މެންޗެސްޓާ ޔުނައިޓެޑާ އެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށްލިތާ ދެ މަސްވާ ގަތްވެފައިވާ ވަނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ އާ ކްލަބަކަށް ސޮއިކޮށްފިއެވެ.
އުމުރުން 37 އަހަރު ރޮނާލްޑޯ މިފަހަރު ސޮއިކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ޓީމު އަލް ނަސްރާއެކުއެވެ. މި ޓީމާއެކު ރޮނާލްޑޯ ކޮންޓްރެކްޓްގައި ސޮއިކޮށްފައިވަނީ 2025ގެ ނިޔަލަށެވެ.
ޔޫރަޕްގެ ހަތަރު ލީގެއްގައި ކުޅެފައިވާ ރޮނާލްޑޯ އަށް އަލް ނަސްރުން ދޭނީ ފުޓްބޯޅައިގެ ތާރީހުގައި ވެސް ދޭ އެންމެ ބޮޑު މުސާރައެވެ. އެއީ އަހަރަކު 177 މިލިއަން ޕައުޑާ ގާތް ކުރާ އަދަދެކެވެ.
ސައުދީގެ އަލް ނަސްރަށް ބަދަލުވެފައި ރޮނާލްޑޯ ބުނީ އޭނާ ހުރީ އާ ތަޖުރިބާއަކަށް ތައްޔާރަށް ކަމަށާއި ޔޫރަޕްގައި އޭނާ ހޯދަން ބޭނުންވާ ހުރިހާ ކާމިޔާބީއެއް މިހާރު ހޯދިއްޖެކަމަށެވެ. އަދި ދެން ބޭނުން ވަނީ އޭޝިޔާގެ ފުޓްބޯޅައިގައި ކާމިޔާބީ ހޯދަން ކަމަށް ވެސް ރޮނާލްޑޯ ބުންޏެވެ.
އަލް ނަސްރުން ބުނީ މިއީ ތާރީހީ އެއްބަސްވުމެއް ކަމަށާއި ރޮނާލްޑޯގެ މިނިންމުމާއެކު އެކްލާބާއި، ލީގު އަދި ގައުމުގެ އެތަށް ބަޔަކަށް ހިތްވަރާއި އުފާވެރިކަން ގެނެސްދޭނެ ކަމަށެވެ.
ރޮނާލްޑޯ ވަނީ 346 މެޗުގައި ޔުނައިޓެޑަށް 145 ލަނޑު ޖަހާ ދީފައެވެ. ޔުނައިޓެޑްގެ އިތުރުން ރޮނާލްޑޯ ވަނީ ސްޕެއިންގެ ރިއާލް މެޑްރިޑް އަދި އިޓަލީގެ ޔުވެންޓަސްއަށް ވެސް ކުޅެފައެވެ.
ގަތަރުގައި ބޭއްވި ވޯލްޑްކަޕްގައި ރޮނާލްޑޯ 1 ލަނޑު ޖެހި އިރު އޭނާއަކީ ވޯލްޑްކަޕްގެ ތާރީހުގައި ވެސް ފަސް މުބާރާތުގައި ލަނޑެއް ޖެހި ހަމައެކަނި ފިރިހެން ކުޅުންތެރިޔާއެވެ.
މެންޗެސްޓާ އާއެކު ރޮނާލްޑޯ ހެދި އެއްބަސްވުން އުވާލީ ދެ ފަރާތުން ވެސް ބޭނުންވެގެންނެވެ. އެއީ މިދިޔަ ނޮވެމްބަރު މަރު ރޮނާލްޑޯ ޕިއާސް މޯގަން ޝޯއަށް ދިން އިންޓަވިއުއެއްގައި އެ ކްލަބާއި ކޯޗު އެރިކް ޓެންހާގަށް ގިނަ ފާޑުކިއުންތަކެއް އަމާޒުކުރުމާއެކު އެވެ.