ރަޝިއާއިން ޔޫކްރައިން އަށް އަރާ ކުރަމުން ދާ ހަނގުރާމައިގައި ހަރަކާތްތެރިވާ ރަޝިއާ ސިފައިންގެ ހިތްވަރު އެލުނަ ނުދޭން ރޫހު އާލާ ކުރުމާއެކު ހިތްވަރު އާ ކުރަން، ލަވަ ކިޔާ މީހުންނާއި މިއުޒިކު ކުޅޭ މީހުން ފޮނުވަން ރަޝިއާ ޑިފެންސް މިނިސްޓްރީން ނިންމައިފިއެވެ.

ރަޝިއާއިން މި ނިންމުން އިއުލާން މިކުރީ، ހަނގުރާމައިގެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންގެ ހިތްވަރު އެލި ރޫހު ގެއްލިފައި ވާ ކަމަށް އިނގިރޭސިވިލާތުގެ ޑިފެންސް އިންޓެލިޖެންސްގެ އޮފިޝަލުން ހާމަ ކުރިތާ ދުވަސްކޮޅެއްވެސް ނުވަނީހެވެ.

މިކަމާ ގުޅިގެން އިނގިރޭސިން ބުނެފައި ވަނީ، ރަޝިއާގެ އެ އުކުޅަކީ އިންޓެލިޖެންސް އުކުޅެއް ކަމަށެވެ.

ރަޝިއާއިން މި ނިންމުން ނިންމާ އިއުލާން ކުރުމުގެ ކުރިން ރަޝިއާގެ ޑިފެންސް މިނިސްޓަރު ސާޖިއޭ ޝޮއިގޫ ވަނީ ރޫކްރައިން ސަރަހައްދުގައި ހަރަކާތްތެރިވާ ރަޝިއާ ސިފައިންގެ ޕޯސްޓް ތަކަށް ޒިޔާރަތް ކުރައްވާ ސިފައިންގެ ހަރަކާތްތައް ބައްލަވާފައެވެ.

ހަނގުރާމައިގެ ކުރީ ސަފުގެ ރޫހު އާލާ ކުރަން ރަޝިއާއިން މިއުޒިކާއި ލަވަ ކިޔާ ބްރިގޭޑެއް ތައްޔާރު ކުރަ އިރު، ދާދިފަހުން ޑިފެންސް މިނިސްޓްރީން ވަނީ މިއުޒިކް ކުޅޭ ސާމާނު ހަދިޔާ ކުރުމަށް އާންމުކޮށް ހުޅުވާވެސް ލާފައެވެ. މި ބްރިގޭޑްގައި ހަނގުރާމައިގައި ބައިވެރިވުމަށް ރަޝިއާގެ ރައީސް ވްލްޑިމިއާ ޕުޓިން ތަމްރީނު ކުރައްވަމުން ގެންދަވާ ޕެރްމިލިޓަރީން ހިމެނޭ ކަމަށާއި އަދި އޭގެ ތެރޭގައި އަމިއްލަ އަށް ވޮލަންޓިއާ ކޮށްގެން ބައިވެރިވާ ޕްރޮފެޝަނަލް މިއުޒީޝަނުންވެސް ހިމެނޭ ކަމަށް ހަބަރު ލިބެއެވެ.

ރަޝިއާގެ މި ފިޔަވަޅަށް ފާޑު ކިޔަމުން އިނގިރޭސިވިލާތުން ބުނީ، މިހާރުވެސް އެތައް ބަޔަކު މަރުވަމުން ގޮސް ރޫހު ގެއްލި، ހިންގުންތެރިކަމެއް ނެތް އަދި މުސާރައިގެ މައްސަލަތައްވެސް ކުރިމަތިވެފައި ވާ ރަޝިއާގެ ފައުޖުތަކަށް މިކަމުން ލިބޭނެ ރޫހަކާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ރަޝިއާ އާއި ޔޫކްރައިންގެ އެންމެ ފަހުގެ ހަބަރުތައް ބުނާ ގޮތުން، ޑޮންބަސް ގެ އިރުމަތީ ސިޓީއެއް ކަމަށް ވާ ބަކްމުތްގައި ވަރުގަދަ އަށް ހަމަލާ ބަދަލުކުރަމުން އެބަދެއެވެ. އެ ސަރަހައްދުގައި ރަޝިއާ ސިފައިންނަށް މަދަދު ދޭ އަމިއްލަ ޖަމާއަތެއް ކަމުގައި ވާ ވެންގާ ގްރޫޕްގެ މެމްބަރުންވެސް ހިމެނޭ ކަމަށް ހަބަރުތައް ބުނެއެވެ.

ރަޝިއާއިން ވަނީ މިދިޔަ ހުކުރު ދުވަހު އެކަނިވެސް ރޫކްރައިންގެ ކަރަންޓުގެ ވަސީލަތްތަކަށް އަމާޒު ކޮށް 76 މިސައިލް ހަމަލާ ދީފައެވެ. ނަމަވެސް މީގެ ތެރެއިން 60 މިސައިލް އަމާޒަށް ވާސިލުވުމުގެ ކުރިން ގޮއްވާލި ކަމަށް ޔޫކްރައިން އިން ބުނެއެވެ.