ޓެރަރިޒަމާ ދެކޮޅަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް އިއުލާން ކޮށް، ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ހުރިހާ ޖަމާއަތްތަކެއް ނައްތާލާނެ ކަމަށް ޕާކިސްތާންގެ ނެޝަނަލް ސެކިއުރިޓީ ކޮމިޓީން ބުނުމާއެކު އެގައުމުގައި ހަރަކާތްތެރިވާ ތޯލިބާން ޖަމާއަތުން ވަރުގަދަ އިންޒާރެއް ދީފިއެވެ.

ހަތިޔާރު އެޅި ތާރީކޭ ތޯލިބާން ޕާކިސްތާން އާ ހަވާލާދީ އަލްޖަޒީރާއިން ބުނީ، ޕާކިސްތާން ސަރުކާރުގެ އެ ނިންމުމާއެކު އެ ޖަމާއަތުން ހަނގުރާމަ އިއުލާން ކޮށް ޕާކިސްތާނުގައި ވެރިކަން ކުރާ ކޯލިޝަން ޕާޓުނަރުންގެ އިސްވެރިންނާ ދެކޮޅަށް ވަރުގަދަ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައި ވާ ކަމަށެވެ.

އެ ޖަމާއަތުން އަލްޖަޒީރާއަށް ފޮނުވި ވަޓްސްއެޕް ސްޓޭޓްމަންޓެއްގައި ފިޔަވަޅު އަޅާނެ މީހުންގެ ލިސްޓުގައި ޕާކިސްތާނުގެ މިހާރުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އާއި ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ ޒަރުދާރީގެ ނަން ފާހަގަ ކޮށްފައި ވާ ކަަމަށް ވެސް ބުންޏެވެ.

ޝަރީފް އަކީ ޕާކިސްތާން މުސްލިމް ލީގް ނަވާޒް ޕާޓީގެ ރައީސް އެވެ. ބުއްޓޫ ޒަރްދާރީ އަކީ ޕާކިސްތާން ޕީޕަލްސް ޕާޓީގެ ފަރާތުން ހުންނަވާ ހާރިޖީ ވަޒީރެވެ. ވެރިކަން ކުރާ މައި 2 ޕާޓީގެ ނަން ފާހަގަ ކޮށް ތޯލިބާނުން ބުނެފައި ވަނީ ސަރުކާރުން އިއުލާން ކުރި ގޮތަށް، ގޮތް ދޫނުކޮށް ދެޕާޓީގެ ލީޑާޝިޕުން ތިބޭ ނަމަ، ފިޔަވަޅު އަޅާނެ ކަމަށާއި އެހެން ކަމުން ލީޑަރުންނާ ވީހާވެސް ދުރުގައި އުޅުމަށް އާންމުންނަށް ތޯލިބާނުން ވަނީ ގޮވާލާފައެވެ.

"އަހަރެމެންގެ ޓާގެޓަކީ، ގައުމުގެ މަސްލަހަތައް ނުބަލައި ހުޅަނގުގެ މަސްލަހަތަށް މަސައްކަތް ކުރާ ޕާކިސްތާންގެ ސަލާމަތީ ބާރުތައް"
ޕާކިސްތާން ތޯލިބާން

ތޯލިބާނުން ވަނީ ޕާކިސްތާންގެ ދީނީ ޕާޓީތަކަށްވެސް ނަސޭހަތެއް ދީފައެވެ. އެ ޖަމާއަތުން ބުނީ، ވެރިކަން ހިންގާ މައި ދެޕާޓީން ތޯލިބާނުންނާ ދެކޮޅަށް އަޅަން ރާވާ ފިޔަވަޅުތަކުގެ ބައިވެރިއަކަށް އެޕާޓީތައް ނުވުމަށެވެ.

ބޮޑުވަޒީރު ޝަރީފް އާއި ދާދިފަހުން އަސްކަރިއްޔާއަށް އިސްކުރި ޗީފް ޖެނެރަލް އާސިމް މުނީރު ހިމެނިވަޑައިގަންނަވާ ސެއިރުރިޓީ ކޮމިޓީން ބުނެފައި ވަނީ ފާއިތު ވި އަހަރުގެ ތެރޭގައި ތޯލިބާން ޖަމާއަތުން ޕާކިސްތާނުގެ އެތަން މިތާނގައި 150 ހަމަލާއެއް ދިން ކަމަށާއި އެ ހަމަލާތަކުގައި އެތައް ބަޔަކު މަރުވެފައި ވާ ކަމަށެވެ.

މުސްކުޅި ގަބޫލު ކުރުންތަކުގެ މައްޗަށް އޮންނަ ޕާކިސްތާންގެ ހުޅަނގު އުތުރުގެ ސަރަހައްދެއް ކަމަށް ވާ ހައިބާރު ޕަހުތުންހުވާ، މައިސަރުކާރާ ވަކި ކުރަން މަސައްކަތް ކުރާ އެ ޖަމާއަތުން މީގެ ކުރިން ޕާކިސްތާން ސަރުކާރާއި ކާބުލްގައި ތިބޭ ތޯލިބާނުން ހިމެނޭހެން 3 ބައި މީހުންގެ މެދުގައި އަހުދުނާމާއެއް ހެދިއެވެ. ނަމަވެސް ނިމިދިޔަ ނޮވެމްބަރު މަހު ވަނީ އެ އަހުދު ނާމާއިން ތޯލިބާނުން ވަކިވެ، ހަމަލާތައް ދިނުމަށް އެޖަމާއަތުގެ މެންބަރުންނަށް އަންގާފައި ކަމަށް އަލްޖަޒީރާގައި ރިޕޯޓު ކުރެއެވެ.

މީގެ އިތުރުން، ޕާކިސްތާންގެ މިހާރުގެ ސަރުކާރުން އެ ޖަމާއަތާ ދެކޮޅަށް ހަނަގުރާމަ އިއުލާން ކޮށް މަސައްކަތް ކުރަނީ އެމެރިކާ ހިތްހަމަޖެއްސުމަށް ކަމަށްވެސް ތޯލިބާނުން ތުހުމަތު ކުރާ ކަމަށް އަލްޖަޒީރާއިން ބުނެއެވެ.

"ނަމަވެސް މިހާރުގެ ސަރުކާރު އެމެރިކާގެ ސިހުރުގައި ޖެހުނު ގޮތެއް ނޭނގެ"
ޕާކިސްތާން ތޯލިބާން

އެމެރިކާއިން ވަނީ ޕާކިސްތާންގެ ސެކިއުރިޓީ ކޮމިޓީގެ ނިންމުމަށް މަރުހަބާ ކިޔާ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމުގެ ފުރިހަމަ ހައްގު ޕާކިސްތާނަށް އޮންނާނެ ކަމަށް ބުނެފައެވެ. ނަމަވެސް ތޯލިބާނުންނާ ދެކޮޅަށް ޕާކިސްތާނަށް އަސްކަރީ އޮޕަރޭޝަނެއް ހިންގިދާނެ ކަމާމެދު އޭނާ ސުވާލު އުފައްދައެވެ. އެއާއެކު އޭނާ ބުނީ ތޯލިބާނުން ހަމަލާތައް ދޭން ކާބުލްގެ ސަރަހައްދު ބޭނުން ކުރާކަމަށެވެ. ނަމަވެސް އެވާހަކަތައް ދޮގުކޮށް ޕާކިސްތާންގެ ތޯލިބާނުން ބުނީ އެމެރިކާއިން ދައްކަނީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި އެއީ އޮޅުވާލުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ.

ޕާކިސްތާންގެ ހާރިޖީ ވަޒީރާ ގުޅޭ ގޮތުން ތޯލިބާނުން ބުނީ، އޭނާ އުޅުއްވަނީ އޭނާގެ މަންމަ ކަމުގައި ބަލައިގެން އުޅޭ އެމެރިކާގެ ކަރުހިއްކުން ފިލުވައިދެއްވަން ކަމަށެވެ. ބުއްޓޫ ޒަރުދާރީގެ މަންމާފުޅު ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫ، 2007 ގައި އަވަހާރަ ކޮށްލީ ޕާކިސްތާން ތޯލިބާން ޖަމާއަތަށް ނިސްބަތްވާ ބައެކެވެ. އެ ހަމަލާ އާ ގުޅިގެން ތޯލިބާނުންގެ ކުރީގެ ލީޑަރު ބައިތުއްލާ މެހްސޫދާ ގުޅުން އޮތް 5 މީހަކު ހައްޔަރު ކުރި ނަމަވެސް އެކަށީގެންވާ ހެކި ނެތިގެން އެމީހުންގެ މައްޗަށް އެ ކުށް ސާބިތު ނުވާ ކަމަށް 2017 ގައި ނިންމިއެވެ. ޖެހިގެން އައި އަހަރު، މިހާރު ޕާކިސްތާން ތޯލިބާންގެ ލީޑަރު ކަމުގައި ހުރި މުފްތީ ނޫރް ވަލީ މެހްސޫދު ވަނީ ބޭނަޒީރު އަވަހާރަ ކޮށްލި ހަމަލާ ދިނީ އެޖަމާއަތުން ކަމަށް ބުނެފައެވެ. އަދި އޭނާ އަވަހާރަ ކޮށްލަން ޖެހުނީ، އެކަމަނާ އަލުން ހޮވިވަޑައިގެންފި ނަމަ އެ ޖަމާއަތާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވުމުން ކަމަށް ބުނެފައެވެ.