ޔޫކްރައިން ހަނގުރާމަ ފެށިފަހުން މިހާތަނަށް ހިންގާ އެންމެ ފުޅާ އަސްކަރީ ހަރަކާތުގައި ޔޫކްރައިން އަށް މިސައިލްގެ ވާރޭ ވެއްސާލައިފިއެވެ.

ޔޫކްރައިންގެ ވެރިރަށް ކީވް އާއި އެހެން ގިނަ ސަރަހައްދު ތަކަށް އެއްފަހަރާ މިސައިލުން ދިން މިހަމަލާތަކުގައި އާންމުންގެ އިމާރާތްތަކާއި އުމްރާނީ އެތައް ވަސީލަތްތަކެއް ބިމާ ހަމަވެފައި ވާ އިރު މި ހަމަލާތަކުގައި 3 މީހަކު މަރުވެގެން މިހާތަނަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ރަޝިއާއިން މިފަދަ ހަމަލާއެއް ދޭން އުޅޭކަމަށް މީގެ ކުރިން ޔޫކްރައިން އިން ބުނެ އާންމުކޮށް އެކަން އިއުލާންކޮށް އާންމުންގެ ސަމާލުކަމަށް އޮތީ ގެނެސްފައެވެ. އޭރު ޔޫކްރައިން އިން ކުރި އިއުލާންގައި ބުނީ ރަޝިއާއިން އަހަރު ނިމުމާ ދިމާކޮށް ވަރުގަދަ ހަމަލާއެއް ދޭން ތައްޔާރު ވާ ކަމަށާއި އެ ހަމަލާތަކުގެ އަމާޒަކަށް ޔޫކްރައިންގެ ކަރަންޓުގެ ވިއުގަ ހަދާނެ ކަމަށެވެ.

ޔޫކްރައިން ގެ ޑިފެންސް މިނިސްޓްރީން ބުނީ، ރަޝިއާއިން ދިން މި މިސައިލް ހަމަލާތަކުގައި ޔޫކްރައިންގެ ކަރަންޓް ވިއުގަ ހަލާކުވެ، އީސާއިންގެ ކްރިސްމަހާއި އާ އަހަރު ފާހަގަ ކުރުމުގެ ހަތަކާތްތަކަށް ބުރޫ އެރި ނަމަވެސް ރަޝިއާއަށް ޔޫކްރައިންގެ ރައްޔިތުން ބަލި ނުކުރެވޭނެ ކަމަށެވެ. އަދި ކަނު އަނދިރީގައިވެސް އާ އަހަރު ފާހަގަ ކުރުން ކުރިއަށް ދާނެ ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ރަޝިއާއިން މި ދިން މިސައިލް ހަމަލާތަކުގައި ލިބުނު ގެންލުމުގެ މިންވަރާއި ގެއްލުމުގެ ސާފު މައުލޫމާތުތަކެއް އަދި ނުލިބެއެވެ.

ނަމަވެސް ބައެއް އާންމުންނާ ހަވާލާދީ ހަބަރުފަތުރާ އިދާރާތަކުން ބުނެފައި ވަނީ، އެމީހުން ނިދާފައި ތިއްބާ، ހޭލައްވާލީ ސައިރަންގެ ބާރު އަޑުފައްގަނޑުން ކަމަށެވެ. އޭރު ބޯމަތިން މިސައިލްތައް ދާތަން ފެނުނު ކަމަށް ބުނެފައި ވެއެވެ.

ރޫކްރައިން ހަނގުރާމަ ކުރިއަށް ދެމިގެން ދާނެ ކަމުގެ އިޝާރާތް، ރަޝިއާގެ ބައެއް ސިޔާސަތުތަކާ އެކު ހާމަވެފައި ވާ އިރު، ރަޝިއާގެ ހާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވީ، ޔޫކްރައިން އިން ހުށަހަޅާފައިވާ 10 ނުކުތާގެ ސުލްހައިގެ ފޯމިއުލާއަށް މޮސްކޯއިން ވާހަކަ ނުދައްކާނެ ކަމަށެވެ. ޔޫކްރައިން އިން ހުށަހެޅި 10 ނުކުތާގައި ވަނީ، ރަޝިއާއިން ހިފާފައި ވާ ޔޫކްރައިންގެ ޝަހަރުތަކުން ފޭބުމާއި، ނިއުކްލިއާ ރައްކާތެރިކަން ޔަގީން ކޮށްދޭނެ ގޮތަކާއި، ކާބޯތަކެތީގެ ޔަގީން ކަމާއި، ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރާނެ ހާއްސަ ކޯޓެއް ހެދުމާއި އަދި ރަޝިއާ އާއެކު ސުލްހައިގެ މުއާހަދާއެއް ހެދުމެވެ.

ހަބަރުތައް ބުނާ ގޮތުން ރަޝިއާގެ ހަމަލާތަކުގައި މިހާރުވެސް ޔޫކްރައިންގެ ވެރިރަށް ކީވް ގެ 40 ޕަސެންޓް ވަނީ ކަނުއަނދިރީގައެވެ. ގިނަ ގެތަކަށް ބޯފެނެއް ނުލިބެއެވެ. ރަޝިއާގެ ހަމަލާތަކުގައި ޔޫކްރައިން އަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑު އިރު ދެފަރާތުގެ ކުރީ ސަފުގައި ހަރަކާތްތެރި ވާ ސިފައިންގެ ތެރެއިން ލައްކައަކާ ގާތް ކުރާ އަދަދަކަށް މީހުން މަރުވެ ޒަހަމްވެފައި ވާނެ ކަމަށް އެމެރިކާގެ އިންޓެލިޖަންސް އިދާރާތަކުން ބުނެއެވެ.