ރާއްޖޭގައި ކުނި މެނޭޖު ކުރުމުގައި ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މުޅި ރާއްޖެ ޒޯންތަކަކަށް ބަހާލައި އެ ޒޯންތައް މައިގަނޑު ތިން ސަރަހައްދަކަށް ހެދުމަށް ފަހު ސަރަހައްދީ ކުނި މެނޭޖުކުރުމުގެ ނިޒާމްތައް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް އެންވާރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ބުނެފިއެވެ.
އެންވާރަމަންޓް މިނިސްޓްރީން ބުނީ، ޒޯން 1 (ހއ، ހދ، އަދި ށ) އާއި ޒޯން 2 (ނ، ރ، ބ، އަދި ޅ) ހިމެނޭގޮތަށް ރ. ވަންދޫގައި ގާއުމު ކުރެވިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒު އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން ކަމަށެވެ. އަދި ޒޯން 3 (ކ، އއ، އދ، އަދި ވ) އާއި ޒޯން 4 (މ، ފ އަދި ދ) އާއި ޒޯން 5 (ތ އަދި ލ) އަމާޒުކޮށްގެން ކ. ތިލަފުށީގައި ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށެވެ.
އެގޮތުން ތިލަފުށީގައި ޒަމާނުއްސުރެ ޖަމާކޮށް އަންދަމުން ދުން އަރުވަމުންއައި ގޮނޑުގެ އަލިފާން ނިއްވާލާ އެތަނުން ކެނޑިނޭޅި އަރަމުންނަ ވިހަ ދުން މިހާރުވަނީ ނިއްވާލެވިފައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މިއާއެކު މި މަރުކަޒުގައި ވޭސްޓް ރިސެޕްޝަން ފެސިލިޓީއެއްގެ އިތުރުން ބޭލް ކުރުމާއި ބާވެ އުކާލާ ވެހިކަލް ޑިސްމެންޓްލް ކުރެވޭނެ ނިޒާމެއް ގާއިމުކޮށް އެ ވަސީލަތްތަކުގެ ބޭނުން ހިފަން ފަށާފައިވީ ނަމަވެސް އެ މަރުކަޒުގެ އެއްމެހާ މަސައްކަތްތައް އެއްކޮށް ނިއްމާލެވޭނެ ކަމަށް ލަފާކުރެވެނީ 2025 ވަނަ އަހަރުގެ ކުރީކޮޅުގައި ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ހަމައެއާއެކު ޒޯން 6 (ގއ އަދި ގދ) އާއި ޒޯން 7 (ޏ އަދި ސ) ހިމެނޭގޮތަށް އައްޑޫ ސިޓީގައި ސަރަހައްދީ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ގާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައި ކަމަށް އެންވާރަމަންޓުން ބުނެއެވެ. އެގޮތުން އެ މަރުކަޒުގައި ގާއިމުކުރުމަށް ކަނޑައަޅާފައިވާ މެޝިނަރީތަށް އިންސްޓޯލްކޮށް 2023 ވަނަ އަހަރު ކޮމިޝަން ކުރުމަށް ވަނީ ރާވާފައެވެ.
މި ސަރަހައްދީ ނިޒާމްތަކުގެ ތެރެއިން ކޮންމެ ސަރަހައްދެއްގައި ހިމެނޭ ރަށްރަށުގައި ރަށުފެންވަރުގެ ކުނި މެނޭޖުކުރުމުގެ މަރުކަޒެއް ގާއިމު ކުރެވި، ކުނި މެނޭޖުކުރުމުގެ އާލަތްތަކާއި ކުނި އުފުލުމަށް ބޭނުންވާ ވެހިކަލް ފޯރުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި ރަށު ފެންވަރުގައި މެނޭޖުނުކުރެވޭ ކުނި ރަށުން ބޭރުކޮށް ސަރަހައްދީ މަރުކަޒަށް ކުނި އުފުލުމަށް އުޅަނދުތައް ހޯދާ، ކުނި އުފުލުމުގެ ނިޒާމެއް ގާއިމުކުރެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން، ރިސޯޓުތަކާއި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން އުފައްދާ ކުނި ވެސް ސަރަހައްދީ ނިޒާމުގެ ތެރެއިން މެނޭޖް ކުރުމަށް ވަނީ ހަމަޖެހިފައެވެ.