ހުންނަ އެޑްމިނިސްޓްރޭޓަރު ޕޮލްވޯ ކިރިލެންކޯ ވިދާޅުވީ، ރަޝިއާއިން 8 މިސައިލް ފޮނުވާލި ކަމަށާއި، އެ މިސައިލްތައް އަމާޒު ވީ ތައުލީމީ މަރުކަޒަކަށާއި، ވިޔަފާރި މަރުކަޒަކަށާއި ގަރާޖަކަށެވެ.