އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިތްހަމަޖެހިވަޑައި ނުގަންނަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނަވާތީ ނޫން ކަމަށާއި، ވެރިކަމުގައި ހުންނަވައި ވެރިކަން ނުކުރައްވާތީ ކަމަށް، ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ އިއްޔެ ބައްދަލުކުރައްވައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވީ، ނަޝީދު ބޭނުންފުޅުވަނީ ބޮޑުވަޒީރުކަން ކަމަށާއި އެކި ޕްލެޓްފޯމްތަކުގައި ނަޝީދު އެ ވާހަކަފުޅުތައް ތަކުރާރު ކުަރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ނަޝީދާއި ރައީސާ ދެމެދު މައްސަލަ ޖެހިފައި ވަނީ ނަޝީދު ވެރިކަން ބޭނުންވެ ވަޑައިގަންނަވާތީ ކަމަށާއި، އެމަނިކުފާނު ވެރިކަމުގައި ހުންނެވުމުން ވެސް ނަޝީދު ހިތްހަމަޖެހިވަޑައި ނުގަންނަވާ ކަމަށް ރައީސް ވިދާޅުވެފައި ވާތީ އެކަމާ މެދު ސުވާލު ކޮށްފައެވެ.

ނަޝީދުގެ ކެމްޕެއިން ޓީމްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ ހަސަން ވިދާޅުވީ، ނަޝީދަށް މައްސަލައަކީ ރައީސް އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެއްވުން ކަމަށާއި، ރައީސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައި ވީ ނަމަވެސް، ވައުދުތައް ފުއްދުމަށް މަސައްކަތް ނުކުރެއްވުން ކަމަށެވެ. ހަސަން ވިދާޅުވި ގޮތުގައި:

  • ނަޝީދު ނުރުހުންވެ ވަޑައިގަންނަވަނީ ރައީސް "ރިއެކްޓް" ނުކުރައްވާތީ
  • ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެ ގާތް ބޭފުޅުން ކޮރަޕްޝަންގެ އަމަލުތައް ހިންގަވާއިރު ރައީސް އަޅާނުލައްވާތީ

"ރައީސް ނަޝީދަށް މައްސަލައަކީ ރައީސް ސޯލިހު ވެރިކަމުގައި ހުންނެވުމެއް ނޫން، ވެރިކަމުގައި ނުހުންނެވުން، ވެރިކަން ކުރައްވާތަން ފެނިވަޑައި ނުގަތުން، ކަމެއް ނުކުރެއްވުން، އެއްވެސް ކަމަކާ އަޅާނުލެއްވުން، ފަރުވާ ކުޑަކުރެއްވުން،" ހަސަން ވިދާޅުވިއެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ނަޝީދުގެ ކެމްޕެއިން "ފިކުރެއްގެ ދިރުން" ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއް ކަމެއްގެ ގޮތުގައި ނަޝީދު ވިދާޅުވީ، ކަންކަން ހައްލުކުރެއްވުމަށް ރައީސް އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށެވެ. އެތައް މައްސަލައެއް ހުރި ނަމަވެސް، ރައީސް އެއްވެސް ވަރަކަށް "ރިއެކްޓް" ނުކުރައްވާ ކަމެވެ.

"ވެށިފަށި މާލެ ޕްރޮގްރާމަށް ވެސް އެއްވެސް ރިއެކްޝަނެއް ނެތް. އެއް ދަންފަޅީގެ މަދަރުސާ އަކަށް ވެސް ނެތޭ ރިއެކްޝަނެއް. އައްޑޫ ސިޓީއާ ބޮޑެތި ރަށްތަކުގެ އިގްތިސޯދު، ވަށައިގެންވާ އެހެން ރަށްތަކާއި އަދި ތިނަދޫގެ ބޮޑު އިގުތިސޯދު، ބޮޑު އިގުތިސޯދު ހުވަދު އަތޮޅުގެ، އެތައް ރަށެއްގެ، ކިތަންމެ ރަށެއް މިހާރު އެބަހުރި 4،000 މީހުންނަށް ދާ. މިއީ އެކަށީގެންވާ ރަނގަޅު ވިކުރާއެއް ނުކުންނާނެ ވިޔަފާރި ކުރެވޭނެ ރަށްރަށް،" ރައީސް ސޯލިހަށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވިއެވެ.