ޔަހޫދީ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގަވީރު، މުސްލިމުންގެ މުގައްދަށް ހަރަމް، މަސްޖިދުލް އަގުސޯގެ ގޯތިތެރެއަށް ވަން މައްސަލަ ޔޫއޭއީއާއި ޗައިނާއިން އދ ގެ ސަލާމަތީ މަޖިލީހަށް ހުށަހަޅައިފިއެވެ.

މުސްލިމުންނާ މެދު ނަފްރަތާއި ރުޅިވެރިކަން އުަފއްދާ އަދި ހާއްސަކޮށް ފަލަސްތީންގެ ރައްޔިތުން ވަޒަނުން ނެރެ ފަހާލަން ގޮވާ ހަރުޖަށި ވަޒީރު ގޯތިތެރެއަށް ވަން މައްސަލައިގައި ބާއްވާ ސަލާމަތި މަޖިލީހުގެ ކުއްލި ބައްދަލުވުން މާދަމާ ބާއްވާނެ ކަމަށް ހަބަރު ލިބެއެވެ.

މި މައްސަލައިގައި ފަލަސްތީނުގެ މަސްރަހް ހޫނުވެފައި ވާ އިރު، އޭނާގެ އެ އަމަލު މިސްރު، ޖޯޑަން، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޔޫއޭއިން ވަނީ ކުށްވެރިކޮށް ފަލަސްތީނާ ބައިވެރިވާކަން ހާމަ ކޮށްފައެވެ.

ޔަހޫދީ މިނިސްޓަރު އިއްޔެ އެތަނަށް ވަނީ، ހައްދުފަހަނައަޅާފައި ވާ ކަނާއަތުފިޔާއިގެ މީހުން ބޭނުންވާ ގޮތަށް އަގްސޯ މިސްކިތަކީ ޔަހޫދީންގެ ފައްޅިއަކަށް ބަދަލުކުރުމަށް ހިންގާ ނުރައްކާ އެޖެންޑާއަކާ އެކުގައި ކަމަށް ވިދާޅުވެފައެވެ.

މަޝްރަހު ހޫނުވެ އެކި އެކި ޖަމާއަތްތަކާއި އިސްލާމީ ގައުމުތަކުން އެ އަމަލު ކުށްވެރި ކުރަމުން ދާ މި ދަނޑިވަޅުގައި ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ ކުރިންވެސް އެއްބަސްވެފައި އޮތް ގޮތަށް ބަދަލެއް ނާންނަ ކަމަށާއި އަގްސޯ މިސްކިތާއި ސަރަހައްދު އެޮންނާނީ ކުރިންވެސް އޮތް ގޮތަށް ކަމަށެވެ.

މި ހާދިސާ ހިނގާފައި ވާ އިރު، ނަތަންޔާހޫ ޔޫއޭއީއަށް ކުރަން އޮތް ދަތުރުވެސް ފަސް ކޮށްފިއެވެ. ޔޫއޭއީ އަކީ މެދުއިރުމަތިން އިޒްރޭލާ ސިޔާސީ ގުޅުން ގާއިމު ކޮށްގެން އޮތް ގައުމެކެވެ.

ބެން ގަވީރުގެ މިއަމަލު ފަލަސްތީނާއި އިސްލާމީ ބައެއް ގައުމުތަކުގެ އިތުރުން ބައެއް ޔަހޫދީ އޮފިޝަލުން ކުށްވެރި ކޮށް ބުނެފައި ވަނީ، އޭނާ އެ ތަނަށް ވަނުމުގެ ސަބަބުން ނުތަނަވަސް ކަމާއި ރުޅިވެރިކަން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންނަށް އޮތް ނުރައްކާވެސް ބޮޑުވެގެން ދާނެ ކަމަށެވެ.

ނަމަވެސް އެ ހުރިހާ ކަމަކަށް ގޮން ޖަހާ، އޭނާ ބުނެފައި ވަނީ އިޒްރޭލުން ހަމާސް އަށް އަމާން ނުދޭނެ ކަމަށާއި އެ މިސްކިތަކީ އެންމެނަށް ވެސް ހުޅުވާލެވިފައި ވާ މިސްކިތެއް ކަމަށެވެ. އަދި ހަމާސް އިން އޭނާ އަށް ބިރު ނުދެއްކޭނެ ކަމަށާއި މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށްވެސް ބުނެފައި ވެއެވެ. މި ބެން ގަވީރަކީ، މީގެ ކުރިންވެސް ޔަހޫދީންނާ ބައިވެރިވެގެން އަގްސޯ މިސްކިތުގެ ގޯތިތެރެއަށް ވަންނަން މަސައްކަތް ކުރި މީހެއްގެ އިތުރުން އެ މިސްކިތް ޔަހޫދީންނަށް އާންމުކޮށް ހުޅުވާލުމަށް ގޮވާލާ މީހެކެވެ. އަދި އެތާނގައި ޔަހޫދީ ބޮޑެތި ރައްބީންނަށް އަޅުކަން ކުރެވޭނެ ގޮތް ހަދަންވެސް އޭނާ ގޮވާލައެވެ.