ޔަހޫދީ އިޒްރޭލުގެ ތާރީހުގައި ވެސް އެކުލަވާލި އެންމެ ހަރުކަށި ކަނާތުފިޔާގެ ކޯލީޝަން ސަރުކާރު އެކުލަވާލައި ބެންޖަމިން ނަތަންޔާހޫ އާއި ކެމިނެޓް ހުވާ ކޮށްފިއެވެ.
މިއަދު ޔަހޫދީ ޕާލިމަންޓުގައި ނަތަންޔާހޫ ބޮޑުވަޒީރު ކަމުގެ ހުވާ ކުރި އިރު، ގަދަކަމުން ހިފާފައި ވާ ފަލަސްތީނުގެ ބިންތަކުގައި ގާނޫނާ ހިލާފަށް ހިންގާ ގެދޮރު އެޅުމުގެ މަޝްރޫއު ފުޅާ ކުރުމަށާއި ފަލަސްތީނާ ދެކޮޅަށް އިތުރު ސިޔާސަތުތައް އެކުލަވާލަން އޭނާގެ ކެބިނެޓުން ވަނީ ވައުދުވެފައެވެ.
އުމުރުން 73 އަހަރުގެ ނަތަންޔާހޫ ސަރުކާރަށް ޔަހޫދީ ޕަލިމަންޓުގައި ތިބޭ 120 މެންބަރުންގެ ތެރެއިން 3 މެންބަރުން ތާއީދު ކުރެއެވެ. އަދި 53 މެންބަރުން ވަނީ އޭނާގެ ސަރުކާރަށް ތާއީދު ނުކުރާ ކަމަށް ބުނެފައެވެ.
ނަތަންޔާހޫ މިފަހަރު އެކުލަވާލި ހައްދުފަހަނައަޅާފައިވާ ސަރުކާރުގެ ސަބަބުން ފަލަސްތީނުގެ ރައްޔިތުން މިހާރުވެސް ތިބީ ކަންބޮޑުވެފައެވެ. ފަލަސްތީނުގެ ހުރިހާ ރައްޔިތުން މަރަން ގޮވި މީހުންވެސް ހިމެނޭ ޕާޓީ، ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ އިރު މެދުމިނުގެ ސިޔާސަތަށް ތާއީދު ކުރާ ޕާޓީއެއް އެކޯލިޝަންގައި ނެތެވެ.
މިއަދު އޮތް ހުވާ ކުރުމުގެ ރަސްމިއްޔާތުގައި ނަތަންޔާހޫ ބުނީ، އޭނާގެ އާ ސަރުކާރުގައި އެންމެ އިސްކަމެއް ދޭނެ އެއް ކަމަކީ އަރަބް-އިޒްރޭލް ކޮންފްލިކްޓް (އަރަބިންނާއި ޔަހޫދީންނާ ދެމެދުގައި އޮންނަ އަރާރުން ނުވަތަ ހިޔާލުތަފާތުވުން) ނިމުމަކަށް ގެނައުމާއި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓުވާލުމާ އެކު އަސްކަރީ ގޮތުން އިޒްރޭލް އިތުރަށް ބާރުވެރި ކުރުން ކަމަށެވެ. މީގެ އިތުރުން އެންމެ އިސްކަމެއް ދީގެން ކުރަން ނިންމާފައި ވާ ކަމަކީ، ހިފާފައިވާ ބިންތަކުގައި ކުރިއަށް ގެންދާ ގެދޮރު ޕްރޮގްރާމް ކަމަށް ވެސް އޭނާ ބުންޏެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިފާލު އަމަލެއް ނަމަވެސް މި އަމަލު އދ މަޖިލީހަށް ގެންދާ އިރަށް އެމެރިކާއިން ވީޓޯ ކުރެއެވެ. އެކަމާ ހުރެ، ޔަހޫދީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ކިތަންމެ ބޮޑު ޖަރީމާއެއް ހިންގިޔަސް އދ އަށް ކުރެވޭ އެއްކަމެއްވެސް ނޯވެއެވެ.
މިހާރުވެސް ކޮރަޕްޝަނާއި ފަސާދައިގެ ތުހުމަތު އޮތް ނަތަންޔާހޫ އާ ބެހޭ ގޮތުން އިދިކޮޅު ވާތުފިޔައިގެ ޕާޓީތަކުން ބުނީ، ނަތަންޔާހޫގެ އެއްވެސް ބާރެއް ނެތް ކަމަށާއި އޭނާއަކި "ބަލިކަށި މީހެއް" ކަމަށެވެ. އަދި އިޒްރޭލުގެ މިހާރުގެ ސަރުކާރު މިސްރާބު ޖަހާފައި އެވަނީ ވަރަށް ނުރައްކާ ދިމާލަކަށް ކަމަށާއި އާ ސަރުކާރުން ދައްކައިދެނީ އިޒްރޭލަކީ ފުރާ ފުރިހަމަ ވެފައި ވާ ނުލަފާ ޑިކްޓޭޓާޝިޕެއްގެ ގޮތުގައި ކަމަށެވެ.
އާ ސަރުކާރުން ގެދޮރު ޕްރޮގްރާމް ކުރިއަށް ގެންދަން ވައުދުވެފައި ވާ އިރު ފަލަސްތީނުގެ ބިންތަކަށް އަރާ ހިފައި، އެތަންތަނުގައި ގަވައިދާ ހިލާފަށް ގެދޮރު އެޅުމާ ދެކޮޅު ހައްދަވާނެ ކަމަށް އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކެން ވިދާޅުވެއެވެ.
އެނާ އެހެން ވިދާޅުވެފައި ވާ އިރު އެެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމަށް ވަޑައިގެން ވިދާޅުވެފައި ވަނީ ޔަހޫދީ އިޒްރޭލުގެ މަސްލަހަތުތައް ދިފާއު ކުރައްވާނެ ކަމަށެވެ. އެހެން ކަމުން ބްލިންކެން މި މޭރުމުން ވާހަކަ ދެއްކެވުމުން ސުވާލު އުފެދުނު ނަމަވެސް އޭނާ ވިދާޅުވީ، ފަލަސްތީނަކީ ވަކި ސްޓޭޓެއްް ނުވަތަ ސަރުކާރެއް ކަން ކަނޑަ ނޭޅުނަސް އުއްމީދު ގެއްލުނަ ނުދޭން އެމެރިކާއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ނަތަންޔާހޫ އަކީ އޭނާ ބޮޑުވަޒީރުކަން ކުރިން ކުރި 12 އަހަރުގެ ތެރޭގައި އެ ސަރަހައްދު ތަކުގައި ރެކޯޑް އަދަދަކަށް ގެދޮރު އެޅި މީހެކެވެ.
އޭނާ ކޯލިޝަން ހެދި ރިލިޖަސް ޒައޮނިޒަމް ޕާޓީ އަކީ ވެސް ޔަހޫދީ ގެދޮރު ޕްރޮގްރާމް ކުރިއަށް ގެންދަން ތާއީދު ކުރާ ޕާޓީއަކަށް ވާ އިރު ހުޅަނގު އައްސޭރީގައި ހިންގާ ގެދޮރު ޕްރޮގްރާމް ބަލަހައްޓަން އާ ސަރުކާރުގައި ހަވާލު ކޮށްފައި ވަނީވެސް އެ ޕާޓީއަށެވެ.
ނަތަންޔާހޫ އެކުލަވާލި އާ ސަރުކާރުގައި ހިމެނޭ ކަނާއަތުފިޔާގައި ނޯއާމް ޕާޓީގެ ލީޑަރަކީ އެލްޖީބީޓީކިއު (އެއްޖިންސުން ގުޅުން ހިންގުމާއި ޖީންސް ބަދަލުކުރުމާއި ބައިސެކްޝުއަލް ނުވަތަ ޖިންސީ ގުޅުން ހިންގުމުގައި ކޮންމެ ޖީންސެއް ވަރިހަމަވުން) އަށް ތާއީދު ކުރާ މީހެއް ނޫނެވެ. ދެން އެ ކޯލިޝަންގައި ހިމެނޭ ކަނާއަތުފިޔައިގެ ޖްވިޝް ޕާޓީ އަކީ ޓެރަރިޒަމާއި، އެލްޖީބީޓީކިއު އަށް ތާއީދު ކުރުމުގެ އިތުރުން، ގަވައިދާ ހިލާފަށް ގެދޮރު އެޅުމަށް ތާއީދު ކޮށް ފަލަސްތީނުގެ ރައްޔިތުންނާ މެދު ފާޅުގައި ނަފްރަތު އުފައްދާ ފަލަސްތީނުގެ ރައްޔިތުން ނައްތާލަން ފާޅުގައި ގޮވާ ޕާޓީއެކެވެ.
ނަތަންޔާހޫ ފަލަސްތީނުގެ އިތުރު ބިންތައް ހިފާ، އިތުރު ގެދޮރު އަޅާނަމަ އެކަން ވާނީ، 2020 ވަނަ އަހަރު އޭނާ ޔޫއޭއީއަށް ދިން އިތުބާރާ މުޅިން ހިލާފު ކަމަކަށެވެ. އޭނާ އެކަން ނުކުރާނެ ކަމަށް ބުނެ ވައުދުވުމުން މެދުއިރުމަތިން ސިޔާސީ ގުޅުން އުފެއްދި ފުރަތަމަ އަރަބި ގައުމަކީ ޔޫއޭއީއެވެ.