ޔޫޓީއެފްގެ އަސްކަރީ ބަނދަރު ތަރައްގީ ކުރަން އިންޑިއާގެ ސަރުކާރުގެ ކުންފުންޏަކާ ހަވާލުކުރަން އެ ގައުމުން ނިންމައިފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައިވަނީ އެ މަޝްރޫއު ހިނގަން ހަވާލުކުރަން ނިންމާފައިވަނީ 2.9 ބިލިއަން ރުފިޔާއަށް އިންޑިއާގެ ރެއިލް ވިކާސް ނިގާމްއާއެވެ.

އެ ނޫސްތަކުގައި ބުނެފައިވާ ގޮތުން އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރާތާ 2 އަހަރު ތެރޭގައި މަސައްކަތްތައް ނިންމަން ޖެހެއެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި އުތުރުތިލަފަޅުގައި ބަނދަރަކާއި ޑޮކްޔާޑެއް ތަރައްގީކުރުމަށް އިންޑިއާ އާއެކު އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ފެބްރުއަރީ 21، 2021 ގައެވެ.

ސިފަވަރު ޔޫޓީއެފް ބަނދަރާއި ޑޮކްޔާޑުގެ ސަބަބުން ރާއްޖެއިން ބޭރަށް ނުގެންގޮސް ރާއްޖޭގައި ބާއްވައިގެން ކޯސްޓްގާޑުގެ އުޅަނދުތަކަށް ބޭނުންވާ މަރާމާތުގެ ކަންކަން ކުރެވުމުގެ ސަބަބުން ގިނަ އަދަދެއްގެ ހަރަދާއި ވަގުތު ސަލާމަތްވާނެ ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް މުހައްމަދު ސަލީމް ވިދާޅުވިއެވެ.

ބާތިންގް ފެސިލިޓީގެ ސަބަބުން ބޮޑެތި އުޅަނދުތަކަށް ވެސް އެއްވަގުތެއްގައި ބަނދަރުކުރެވުމުގެ ސަބަބުން ލިބޭ ފަސޭހަތަކާއި، އިންސާނީ އެހީއާއި ކާރިސާގެ ވަގުތުތަކުގައި ހިންގާ އޮޕަރޭޝަންތައް ފަސޭހަކަމާއެކީ ކުރިއަށް ގެންދިޔުމަށް މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.