ފަަލަސްތީނުގެ ރައްޔިތުން ވަޒަނުން ނެރެ ފަހާލަން ގޮވާ ޔަހޫދީ ކަނާތުފިޔާގެ، ނަތަންޔާހޫ ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރު ބެން ގަވީރު މަސްޖިދުލް އަގްސޯ މިސްކިތުގެ ގޯތިތެރެއަށް މިއަދު ވަދެއްޖެއެވެ.
މައްކާގައި ހުންނަ ހަރަމްފުޅާއި މަދީނާގެ ހަރަންފުޅު ފިޔަވައި މުސްލިމުންގެ އެންމެ މުގައްދަސް އެއް ހަރަމް ކަމުގައި ވާ އަގްސޯ މިސްކިތުގެ ގޯތިތެރެއަށް އޭނާ ވަނީ، ޔަހޫދީ ސިފައިންގެ ފުރިހަމަ ސެކިއިރިޓީގައެވެ.
އޭނާގެ މިއަމަލު ފަލަސްތީނާއި އިސްލާމީ ބައެއް ޖަމާއަތްތުގެ އިތުރުން ބައެއް ޔަހޫދީ އޮފިޝަލުން ކުށްވެރި ކޮށް ބުނެފައި ވަނީ، އޭނާ އެ ތަނަށް ވަނުމުގެ ސަބަބުން ނުތަނަވަސް ކަމާއި ރުޅިވެރިކަން އިތުރުވުން ނޫން ކަމެއް ނުވާނެ ކަމަށާއި އެކަމުގެ ސަބަބުން އިޒްރޭލުގެ ރައްޔިތުންނަށް އޮތް ނުރައްކާވެސް ބޮޑުވެގެން ދާނެ ކަމަށެވެ.
ނަމަވެސް އެ ހުރިހާ ކަމަކަށް ގޮން ޖަހާ، އޭނާ ބުނެފައި ވަނީ އިޒްރޭލުން ހަމާސް އަށް އަމާން ނުދޭނެ ކަމަށާއި އެ މިސްކިތަކީ އެންމެނަށް ވެސް ހުޅުވާލެވިފައި ވާ މިސްކިތެއް ކަމަށެވެ. އަދި ހަމާސް އިން އޭނާ އަށް ބިރު ނުދެއްކޭނެ ކަމަށާއި މިހާރު ހާލަތު ބަދަލުވެއްޖެ ކަމަށްވެސް ބުނެފައި ވެއެވެ. މި ބެން ގަވީރަކީ، މީގެ ކުރިންވެސް ޔަހޫދީންނާ ބައިވެރިވެގެން އަގްސޯ މިސްކިތުގެ ގޯތިތެރެއަށް ވަންނަން މަސައްކަތް ކުރި މީހެއްގެ އިތުރުން އެ މިސްކިތް ޔަހޫދީންނަށް އާންމުކޮށް ހުޅުވާލުމަށް ގޮވާލާ މީހެކެވެ. އަދި އެތާނގައި ޔަހޫދީ ބޮޑެތި ރައްބީންނަށް އަޅުކަން ކުރެވޭނެ ގޮތް ހަދަންވެސް އޭނާ ގޮވާލައެވެ.
މިއާ އެކު ފަލަސްތީނުގެ ހާރިޖީ އޮފީހުން ބުނީ، އޭނާ އެ ކުރީ ގޯސް ކަމެއް ކަމަށާއި އެކަމުން ހާލަތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮތް ކަމަށެވެ. އަދި ހަމާސް އިން ބުނެފައި ވަނީ އޭނާ "ރަތް ރޮނގު" ހުރަސް ކޮށްފި ކަމަށެވެ.
ހަބަރުތައް ބުނާ ގޮތުން އޭނާ އެ ތަނުގައި ހޭދަކުރީ ކުޑަކުޑަ ވަގުތު ކޮޅެކެވެ. ނަމަވެސް ހަމާސް އާއި ފަލަސްތީނުގައި ނުތަނަވަސްކަން އުފެދިފައި ވާ ކަމަށާއި، އެއާއެކު ޔަހޫދީންގެ ސަމަލާމަތާއި ރައްކާތެރިކަމަށް އިޒްރޭލުން އިތުރު ފިޔަވަޅުތައް އަޅަމުން ދާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.
ހަމާސް އިން އިތުރަށް ބުނީ، އެއީ އަރަބިންނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކުރުން ފަދަ ކަމެއް ކަމަށާއި އެއީ މުސްލިމުންގެ މުގައްދަސް ތަންތަން ޔަހޫދީން އަތްދަށުލުމަށް ހިންގާ ޖަރީމާއެއް ކަމަށެވެ. އެހެނަސް އަގްސޯ މިސްކިތަކީ ފަލަސްތީނުގެ ތަނެއް ކަމަަށާއި އަރަބީންނާއި މުސްލިމުންގެ މުގައްދަސް ބިނާއަކަށް ވާއިރު އެއްވެސް ބާރަކުންވެސް އަދި މީހަކަށްވެސް އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށެވެ.
ހަމާސް އިން އިތުރަށް ބުނީ މިހާރުވެސް ނުތަނަވަސް ކޮށް އޮތް މަޝްރަހު އިތުރަށް ގޯސްވެގެން ދާނެ ކަމަށާއި އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ އިޒްރޭލުގެ ސަރުކާރުން ކަމަށެވެ.
މިއާއެކު އިސްލާމިކް ޖިހާދުންވެސް ވަނީ އިޒްރޭލަށް އިންޒާރު ދީފައެވެ. އެ ޖަމާއަތުން ބުނީ، ދިފާއު ވަރުގަދަ ވާނެ ކަމަށާއި ފުރިހަމަ އަށް ތައްޔާރަށް ތިބި ކަމަށެވެ.