އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައްކާފައިވާ މައްސަލަ އާ ގުޅިގެން ހައްޔަރުކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް އަނެއްކާވެސް އިތުރު 7 ދުވަސް ޖަހައިފިއެވެ.

އައްބާސް އާދިލް ރިޒާގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓަކުން އިންޑިއާގެ އެމްބަސީ ރޯކޮށްލަން ހިއްވަރު ދިން މައްސަލަ އާ ގުޅިގެން ފުލުހުން އޭނާ ހައްޔަރުކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެމްބަރު 25 ވަނަ ދުވަހުއެވެ.

މީގެ ކުރިން ފުލުހުން ބުނީ އޭނާ ހައްޔަރު ކުރީ ފުލުހުން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ފަސް ދުވަސް ދީފައި ވާއިރު، ދެވަނަ ފަހަރަށް ހަތް ދުވަސް ވަނީ އިތުރުކޮށްފައެވެ،

ޓުވިޓާގައި އައްބާސް ގެ ނަމުގައި ހިންގާ ޓުވިޓާ އެކައުންޓުން ކުރި ޓުވިޓެއްގައި ބުނީ 2012 ވަނަ އަހަރު ފެބްރުއަރީ މަހު އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށް ކަމަށާއި އެކަމުގެ ބަދަލު ނުހިފި އޮތުމުން އެމްބަސީން ފަށަން ފެންނަކަމަށެވެ.

އިންޑިއާ އައުޓް ހޭޝްޓެގާ އެކު ކޮށްފައިވާ ޓުވިޓާއި ގުޅިގެން އައްބާސް އާ މެދު ފިޔަވަޅު އެޅުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ. އެހެންނަމަވެސް އައްބާސް ވަނީ އެއީ އޭނާ ބޭނުންކުރާ ޓުވިޓާ އެކައުންޓެއް ނޫންކަމަށް ބުނެފައެވެ.