ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުގައި ހުޅުޖަހަން ފެންނަ ކަމަށް ބުނެ، އާންމުންގެ މެދުގައި ނަފްރަތު އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާތީ ހައްޔަރު ކުރި އައްބާސް އާދިލް ރިޒާގެ ބަންދަށް 7 ދުވަސް އިތުރުކޮށްފިއެވެ.
އެނާގެ ބަންދުގެ މުއްދަތުގެ އިތުރުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އޭނާ ހައްޔަރު ކުރުމަށް ފަހު ޖެހި 5 ދުވަހުގެ ބަންދުގެ މުއްދަތު ހަމަވުމުންނެވެ. މިދިޔަ ހުކުރު ދުވަހަށް އޭނާގެ ބަންދުގެ މުއްދަތު ހަމަވެފައިވާ އިރު، ހަމަ އެ ދުވަހު އޭނާގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އައްބާސް ހައްޔަރު ކުރީ އަމަން އަމާންކަން ގެއްލޭ ގޮތަށް ތަކުރާރުކޮށް ވާހަކަ ދައްކައި، އެފަދަ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ކުރާ މައްސަލަ އޮތް އިރު އިންޑިއާ ހައިކޮމިޝަންގައި ހުޅުޖަހަން ފެންނަ ކަމަށް ޓްވީޓް ކުރީ އޭނާގެ އެކައުންޓަކުން ކަން ކަށަވަރު ކުރުމަށް ފަހުގައެވެ.
އައްބާސް އާދިލް ރިޒާގެ އެކައުންޓުން ކުރި ޓްވީޓުގައި، އޭނާ ތުހުމަތުކުރި ގޮތުގައި ފެބްރުއަރީ 8، 2012 ގައި އައްޑޫގައި ހުޅުޖެހީ އިންޑިއާގެ އޯޑަރަށެވެ. ފޮޓޯތަކާ އެކު ކުރި ޓްވީޓުގައި އޭނާ ބުނީ އެކަމުން ލިބުނު ގެއްލުމަށް އަދި އޮތީ ބަދަލު ނުހިފި ކަމަށެވެ. "އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ،" އިންޑިއާ އައުޓް ހޭޝްޓެގާ އެކު އޭނާ ކުރި ޓްވީޓުގައި ވެއެވެ.
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ތަރުޖަމާނު ކަމާއި، މެލޭޝިއާގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ވެސް މީގެ ކުރިން އިސް މަގާމެއްގެ އިތުރުން ބޮޑެތި އެހެން މަގާމުތައް ވެސް ފުރާފައިވާ އައްބާސް ކުރި ޓްވީޓް އެތައް ބަޔަކު ވަނީ ކުށްވެރި ކޮށްފައެވެ. އޭނާ އަށް ފިޔަވަޅު އެޅުމަށް އާންމުންނާއި ސިޔާސީ ޕާޓީތަކުން ގޮވާލާފައި ވެއެވެ. އަދި އެމްބަސީގައި ހުޅު ޖަހަން ހިތްވަރު ދޭ ގޮތަށް އޭނާ ކޮށްފައި ވާ ޓްވީޓްގެ މައްސަލަ ތަހުގީގު ކުރައްވާނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އޮތީ ދެއްވާފިއެވެ.
އައްބާސް އާދިލް ރިޒާގެ އެކައުންޓުން ކުރި ޓްވީޓުގައި އިންޑިއާއައުޓް ހޭޝްޓެގައެކު ބުނެފައި ވަނީ "ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހީ. އެކަމުގެ ބަދަލު އަދި އޮތީ ނުހިފި. އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަނީ" މިހެންނެވެ.