މި ފެށުނު އާ އަހަރާ ދިމާކޮށް ޔޫކްރައިން އާއި ރަޝިއާ އިން ކުރެ ކޮންމެ ގައުމަކުން ވެސް އެގައުމެއްގެ ސިޠާސަތު ދިފާއު ކުރުމަށް ވާހަކަ ދައްކަމުން ދަނިކޮށް ރަޝިއާއިން ފޮނުވާލި ޑްރޯންތަކެއް ވައްޓާލައިފި ކަމަށް ޔޫކްރައިން ބުނެފިއެވެ.
ޔޫކްރައިން އިން ބުނީ، ވައްޓާލި 45 ޑްރޯން އަކީވެސް އީރާނުގައި އުފައްދާ މަޝަހޫރު "ކަމިކާޒީ" ޑްރޯން ކަމަށެވެ. އެ ހުރިހާ ޑްރޯނެއް ވެސް ވައްޓާލުމުގައި ޔޫކްރައިންގައި މިހާރު ގާއިމު ކޮށްފައިވާ އެއާ ޑިފެންސް ސިސްޓަމްތަކުން މުހިންމު ދައުރެއް އަދާ ކުރި ކަމަށް އެގައުމުން ބުނެއެވެ. މިހަމަލާތަކުގެ އިތުރުން ޔޫކްރައިން އަށް އަމާޒުކޮށް ރަޝިއާއިން 20 މިސައިލެއް ވެސް ރޭ ފޮނުވާލި ކަމަށް އެގައުމުން ބުނެއެވެ. ނަމަވެސް މިވާހަކަ ޔޫކްރައިން އިން ބުނުން ފިޔަވައި އެހެން ގައުމަކުން ނުވަތަ އިންޓެލިޖެންސް އަކުން ބުނެފައެއް ނުވެއެވެ.
އާ އަހަރާ ދިމާކޮށް ރަޝިއާ އާއި ޔޫކްރައިން އިން ކުރެ ކޮންމެ ގައުމަކުން ވަނީ އެގައުމެއްގެ ސިޔާސަތު ދިފާއު ކޮށް ގައުމު ސަލާމަތް ކުރާނެ ކަމަށް ގޮވާލާފައެވެ.
އެގޮތުން ރަޝިއާއަށް "ޓެރަރިސްޓް" ހަމަލާ ދިނުމަށް ޔޫކްރައިންގައި ޑްރޯން އުފައްދާ ފެކްޓަރީ އަކަށް ހަމަލާ ދިން ކަމަށް ރަޝިއާ އިން ބުނެފައި ވެއެވެ. އަދި އެ ހަމަލާތަކުގައި އެތަން ހަލާކު ކޮށްލެވިފައި ވާ ކަމަށާއި އެ ފެކްޓަރީގައި އުފައްދަމުން ދިޔައީ ކުރިއަށް އޮތް ތަނުގައި ޔޫކްރައިން އިން ރަޝިއާއަށް ހަމަލާ ދީނުމުގައި ބޭނުން ކުރާނެ ޑްރޯންތައް ކަމަށްވެސް ބުނެފައި ވެއެވެ.
ރަޝިއާއިން ޔޫކްރައިން އަށް އެރިތާ އަހަރެއް ވާން ދާން އިރު ދެފަރާތުން ގިނަ އަދަދެއްގެ މީހުން ވަނީ މަރުވެފައެވެ. އިންސާނުންގެ ފުރާނަ ގެއްލުމުގެ އިތުރުން، އެތައް އަހަރެއްގެ އުމްރާނީ ތަރައްގީ ޔޫކްރައިން އަށް ވަނީ ގެއްލިފައެވެ. ނަމަވެސް ޔޫކްރައިން އިން ދޫ ނުދޭނެ ކަމަށާއި ކޮންމެ މީހަކީ އަދި ކޮންމެ ތަނަކީ މިހާރު ހަނގުރާމައިގެ މައިދާނެއް ކަމަށް ބުނެ ޔޫކްރައިންގެ އާ އަހަރުގެ މެސެޖަކީ ފަހު މީހާ އާ ޖެހެންދެން ގައުމު ދިފާއު ކުރުމުގައި ދެމިހުރުމެވެ.
ރަޝިއާ އާއި ޔޫކްރައިންގެ ހަނގުރާމަ ދިގުލައި އާ އަހަރަކަށް ފެށިފައި ވާ އިރު، ހުޅަނގާއި ޔޫރަޕުން އަދި އެމެރިކާއިން ރަޝިއާއަށް އަޅާފައި ވާ ދަތިކުރުމުގެ ފިޔަވަޅުތައް ވެސް ދަނީ ވަރުގަދަ ކުރަމުންނެވެ. އެގޮތުން، ރަޝިއާއަށް އާމްދަނީ ލިބޭ އެންމެ މުހިންމު އެއް ވަސީލަތް ކަމުގައި ވާ ތެލާއި ގޭސް ޔޫރަޕުން ކޮންޓްރޯލް ކޮށް އަޅާފައި ވާ ފިޔަވަޅުތައް ވަނީ ތަންފީޒު ކުރަން ފަށާފައެވެ. މިއަދަކީ ޖަރުމަނުން ރަޝިއާގެ ގޭސް ހުއްޓާލި ދުވަހެވެ.
ހަމަ އެއާއެކު ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިންގެ މައްޗަށް ބައިނަލްއަގުވާމީ ކޯޓުގައި ދައުވާ ކޮށް މިއަހަރުގެ ތެރޭގައި ޝަރީއަތް ހިންގަންވެސް ހުޅަނގުގެ އެހީއާއެކު ޔޫކްރައިން އިން ދަނީ ތައްޔާރު ވަމުންނެވެ. އެ މަސައްކަތުގައި ބައިނަލްއަގުވާމީ ލޯޔަރުންގެ އެހީ ހޯދަމުން ދާ ވާހަކަތައް ފެންމަތިވަމުން އަންނަ އިރު ކުރިން ސޯވިއެޓްގެ ގައުމުތައް ވަކިވެ، ހިނގި ކޮސޯވޯ ގަތުލުއާންމުގެ މޭސްތިރިޔާ ޔޫގޯސްލާވިއާގެ އޭރުގެ ރައީސް ސްލޮބޮޑާން މިލޮސޮވިޗާ ދެކޮޅަށް ވަކާލާތު ކުރި ލޯޔަރުވެސް ވަނީ، މިއަހަރުގެ ތެރޭގައި ޕުޓިންއަށް ޝަރީއަތް ކުރެވެން ބޭނުން ވާ ކަމަށް ބުނެފައެވެ.