ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތްތައް ކުރާ އިންޑިއާގެ އެފްކޯންސް ކުންފުނީގެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ އަށް ފަހު ގެއްލުނު މުވައްޒަފަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ގުޅީފަޅުގައި ހުންނަ އެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާގައި 76 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން ހަ މީހަކަށް ސީރިޔަސް އަނިޔާތަކެއްވެ، އެކަކަށް އައިސީޔޫގައި ދަނީ ފަރުވާ ދެމުންނެވެ.

މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ގުޅީފަޅުގައި ހުންނަ އެފްކޯންސްގެ އެކޮމޮޑޭޝަން ބްލޮކްގައި އުޅުނު މީހުންގެ ތެރެއިން އެކަކު އަލިފާނުގެ ހާދިސާ އަށް ފަހު ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އޭނާ ހޯދުމަށްޓަކައި އަލިފާނުގެ ހާދިސާ ހިނގި އެކޮމޮޑޭޝަން ބްލޮކާއި، ވަށައިގެންވާ ސަރަހައްދުތައް އިތުރަށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަލިފާނުގެ ހާދިސާ އާ ގުޅިގެން އެފްކޯންސްގެ މުވައްޒަފަކު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތްތައް ފަށާފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުން ހަމަނުޖެހުން ހިންގަމުންދާ ކަމުގެ މައުލޫމާތު، މިއަދު ހެނދުނުގެ ވަގުތެއްގައި ލިބިފައިވާ ކަމަށް ފުލުހުން މިއަދު ކުރީކޮޅު ބުންޏެވެ.

500 އަށް ވުރެ ގިނަ މުވައްޒަފުން ތިބި އެ އެކޮމޮޑޭޝަން ބްލޮކްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން 76 މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. އޭގެ ތެރެއިން 63 މީހަކަށް ޓްރީޓޮޕް ހޮސްޕިޓަލުގައި، އަދި 13 މީހަކަށް އައިޖީއެމްއެޗުގައި ދަނީ ފަރުވާ ދެމުންނެވެ.

އެ ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު މުވައްޒަފުންނަށް ވަނީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ. ގުޅިފަޅުގައި އެފްކޮންސްގެ އިތުރު އެކޮމޮޑޭޝަންތަކެއް ހުރިއިރު އެ ތަންތަނުގެ އިތުރުން އެޗްޑީސީގެ އެހީއާއެކު ގުޅީފަޅުގައި އިތުރު އެކޮމޮޑޭޝަންތަކެއް ވަނީ ހަމަޖައްސައިފައެވެ.