އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ދެވަނަ ދައުރެއް ނުލިވި ބަލިވެވަޑައިގަން އިންތިހާބަށް ފަހު، އޭނާގެ ސަޕޯޓަރުންގެ ބަޔަކު އެމެރިކާގެ ގާނޫނު ހަދާ މަޖިލީސް އިމާރާތަށް ވަދެގަތެވެ. އެމީހުން އެތަނަށް ވަދެ ބައެއް ތަކެއްޗަށް ގެއްލުން ދީ ބައެއް ލިޔެކިޔުންތައް ގެންދިޔަ އިރު މަޖިލީހުގެ ރައީސް ނޭންސީ ޕެލޯސީގެ އޮފީހަށް ވަދެ އެތަނަށްވެސް ގެއްލުން ދީފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ނަތީޖާއިން ޓްރަމްޕް ބަލިވެވަޑައިގަންތާ 3 މަސް ވާން އުޅެނިކޮށް ޖެނުއަރީ 6، 2021 ގައި އާންމުން މަޖިލީސް އިމާރާތަށް ވަދެގަތުމުގައި، ޓްރަމްޕްގެ ދައުރު ބޮޑުކަމަށާއި އެކަން ކުރީ، އޭނާ ކޮޅަށް އިންތިހާބުގެ ނަތިޖާ ފުރޮޅާލުމަށް ކަމަށްވެސް ބުނެފައި ވެއެވެ.

845 ސޮފްހާގެ ރިޕޯޓުގައި، އެއީ ބަޣާވާތެއް ކަމަށް ބުނެފައެއް ނުވެއެވެ. ނަމަވެސް އާންމުން މަޖިލީސް އިމާރާތަށް ވަދެގަންނަން ރެޥި ހިސާބުންނާއި، އެކަން ކުރުމަށް ހިއްވަރު ދެއްވި އެއް ބޭފުޅަކީ ޓްރަމްޕް ކަމަށް ބުނެފައިވެއެވެ.

އަދި އޭނާ ސީދާ ގޮތުން އެކަމަށް ހިއްވަރު ދެއްވި ކަމަށާއި، އިންތިހާބުގެ ނަތީޖާ އިއުލާން ކުރަމުން ދިޔަ އިރު އޭނާ އަށް އިންތިހާބު ކާމިޔާބު ވެއްޖެ ކަމަށް ވިދާޅުވަމުން ގެންދެވި ކަމަށާއި، ނަމަވެސް އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ރައީސް ޖޯ ބައިޑަން ކަން ނަތީޖާތަކުން ހާމަ ވާން ފެށުމުންވެސް ޓްރަމްޕް ވަނީ، އިންތިހާބު ކާމިޔާބު ވީ އޭނާ އަށް ކަމަށް ވިދާޅުވެ، އިދިކޮޅުން ނަތީޖާ އޮޅުވާލަނީ ކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާފައެވެ.

ޖެނުއަރީ 6، 2021 ގެ މައްސަލަ ބަލާ ކޮމިޓީގެ ބައެއް ބޭފުޅުން / ފޮޓޯ: އޭއެފްޕީ

ޓްރަމްޕްގެ އެވާހަކަތައް އަޑު އަހާ ސަޕޯޓަރުން ތިބީ ޓްރަމްޕް ވިދާޅުވާ ގޮތެއް ހަދަން އޭރު ތައްޔާރަށް ކަމަށާއި، އެހެން ކަމުން، މިޖިލީސް އިމާރާތަށް ސަޕޯޓަރުން ވަދެގަންނަށް ހިތްވަރު ދެއްވީ ސީދާ ޓްރަމްޕް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށް ކޮމިޓީން ބުނެއެވެ.

އަދި އެ ދުވަހު ސަޕޯޓަރުން ކެޕިޓޮލް އަށް ވަދެ ގެއްލުންތައް ދިން އިރުވެސް ޓްރަމްޕް އެކަމާ އަޅާ ނުލައްވާ ހުންނެވި ކަމަށް ވެސް ރިޕޯޓުގައި ފާހަގަ ކުރެއެވެ.

18 މަސް ވާންދެން ކުރިއަށް ގެންދިޔަ ކެޕިޓޮލް (ގާނޫނު ހަދާ މަޖިލީސް) ތަހުގީގުގައި ތަހުގީގު ކޮމިޓީން ވަނީ 1000 އަށް ވުރެ ގިނަ މީހުންނާ ސުވާލު ކޮށް އިންޓްވިއުކޮށްފައެވެ. އޭގެ ތެރޭގައި ޓްރަމްޕްގެ އާއިލާގެ ބައެއް ބޭފުޅުންނާއި އޭނާ އާ ގާތް ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ނަަވެސް ތަގުގީގަށް ޓްރަމްޕް އެއްބާރުލުން ދެއްވާފައި ނުވާ ކަމަށާއި ވިދާޅުވަމުން ގެންދަަވނި އެ ތަހުގީގަކީ ސިޔާސީ ތަހުގީގެއް ކަމަށެވެ.

845 ސޮފްހާގެ ރިޕޯޓުގެ މައްޗަށް ތައްޔާރު ކުރި ހުލާސާ ބަޔާނުގައި، ޓްރަމަޕް މިހާރު ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރައްވާ ކަން ފާހަގަ ކޮށް ދައުލަތުގެ އެއްވެސް އޮފީހެއްގެ މަގާމަކަށް އޭނާ އަށް ކުރިމަތި ނުލެވޭގޮތް ހަދަން ޖެހޭ ކަމަށް ބުނެފައި ވެއެވެ.