އެމެރިކާގެ ނިއުޕޯޓް ނިއުސްގައި ހުންނަ ފަށާތައުލީމުގެ ސްކޫލެއްގައި 6 އަހަރުގެ ކުއްޖަކު ޓީޗަރެއްގެ ގަޔަށް ބަޑިޖަހައިފިއެވެ. ހަބަރުތައް ބުނާ ގޮތުން އެ ކުއްޖާ ޓީޗަރުގެ ގަޔަށް ބަޑިޖެހި ސަބަބު ސާފު ނުވި ނަމަވެސް އެކަން ކޮށްފައި ވަނީ ގަސްދުގައި ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެ ކުއްޖާ ބަޑި ހޯދި ގޮތްވެސް ސާފު ނުވާއިރު ހަމަލާ އަމާޒު ވި އުމުރުން 30 އަހަރުގެ ޒުވާން ޓީޗަރު ދަނީ މަރާ ހަނގުރާމަ ކުރަމުން ކަމަށް ވެސް ބުނެއެވެ.

އެ ހާދިސާގައި ކުއްޖާ ބޭނުން ކުރީ ކޮން ކަހަލަ ބަޑިއެއްކަން ހާމަ ކުރަން ދެކޮޅު ހެދި ނަމަވެސް ފުލުހުން ބުނީ އެއީ އެ ވަރުގެ ކުއްޖަކަށް ގެންގުޅެވޭ ވަރުގެ ބަޑިއެއް ކަމަށެވެ. މިހާދިސާއާ ގުޅިގެން އެ ދަރިވަރު މިހާރު ބަންދުގައި ބައިންދާފައި ވާ އިރު، އެ ސްކޫލަކީ 550 ދަރިވަރުން ކިޔަވަމުން ދާ ސްކޫލެއް ކަމަށާއި އެ ސްކޫލުގައި މެންޓަލް ހެލްތް (ސިކުނޑީގެ ދުޅަހެޔޮކަން) ބަލައި ޓެސްޓް ކުރާ ވަސީލަތްވެސް ހުންނަ ކަމަށެވެ. ނަމަވެސް ކޮންމެ ދުވަހަކު ހުރިހާ ކުދިންގެ މެންޓަން ހެލްތް ޗެކްއަޕް ނަހަދާ ކަމަށް ފުލުހުން ބުނެއެވެ.

އެމެރިކާގެ ނިއުޕޯޓް ނިއުސް އަކީ 180،000 މީހުންގެ އާބާދީއެއް އޮންނަ ރިޗްމޮންޑް އާ 70 މޭލު ދުރުގައި އޮންނަ އަވަށެކެވެ.