ކުޑަކުދިންގެ މެދުގައި މަގުބޫލު ގޭމެއް ކަމުގައި ވާ ފޯޓުނައިޓް ގޭމު މެދުވެރިކޮށް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަތުމުގެ އިތުރުން އޮޅުވާލައިގެން ގޭމް ތެރެއިން އެއްޗެހި ގަންނަން ޖެއްސި ކަމަށް އެއްބަސްވުމުން އެ ގޭމް އުފެއްދި ކުންފުނި 520 މިލިއަން ޑޮލަރުން ޖޫރިމަނާ ކޮށްފިއެވެ.
އެ ގޭމް އުފެއްދި ކުންފުންޏަށް ތުހުމަތުތައް ކުރެވުނީ ގޭމް ލޯޑްވަމުން ދާ އިރު ބައެއް ފީޗާތައް ގަންނަން ޖެހޭ ކަމަށް ބުނެ އަރުވާ ބަޓަނަކީ އޮޅުވާލައިގެން ކުރަމުން ދިޔަ ވިޔަފާރިއެއްކަން ފަޅާއެރުމުންނެވެ.
ހަނގުރާމަ ކޮށް މީހުން މަރާ ހަދާަ ގޮތަށް ޑިޒައިން ކޮށްފައި ވާ ގޭމް، 2017 ގައި ލޯންޗް ކުރި ފަހުން މިހާތަނަށް 400 މިލިއަން ޔޫސާސް (މީހުން) އެ ގޭމު ކުޅެއެވެ. މި ގޭމަކީ ފްރީކޮށް ޑައުންލޯޑް ކުރެވޭ ގޮތަށް ދޫކޮށްފައި ހުންނަ ގޭމެއް ނަމަވެސް އިން އެޕް ޕާސޭސް ނުވަތަ ގޭމް ތެރެއިން ގިނަ އެއްޗެހި ގަންނަން ޖެހެއެވެ. އެ ގޮތުން އެ ގޭމުގައި އުޅޭ ކެރެކްޓާ ލާ ހެދުމާއި، އެ ކެރެޓާ ތަކުގެ ޑާންސް މުވްސް ފަދަ ފީޗާތައް ހިމެނެއެވެ.
އެމެރިކާގެ ކޮންސިއުމާ ވޮޗްޑޯގް ނުވަތަ ބެލެނިވެރި ފަރާތް ކަމުގައި ވާ ފެޑެރަލް ޓްރޭޑް ކޮމިޝަން (އެފްޓީސީީ) އިން ބުނީ، އެ ގޭމް ކުންފުނި ޖޫރިމަނާ ކުރި ސަބަބުތަކުގެ ތެރޭގައި ބެލެނިވެެރިންގެ ރުހުން ނެތި ކުޑަކުދިންގެ ޒާތީ މައުލޫމާތު ނެގުމާއި، ގޭމްގައި ބޭނުން ކުރާ ވޮއިސް ފީޗަ މެދުވެރިކޮށް ބްލީ ކުރުމުގެ ފުރުސަތު ދީފައިވުން ހިމެނޭ ކަމަށެވެ. މި ކަމަށް އެ ކުންފުނިން 275 މިލިއަން ޑޮލަރު ދައްކަން ޖެހޭ އިރު، އޮޅުވާލައިގެން ބިލް ކުރުމުގެ މައްސަލައަށް 245 މިލިއަން ޑޮލަރު ވަނީ ދައްކަން ޖެހިފައެވެ.
އެފްޓީސީން އިތުރަށް ބުނީ، ގޭމް އާ ގުޅޭ ގޮތުން ޝަކުވާ ކުރި ބައެއް ކަސްޓަމަރުން (ޔޫސާސް) ގެ އެކައުންޓްތައް ބްލޮކް ކުރުމުގެ އިތުރުން، އެޕް ނުވަތަ ގޭމްގައި ހިމެނޭ ރީފަންޑް ފީޗާ އާއި ކެންސަލް ފީޗާ ފަސޭހައިން ނުފެންނާނެހެން ވެސް ހަދާފައި ވާ ކަމަށެވެ.
މި ހުރިހާ ތުހުމަތަކަށް އެކުންފުނިން އިއުތިރާފުވެ ޖޫރިމަނާ ދައްކަން އެއްބަސް ވެ ބުނީ، ކުރިއަށް އިތް ތާނގައި އެފަދަ މައްސަލައެއް ދިމާ ނުވާނެހެން އުސޫލުތަކާ އެއްގޮތަށް ފީޗާތައް ބަދަލު ކުރާނެ ކަމަށާއި ގޭމަށް ކަސްޓަމަރުންގެ ފަރާތުން އޮތް އިތުބާރު ދަމަހައްޓަން ބޭނުން ވާ ކަމަށެވެ.
ފޯޓްނައިޓް ގޭމަކީ ރާއްޖޭގައި ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި ޒުވާނުން ކުޅޭ ގޭމެކެވެ.