މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ އާ ދައުރުގެ ރައީސް ކަމަށް ދައުލަތުގެ މީޑިއާ (ޕީއެސްއެމް)ގެ އަހްމަދު މުސްތަފާ އަދި ނައިބަކަށް ވަގުތު ނޫހުގެ ހުސައިން ޝަރީފް އިންތިހާބު ކޮށްފިއެވެ.

މީޑިއާ ކައުންސިލްގައި 15 މެންބަރުން ތިބޭއިރު، އޭގެ ތެރެއިން 13 މެންބަރުންގެ ދައުރު އިއްޔެ އަށް ހަމަވާތީ މިދިޔަ ހޮނިހިތު ދުވަހު އިންތިހާބު ބާއްވައި، މެންބަރުން ވަނީ އިންތިހާބު ކޮށްފައެވެ. އެގޮތުން އާންމު ހަ މެންބަރެއް އަދި މީޑިއާ އިން ހަތް މެންބަރަކު ކައުންސިލަށް ވަނީ އިންތިހާބު ކޮށްފައެވެ.

ކައުންސިލްގެ އާ ދައުރަށް އިންތިހާބުވި މެންބަރުން ވަނީ މަގާމާ ހަވާލުވުމަށް ފަހު މިއަދު ބޭއްވި ޖަލްސާގައި ކުރިއަށް އޮތް ދެ އަހަރަށް ކައުންސިލްގެ ރައީސާއި ނައިބު ހޮވައިފައެވެ. މެންބަރުންގެ މެދުގައި ވޯޓު ނެގި ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އިބްރާހީމް ސަމީރެވެ.

މިއަދު ބޭއްވި ޖަލްސާގައި އެންމެ ފުރަތަމަ ހޮވާފައި ވަނީ ކައުންސިލްގެ ރައީސެވެ. ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލެއްވީ މުސްތަފާގެ އިތުރުން އާފަތިސް ނޫހުން އަލީ ނިޝާން (މިލްޒީރޯ) އެވެ. ނުވަ މެންބަރުންގެ ވޯޓާ އެކު މުސްތަފާ ރައީސް ކަމަށް އިންތިހާބުވެފައިވާއިރު، ނިޝާނަށް ލިބުނީ ހަ މެންބަރުންގެ ވޯޓެވެ.

އެއަށްފަހު ކައުންސިލްގެ ނައިބުގެ މަގާމަށް ވެސް ބޭފުޅަކު އިންތިހާބުކުރިއިރު، ތިން ބޭފުޅަކު ކުރިމަތިލެއްވިއެވެ. އެއީ ހުސައިނާއި ވަން އޮންލައިންގެ މުހައްމަދު ސިމާއުގެ އިތުރުން އަމިއްލަ މެންބަރު އަހްމަދު އަމީން މުހައްމަދެވެ. ހަތް މެންބަރުންގެ ވޯޓާ އެކު އާ ނައިބަކަށް އިންތިހާބުވީ ހުސައިނެވެ. ދެން ވާދަކުރެއްވި ބޭފުޅުން ކަމަށްވާ އަމީނަށް ލިބިވަޑައިގަތީ ހަ ވޯޓެވެ. އަދި ސިމާއު އަށް ދެ ވޯޓެވެ.

ވޯޓު ނެގިއިރު ކައުންސިލްގެ ރިޔާސަތުގައި ސެކްރެޓަރީ ޖެނެރަލް އިންނެވުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށް ބައެއް މެންބަރުންނަށް ފާހަގަކުރެއްވުމުން އަލުން ވޯޓު ލާން ނިންމި ނަމަވެސް، ކައުންސިލްގެ ލީގަލް ޓީމުން އެކަން ބަލައި ނިންމީ އެއީ މައްސަލައެއް ނޫން ކަމަށެވެ.

މީޑިއާ ކައުންސިލްގެ ކޮންމެ މެންބަރެއްގެ ދައުރަކީ ދެ އަހަރެވެ. އަންނަ އަހަރު އެ ކައުންސިލްގެ ދެ މެންބަރެއްގެ ދައުރު ހަމަވާއިރު، އަލަށް އިންތިހާބުކުރެވުނު މެންބަރުންގެ ދައުރު ހަމަވާނީ 2024 އަށެވެ.