އެކި އެކި ގޮތް ގޮތުން ޗައިނާ އަށް އެމެރިކާއިން ބުލީ ކުރާ ކަމަށާއި، އެމެރިކާ އުޅެނީ "ސަލާމީ ސްލައިސިން" (ސަލާމީ ފޮތިފޮތި ކުރުން) ކުރާހެން ޗައިނާ އަށް ހަދަން ކަމަށް ވިދާޅުވެ، ޗައިނާގެ ހާރިޖީ ވަޒީރު ވެންގް ޔީ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އަށް އިންޒާރު ދެއްވައިފިއެވެ.

ދެ ވަޒީރުން ކުރިއަށް ގެންދެވި ފޯން ކޯލެއްގައި އެ މޭރުމުން ޗައިނާގެ ހާރިޖީ ވަޒީރު ވާހަކަ ދެއްކެވީ، ޓައިވާން މައްސަލައިގައި މަޑުމަޑުން ތިބެ އާއި އަދި ފާޅުގައި އެމެރިކާއިން ކުރަމުން ދާ ކަންތައްތަކުގެ ސަބަބުން، ޗައިނާއަށް ކުރިމަތިވާ އުނދަގޫތަކާ ހުރެއެވެ.

އެ ފޯން ކޯލްގައި ވޭންގް ވިދާޅުވީ، އެމެރިކާއިން ސަމާލުކަން ދޭންވީ، ޗައިނާވެސް ކަންބޮޑުވާ ހައްސާސް މައްސަލަތަކަށް ކަމަށާއި އޭގެ ބަދަލުގައި ޗައިނާގެ ކުރިއެރުމަށް އެމެރިކާއިން ހުރަސް އަޅާ ރަތް ރޮނގު ހުރަސް ނުކުރުމަށެވެ.

އެމެރިކާއިން ޗައިނާ އާއި ޓައިވާން ވަކިކޮށްލެވޭތޯ އެކިއެކި ގޮތް ގޮތުން މަސައްކަތް ކުރާ އިރު، ޓެކްނޮލޮޖީގެ ދާއިރާއިން ޗައިނާއަށް ފިއްތުމަށް ފަހު ޓައިވާނުގެ ޓެކްނޮލޮޖީ އެމެރިކާއިން ހޯދުމާއި، އަސްކަރީ ގޮތުން ޓައިވާނަށް އެހީތެރިވެ ދިނުމާއި، އިންޑޯ ޕެސިފިކް ކަނޑުގައި ޗައިނާގެ ބާރު ކަނޑުވާލަން، ޖަޕާން، އޮސްޓްރޭލިއާ، އިންޑިއާ، އިންޑޮނީޝިއާ އަދި ދެކުނު ކޮރެއާ ފަދަ ގައުމުތަކާ ގުޅިގެން ކުދިކުދި ފިޔަވަޅުތައް އަޅަމުން އަޅަމުން ދިޔުން ހިމެނެއެވެ.

ޗައިނާއިން ތުހުމަތު ކުރަނީ، އެކިއެކި ގައުމުތަކާ ގުޅިގެންނާއި އަދި އެމެރިކާ ވަކިން އޮވެ މަޑުމަޑުން ޗައިނާއަށް ޖެއްސުން ކުރުމުގެ އެކިއެކި ފިޔަވަޅު އަޅަނީ، އެއްފަހަރާ ބޮޑު ފިޔަވަޅެއް އަޅައިގެން ކާމިޔާބު ނުކުރެވޭނެތީ ކަމަށެވެ.

ވޭންގް މި މޭރުމުން ވާހަކަ ދެއްކެވި އިރު، ދުނިޔޭގެ އެންމެ ބޮޑު 2 އިގްތިސޯދުގެ ވެރިން، ދެގައުމުގެ ނުތަނަވަސް ކަމާއެކުވެސް އެންމެ ފަހުން ބޭއްވި ޖީ20 ގައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ބައްދަލު ކުރައްވާ، ކަންކަން ހައްލުކުރެވޭނެ މަގަށް މަޝްވަރާތައް ކުރިއަށް ގެންދަން އޮތީ އެއްބަސްވެ ވަޑައިގެންފައެވެ. އަދި އެ މަޝްވަރާތަށް ފެށޭ އަހަރުގެ ތެރެއަށް ބަހާލައިގެން ހުރިހާ ދާއިރާއެއްގެ ވެރިންގެ ފެންވަރުގައި ކުރިއަށް ގެންދަންވެސް ދެގައުމުގެ ވެރިން އެއްބަސްވެ ވަޑައިގަތެވެ.

ޗައިނާއިން ގަބޫލު ކުރާ ގޮތުގައި، ޗައިނާ ކަނޑުގައި ޗައިނާ އާ ގާތުގައި އޮންނަ ޓައިވާނަކީ އެގައުމުގެ ބައެކެވެ. އެހެން ކަމުން އެއްވެސް މާނައެއްގައި އަމިއްލަ މިނިވަން މުސްތަގިއްލު ދައުލަތަކަށް ޓައިވާނަކަށް ނުވެވޭނެއެވެ.

އެހެން ކަމުން އެމެރިކާއިން މަސައްކަތް ކުރަނީ، މަޑުމަޑުން މަޑުމަޑުން އެކިއެކި ނުފޫޒާއި ފިއްތުންތަކާ އެކު ޓައިވާން ވަކިކޮށްލަން ކަމަށާއި، އެކަން އެހެން ކުރަނީ އެކަމުގެ ދިފާއުފައި ޗައިނާއިން ކުއްލި ރައްދެއް ދިނަ ނުދޭންވެގެން ކަމަށެވެ.

ޓައިވާން މައްސަލައިގައި އެމެރިކާއިން ބުނަމުން ދަނީ ޗައިނާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން އެ ސަރަހައްދުގެ ސަލާމަތާއި އަދި ޓައިވާނުގެ ދެމިއޮތުމަށް ނުރައްކާ ވަމުން ދާ ކަމަށާއި ޗައިނާއިން ޓައިވާނަށް އަރައިގެންފި ނަމަ، އެމެރިކާގެ ސިފައިން ޓައިވާނަށް ފޮނުވައިގެން ވިޔަސް ޗައިނާއާ ހަނގުރާމަ ކުރައްވާނެ ކަމަށެވެ.

މިއީ ޗައިނާއިން ބުނާ "ފުރަތަމަ ރަތް ރޮނގު" އެވެ.

ވޭންގް ގެ ފޯން ކޯލްގައި އޭނާ ވަނީ، ބާލީ ފޯރަމްގައި ދެގައުމުގެ ވެރިން މަޝްވަރާ ކުރެއްވި މަގަށް ކަންކަން ގެންދިޔުމަށް ބްލިންކަންގެ އަރިހުން އެދިވަޑައިގެންފައެވެ. އެގޮތުން މަޝްވަރާ އަށް އިސްކަން ދެއްވާ ދެގައުމުގެ ދެމެދުގައި ހިޔާލުތަފާތުވާ ވަކިވަކި މައްސަލަތަކަށް ހައްލު ހޯދުމަށް އޭނާ އެދިވަޑައިގަތެވެ.