ފިނިމޫސުމުގެ އެންމެ ނުރައްކާ ތޫފާން "ބޮމްބް ސައިކްލޯން" އެމެރިކާއަށް އަރާ، ބޯ ސްނޯއާއި އިންތިހާ ބާރު ފިނި ވައިގެތެރެއަށް ހުށަހެޅިގެންނާއި މަގުމަތީގެ ލާރު އެކްސިޑެންޓްތަކުގައި މިހާތަނަށް 18 މީހަކު މަރުވެއްޖެ ކަމަށް ރިޕޮޓް ކޮށްފިއެވެ. މިއާއެކު އެތައް ހާސް ގެއަކުން ކަރަންޓް ކެނޑި އިންތިހާ ފިންޏާ ކުރިމަތިލަން ޖެހިފައި ވާ ކަމަށްވެސް ހަބަރުތައް ބުނެއެވެ.

"ބޮމްމް ސައިކްލޯން" އަކީ ތެތްފިނިކަން ކުއްލިއަކަށް އިންތިހާހަށް ދަށަށް (24 ގަޑިއިރުގެ ތެރޭގައި 24 މިލިބާއަށް ވުރެ ދަށަށް) ގޮސް، ބާރު ޕްރެޝަރާއެކު ސްނޯ ފައިގެން އަންނަ އައުމަށް ދީ އުޅޭ ނަމެކެވެ.

މިއީ ފާއިތުވި 20 އަކަށް އަހަރުގެ ތެރޭގައި އެމެެރިކާއަށް އެރީ އެންމެ ފިނި ތޫފަން ކަމަށް ރެކޯޑް ކުރެވިފައި ވާ އިރު، ބައިނަލްއަގުވާމީ އުދުހުންތަކާއި އެތެރޭގެ އުދުހުންތަކުގެ 3000 ފްލައިޓް މިހާރު ވަނީ ކެންސަލް ކޮށްފައެވެ. ސްނޯ ފައިގެން އަންނަ ބާރު މިނާއި ބޯ މިން އިތުރުވެ، ބައެއް ސަހަރައްދުތަކުގައި 37 އިންޗިއަށް ސްނޯ ހެދިފައި ވާ އިރު އެހެން ބައެއް ސަރަހައްދުތަކުގައި ބާރު ވަޔާއެކު 6-12 ފޫޓުގެ އުސްމިނުގެ ސްނޯގެ ރާޅުތައް ނުވަތަ ސްނޯގެ ފަރުބަދަތައް ވަނީ އުފެދިފައެވެ. މަގުތައް ބަންދުވެ ވެހިކަލްތައް ވަޅުލެވެމުން ދާއިރު، ރަށްފުށު ހިސާބުތަކުގައި ހޫނު ލިބިގަތުމަށް އަންދާނެ ދަރު ނެތި މީހުން އަންނައުނުތައް އަންދަމުން ދާ ކަމަށްވެސް ހަބަރުލިބެއެވެ.

އީސާއީންގެ ކްރިސްޓްމަސް ބޯ ސްނޯއާ ދިމާވެފައި ވާ އިރު، ދުނިޔޭގެ ހޫނު ބައްރުތަކަށް ދަތުރު ނުކުރެވި އެތައްހާސް ބަޔަކު އެއާޕޯޓްތަކުގައި ވެސް އެބަތިއްބެވެ.

ބޯ ސްނޯ އިން ސަލާމަތް ވުމަށް މީހަކު ސްނޯތައް ނަގާ އެއްކައިރި ކުރަނީ / ފޮޓޯ: ރޮއިޓާސް

މޫސުމާ ބެހޭ އެމެރިކާގެ އިދާރާތަކުން ބުނާ ގޮތުގައި އަހަރު ނިމުމާ ހަމައަށް ސްނޯގެ މި ނުރައްކާ ދެމިގެން ދާނެއެވެ. އެހެން ކަމުން އާންމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ބޭރަށް ނުކުމެ ނޫޅުމަށް އިލްތިމާސް ކޮށްފައި ވާ އިރު، ބޭރުގައި ފިހި ހޫނު މިން ހުރި މިންވަރުން 10 ވަރަކަށް މިނެޓްގެ ތެރޭގައި މީހާގެ ހަށިގަނޑުގެ އެތަން މިތަން ރޭޝް ވެ ހަންގަނޑު ހަލާކު ކޮށްލާ، އަދި އަތާއި ފައިގެ އިންގިލިތައް ފިނިވެ ފަޅައިގެން ދިޔުމުގެ އިތުރުން ނޭފަތުގެ ޓިޝޫތައްވެސް ހަލާކު ކޮށްލާކަމަށް ބުނެއެވެ. މަރުވި މީހުންގެ ތެރެއިން ބައެއް މީހުންނަކީ އެ ފިންޏަށް ހުށަހެޅިގެން ސިއްހީ ހާލަތު ގޯސްވެ މަރުވި މީހުންނެވެ.

މި ތޫފާނުގައި މިއަދަކީ އެމެރިކާގެ ރައްޔިތުން ތަޖުރިބާ ކުރާ 3 ވަނަ ދުވަސް ކަމަށް ވާއިރު ކެނެޑާއިން ފެށިގެން އެމެރިކާ ހުރަސް ކޮށް މެކްސިކޯއާ ހަމައަށް ތޫފާން ވަނީ ފުޅާވެފައެވެ. ހަބަރުތައް ބުނާ ގޮތުން މިހާތަނަށް 230 މިލިއަން މީހުންނަށް މި ތޫފާނުގެ އަސަރު ވަނީ ކޮށްފައެވެ. އެމެރިކާގައި ހަކަތަ އުފައްދާ ނިޒާމަށް ބާރު ބޮޑުވެ، 300،000 އެއްހާ ގެއާއި ވިޔަފާރިތަކަށް އެކަށީގެންވާ ކަރަންޓް ނުލިބި ހޫނު ކުރާ ނިޒާމުތައް ރަނގަޅަށް ބޭނުން ކުރުމުގައި ދަތިތަކާ ދިމާވެފައި ވާ ކަމަށްވެސް ބުނެއެވެ. ބޯ ސްނޯގައި މީހަކު ހާލުގައި ޖެހުނު ނަމަވެސް އެމީހަކާ ހަމައަށް އެމްބިއުލާންސް ތަކަށް ދިޔުމަށާއި އެފަދަ މީހަކު ހޮސްޕިޓަލާ ހަމައަސް ގެންދިޔުމަށް އެތައް ގަޑިއިރެއް ނަގާ އިރު، ދުރުހިސާބުތަކަށް އެހިދުމަތް ދޭން ހެލްކޮޕްޓަރު ފަދަ އުޅަނދުތައްވެސް އުދުއްސޭ ވަރަށް ވުރެ ތޫފާނުގެ ބާރު ގަދައެވެ.