ދިރިއުޅުމުގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ވަނީ ވޭތުވެދިޔަ 58 އަހަރު ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން ސިއްހީ ދާއިރާއިން، އެސްޓީއޯ އިން ހޯދާފައިވާ ކުރިއެރުންތަކުގެ ތެރެއަށް ބަލާލާއިރު މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެސްޓީއޯގެ ފާމަސީއެއް ގާއިމް ކޮށްފައިވުމަކީ ފާހަގަކޮށްލެވޭ މުހިންމު ކުރިއެރުމެކެވެ.

އެސްޓީއޯގެ ފާމަސީތަކުގެ ސަބަބުން ރަށްރަށަށް މިވަނީ ފައިދާކުރަނިވި، ހެޔޮ ބަދަލުތަކެއް އައިސްފައެވެ. ރާއްޖެއަކީ ގުދުރަތީ ގޮތުން ކުދިކުދި ޖަޒީރާތަކަކަށް ބެހި އުފެދިފައިވާ ގައުމެކެވެ. ވަށައިގެން އޮންނަނީ ކަނޑުކަމުން އެއްރަށުން އަނެއްރަށް ދަތުރުފަތުރު ކުރުމަކީ ސިއްހީ ހިދުމަތް ހޯދުމުގައި ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. ގިނަފަހަރު ރަށުން ކުދި ކުދި ކަންކަމަށް ޑޮކްޓަރަށް ދެއްކުމަށް ފަހު ވެސް ބޭސް ސިޓީއަށް ބޭސް ހޯދަން، ދާން ޖެހެނީ އެހެން ރަށަކަށެވެ. ޒަމާނުއްސުރެ ކަން މިހެން އޮތް އިރު ރަށްރަށުން ބޭސް ލިބުމުގެ ދަތިތަކަށް ހައްލު ހޯދައި ދެވި، ރާއްޖޭގެ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސް ފިހާރަތައް ހުޅުވިގެން ދިއުމަކީ އަތޮޅު ތެރޭގައި ދިރިއުޅޭ އެންމެނަށް ވެސް ލިބިގެން ދިޔަ ބޮޑު ލުޔެކެވެ.

ކ. ހިންމަފުށީގައި ހުންނަ އެސްޓީއޯގެ ފާމަސީ

އަތޮޅުތެރޭ ރައްޔިތުންގެ އިހްސާސްތައް!

ދ. މާއެނބުދޫގައި އެސްޓީއޯގެ ފާމަސީއެއް އަޅައި ހިދުމަތް ދޭން ފަށާފައި ވަނީ ޖުލައި 21، 2015 ގައެވެ. އަދި މިއީ އެ ރަށުގައި ވެސް ހުޅުވިގެން ދިޔަ ފުރަތަމަ ފާމަސީއެވެ. އެ ރަށުން މައުލޫމަތު ދިން މީހަކު ބުނީ، ރަށުގައި އެސްޓީއޯގެ ފާމަސީއެއް އެޅުން ވެގެން ދިޔައީ ހުރިހާ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. ކުރިން ފާމަސީ ނުހުންނައިރު، ބޭސް ގަންނަން ދާން ޖެހެނީ އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ދ. ކުޑަހުވަދޫއަށް ކަމަށާއި އެ ރަށުން ބޭސް ނުލިބިއްޖެނަމަ ދެން ދާން ޖެހެނީ މާލެއަށް ނުވަތަ ކައިރި އަތޮޅުތަކުން ބޭސް ލިބޭނެ ފަދަ ރަށްރަށަށް ކަމަށެވެ.

"ފާމަސީ ހުޅުވި ހިސާބުން ޑޮކްޓަރަށް ދައްކާ މީހުންގެ އަދަދުވެސް ގިނަވެގެން ދިޔަ"
މާއެނބޫދޫ ރައްޔިތެއް.

ގިނަފަހަރު ބޭސް ހޯދުމުގެ ބުރައާ ހުރެ ޑޮކްޓަރަށް ވެސް ނުދައްކާ ހުންނަ ކަމަށާއި މާލެއަށް އަންނަ ފަހަރަކު ޑޮކްޓަރަށް ދައްކަން މަޑު ކުރާ ކަމަށް ވެސް އޭނާ ބުނެއެވެ. ދަތުރުފަތުރު ކުރުމުގައި ގޮންޖެހުންތަކެއް ހުންނަ އިރު، ބޭސް ހޯދުމަށް އެ ގޮތަށް ދަތުރުކުރަން ޖެހުމަކީ އެންމެންނަށް އެހާ ފަސޭހަ ވާނެ ކަންކަމެއް ނޫންކަމަށެވެ. އެގޮތުން ރަށުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވައި، ހިދުމަތް ދޭން ފެށުމުން މުޅި ރަށުގެ މާހައުލަށް ބޮޑެތި ބަދަލުތަކެއް އައިސްގެން ދިޔަކަމަށް އޭނާ ބުންޔެވެ.

ހަމަ އެ ދުވަސްވަރު ފާމަސީ ހުޅުވި، ގއ. ނިލަންދޫ ރައްޔިތެއް ބުނީ، އެ ރަށުގައި އެސްޓީއޯ ފާމަސީ ހުޅުވުމުގެ ކުރިން ފާމަސީއެއް ނުހުންނަ ކަމަށާއި އެއީ ވަރަށް ބޮޑު ދަތިތަކަކާ ކުރިމަތިލާން ޖެހުނު ދުވަސްވަރެއް ކަމަށެވެ. ބޭސް ނުލިބޭތީ ރަށުގައި އެ ވަގުތު ހުރި ސިއްހީ މަރުކަޒުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް އެ ރަށު މީހުން ފާހަގަ ކުރިއެވެ. އެހެންކަމުން ބަލި ވެއްޖިއްޔާ ދާން ޖެހެނީ ގއ. ވިލިގިއްޔަށް ކަމަށާއި، އެ ރަށަށް ދިއުމަށާއި ހުރުމަށް އަތުން އެތަކެއް ހޭދައެއް ކުރަންޖެހުން ވެގެން ދިޔައީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށް ކަމަށް އޭނާ ބުނެއެވެ. އެ ހާލުގައި ތިއްބާ ރަށުގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވުމުން އެތައް ގޮތަކުން ފަސޭހަ ވެގެން ދިޔަ ކަމަށް އޭނާ ބުންޏެވެ. އަނދިރި ގަނޑަކުން އަލިކަމަކަށް ގެނުވައި ދިން ކަމަށް އޭނާ ސިފަ ކުރެއެވެ.

"ބޭސް ފިހާރައެއް ނެތި ހޭދަވި ދުވަސްތަކަކީ ރަށުގައި ހުރި ސިއްހީ މަރުކަޒުގެ އެއްވެސް ބޭނުމެއް ނެތް ދުވަސްތަކެއް. އެއީ ވަރަށް އުނދަގޫ އަދި ދަތި ދުވަތަކެއް. ނަމަވެސް ބޭސް ފިހާރަ ހުޅުވުމުން ވަރަށް ފަސޭހަ ވި."
ނިލަންދޫ ރައްޔިތެއް

މީގެ އިތުރުން ހއ. ވަށަފަރުގައި އެސްޓީއޯ ފާމަސީ ހުޅުވުމުން އެކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ވީ ފަސޭހަ ހާމަކުރަމުން އެ ރަށު މީހަކު ބުނީ، އެ ދުވަސްވަރު އެ ރަށުގައި އަމިއްލަ މީހަކު ހިންގާ ފާމަސީއެއް ހުރި ކަމަށެވެ. އަދި އެ ބޭސް ފިހާރައިން ބޭސް ލިބެމުން ދިޔަ އިރު އާސަންދައިގެ ހިދުމަތް ބަރާބަރަށް ލިބެން ދަތިވިކަމަށެވެ. އާސަންދައިގެ ހިދުމަތް މުޅި ރާއްޖެއަށް ލިބެމުން ދިޔައިރު ވެސް ވަށަފަރު ރަށްވެހިން އޭގެން މަހްރޫމް ވެފައިވާކަމުގެ އިހްސާސެއް ކުރެވުނު ކަމަށް އޭނާ ބުނެއެވެ. ނަމަވެސް އެ ރަށުގައި އެސްޓީއޯ ފާމަސީއެއް ހުޅުވިގެން ދިއުމުން ތަކުލީފުތަކަށް ތަސައްލީއެއް ލިބި، އާސަންދައިން ބޭސް ލިބެން ފެށުނެވެ. އަދި މިއީ ރައްޔިތު މީހާގެ ޖީބަށް އިހްސާސް ވެގެން ދިޔަ ތަރައްގީގެ މަޝްރޫއެއް ކަމަށް އޭނާ ބުނެއެވެ.

ރަށްރަށަށް ބޭސް ފޯރުކޮށް ދިނުމުގައި ހުރި ގޮންޖެހުން

ހުރިހާ ރަށެއްގައި ބޭސް ފިހާރަ ހުޅުވައި އެސްޓީއޯއިން ރައްޔިތުންނަށް ލުއި ފަސޭހާ ކަމާއެކު ބޭސް ލިބޭނެ ގޮތް މަގުފަހިކޮށް ދިންތާ މިއަދާ ހަމައަށް 7 އަހަރުވެފައިވާ އިރު އަދިވެސް މި ހިދުމަތް ފޯރުކޮށް ދިނުމުގައި ގޮން ޖެހުންތަކެއް ހުރިކަމަށް އެސްޓީއޯ އިން ބުނެއެވެ. އެންމެ ބޮޑު އެއް ގޮންޖެހުމަކަށް ވެފައި ވަނީ ދަތުރުފަތުރުގެ ނިޒާމު އޮތް ގޮތުން ރަށްރަށަށް ހުއްޓުމެއް ނެތި ބޭނުންވާ ބޭސް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތެވެ.

އެސްޓީއޯގެ ފާމަސީއަކަށް ބޭސް ނަގަން ދިޔަ މީހަކަށް ހިދުމަތް ދެނީ

އަމިއްލަ ފަރާތްތަކުގެ ދަތުރުފަތުރު ކުރާ އުޅަނދުތަކުގައި ބޭސް ފޮނުވަން އުޅޭއިރު ޝެޑިއުލްއަށް ކުއްލި ބަދަލެއް އައިސް އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ވެސް ފުރުން ލަސްވެގެންދެއެވެ. މިފަދަ ކަންކަން ދިމާ ވާއިރު ބައެއް ބޭސްތަކަކީ ވަކި ފިނި ހޫނު މިނެއްގައި ބަހައްޓަން ޖެހޭ އެއްޗަކަށް ވާއިރު، ބޭސް ރަށްރަށަށް ފޮނުވުމުގައި ގޮން ޖެހުންތަކެއް ހުރި ކަމަށް އެސްޓީއޯއިން ބުނެއެވެ. ނަމަވެސް އާރްޓީއެލް ފަދަ ޝެޑިއުލްޑް ލޮޖިސްޓިކްސް ފެރީ ނެޓްވޯކްއަކުން މުޅި ރާއްޖެ ގުޅުވައިލެވިއްޖެ ނަމަ އެކަމަށް ލުޔެއް ލިބިގެން ދާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.

ފާމަސީ ހިދުމަތް ރަނގަޅު ކުރުމަށް ކުރެވޭނެ ކަންކަން

އެސްޓީއޯގެ ފާމަސީތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަދަދު މި ވަނީ 587 އަށް އަރާފައެވެ. ރަށްރަށުގައި ބޭސް ފިހާރަތައް ހުޅުވިގެން ދިއުމުން މި ވަނީ ވަޒީފާގެ ފުރުސަތުތައް ވެސް ފަހިވެ ގިނަ ބައެއްގެ ދިރިއުޅުމަށް ކުރިއެރުން ލިބިފައެވެ. ނަމަވެސް އަދިވެސް ރަށްރަށުގެ ފާމަސީތަކަށް ބޭނުންވާ ފާމަސިސްޓް ތަމްރީން ފުރިހަމަކޮށްފައިވާ ދިވެހިން ލިބުމުގެ ދަތިކަން ހުރިކަން އެސްޓީއޯއިން ފާހަގަ ކުރިއެވެ.

އެސްޓީއޯ އިން ފާމަސިސްޓުން ތަމްރީން ކުރުމަށް ހިންގި ޕްރޮގްރާމެއްގެ ތެރެއިން

އެކަމަށް ހައްލު ހޯދުމަށް މިހާރު ވެސް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިރު، އެސްޓީއޯ ޓްރެއިނިން އިންސްޓިޓިއުޓުން މުވައްޒަފުން ތަމްރީން ކުރުމާއި ފާމަސީ ދާއިރާއަށް ޝައުގުވެރިވާ ކުދިން ވަޒީފާއަށް ނެގުމަށް ފަހު، އެ ކުދިންނަށް ބޭނުންވާ ތަމްރީންތައް ދެމުންދާ ކަމަށް ވެސް އެސްޓީއޯއިން ބުނެއެވެ. މީގެއިތުރުން ވެސް މުވައްޒަފުން މާލެއަށް ގެނެސް ކަސްޓަމާ ސާވިސް، އަދި އެޑްމިން ދާއިރާއިން ވެސް އިތުރު ތަމްރީންތައް ދީގެން މުވައްޒަފުން ހަރުދަނާކޮށް ކުރިއަރުވަން މަސައްކަތް ކުރަމުން އަންނަކަން އެސްޓީއޯ އިން ފާހަގަކުރެއެވެ.

އެސްޓިއޯ ފާމަސީ އާ މޮޑެލް

އެސްޓީއޯއިން ފަހުން ތަރައްގީ ކުރަމުންއަންނަ ފާމަސީ ތަކަކީ ފާމަސީގެ ހިދުމަތް އިތުރަށް ފުޅާވެ، އިތުރު މާނައެއް ގެނެސްދޭނެ ބަދަލެކެވެ. އެސްޓީއޯ ފާމަސީ އާ މޮޑެލްއަކީ މޯލްޑިވްސް ފުޑްސް އެންޑް ޑްރަގްސް އޯތޯރިޓީ (އެމްއެފްޑީއޭމި) ސްޓޭންޑާޑަށް ތަރައްގީ ކުރެވެމުން އަންނަ ފާމަސީތަކެކެވެ.

އެސްޓީއޯ ފާމަސީގެ ކުރީގެ މޮޑެލް

މިފާމަސީ ތަކުގައި ބޭސް ރައްކާކުރުމަށް އެކަށީގެންވާ ސޮޓޯރޭޖެއް ވެސް ހުންނާނެއެވެ. މީގެ ސަބަބުން ބޭސް ހުސްވެގެން ދިއުމުގެ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އަދި ހިދުމަތް ހޯދެވުމަށް އަންނަ މީހުންނަށް ބޭހުގެ މައުލޫމާތާއި، ބޭސް ބޭނުންކުރަން ޖެހޭ ގޮތާއި ކަންކަމާބެހޭ ގޮތުން މައުލޫމާތު ދިނުމުގައި ކަސްޓަމަރުންނާ މެދު އަމަލުކުރާނެ ގޮތުގެ ތަމްރީންތައް، އެސްޓީއޯގެ ފާމަސިސްޓުންނަށް، އިތުރަށް ދިނުމުން އެކަމުގެ ލުއި ފަސޭހަ ރައްޔިތުންނަށް ލިބޭނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ފާމަސީގެ އާ މޮޑެލް

އަދި ކިއު ކުޑަ ކުރުމަށާއި، ކިއުގައި މަޑުކޮށްލަން ޖެހޭ ވަގުތު އިށީނދެ ތިބެވޭނެ ތަނެއް ވެސް ތަރައްގީ ކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެސްޓީއޯ އިން ބުނެއެވެ.

އެސްޓީއޯ ހިޔާ ސަރަހައްދު ފާމަސީ

މިހާރު ވެސް ފާމަސީތައް ތަރައްގީކޮށް އިތުރު ފާމަސީ ހުޅުވައި ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށް ދިނުމަށް އެސްޓީއޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގައި އެއްފަހަރާ ގިނަ ބަޔަކު އާބާދުވަމުން އަންނަ ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީ މި ވަގުތު ވެސް ރަނގަޅު ފާމަސީގެ ހިދުމަތް ބޭނުން ޖެހިފައިވާ ސަރަހައްދެކެވެ.

ހުޅުމާލެގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ހިޔާ ފްލެޓްތައް/ ފޮޓޯ: ދަ ޕްރެސް

އެސްޓީއޯ އިން އަންނަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބޭސް ފިހާރައެއް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. ކައިރި މުސްތަގްބަލެއްގައި އެ ބޭސްފިހާރަ ހުޅުވި ރައްޔިތުންނަށް ހިދުމަތް ދޭން ފަށާނެ ކަމަށް ބުނާ އިރު މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވަމުން އަންނަ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް އުފާވެރި ހަބަރެކެވެ.

އެސްޓީއޯއަކީ ރާއްޖޭގެ ރައްޔިތުންގެ ޒަރޫރީ ކަންކަމަށް ބޭނުންވާ ތަކެތި ފޯރުކޮށް ދިނުމަށްޓަކައި ދިވެހި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. މިހާރު 58 އަހަރު އެސްޓީއޯއަށް ފުރިފައިވާ އިރު ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ހިދުމަތްތައް ފޯރުކޮށް ދިނުމުގައި އެސްޓީއޯއިން އަންނަނީ ނަމޫނާ ދައްކަމުންނެވެ. އަދި އޭގެ ހެއްކަކީ ރައްޔިތުންގެ އިތުބާރާއި ލޯބި ލިބިފައިވާ ކަމެވެ. ގިނަ ހިދުމަތްތަކެއް ކޮށްދެމުންދާ އެސްޓީއޯގެ ސަބަބުން، އާންމުންގެ ދިރިއުޅުމަށް އެތައް ލުއި ފަސޭހައެއް ލިބިފައިވާކަމީ މިއަދު ވެސް އެސްޓީއޯ އިން ދެމުން އަންނަ ހިދުމަތްތައް ރައްޔިތުން ބަލައިގަންނަކަމުގެ ހެއްކެކެވެ.